މަޖިލީހުގެ އިންތިހާބުގެ ބިލް: 50 މީހުންގެ ސޮޔާއި ޑިޕޮޒިޓް ހުށަހަޅަން ނުޖެހޭ ގޮތް ހެދުމަށް މެންބަރުން ގޮވާލައްވައިފި

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލައްވާ ބޭފުޅުން، 5000ރ. ގެ ޑިޕޮޒިޓެއް ބަހައްޓައި 50 މީހުންގެ ސޮއި ހޯދަން ނުޖެހޭނެ ގޮތަކަށް އާންމު އިންތިހާބާ ބެހޭ ގާނޫނު ހެދުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ގޮވާލައްވައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ، ދައުރުން ބޭރުގައި ބޭއްވި ތިން ވަނަ ޖަލްސާގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ބިލް މަޖިލީހަށް ބަލައިގަތުމަށް ފެނޭތޯ ކުރެވުނު ބަހުސްގައި، ވާހަކަ ދެއްކެވި ގިނަ މެންބަރުން، ހިޔާލު ފާޅުކުރައްވާފައިވަނީ، މި ދެ މައްސަލައިގެ މައްޗަށެވެ. ބައެއް މެންބަރުން ވިދާޅުވި ގޮތުގައި އިންތިހާބުތަކުގައި ވާދަކުރުމަށް ގާނޫނު އަސާސީގައި ދީފައިވާ ހައްގެއް، ފަހުން ހެދޭ އެއްވެސް ގާނޫނަކުން ހަނިކުރުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ބެހޭ ބިލްގެ 10 ވަނަ މާއްދާގެ (ށ) އާއި (ނ) އަށް ރިއާޔަތްކުރައްވައި ބައެއް މެންބަރުން ވިދާޅުވީ، ޕާޓީގެ ޓިކެޓްގައި އިންތިހާބުގައި ވާދަކުރައްވާ ފަރާތްތަކުން ޑިޕޮޒިޓް ބެހެއްޓުމާއި 50 މީހުންގެ ސޮއި ހޯދުމަކީ ބޭނުންކަމެއް ނޫން ކަމަށެވެ. އަނެއް ބައެއް މެންބަރުން ވިދާޅުވީ، ޕާޓީގެ ޓިކެޓްގައި ވާދަކުރައްވާ ފަރާތްތަކުން 50 މީހުންގެ ސޮއި ނުހޯދި ކަމުގައި ވިޔަސް، އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުން، އެ މީހުންނަށް ތާއީދު އޮތްކަން ހާމަކުރުމުގެ ގޮތުން ކަނޑައެޅޭ ވަކި އަދަދަކަށް ސޮއި ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެން ނޫން ނަމަ، އިންތިހާބުތަކުގައި ވާދަކުރުން ކުޅިވަރަކަށް ހަދާފާނެ ކަމަށެވެ.
ޅ. މެންބަރު އަހްމަދު މުހައްމަދު ވިދާޅުވީ، ޕާޓީގެ ފަރާތުން ވާދަކުރާ ފަރާތްތަކުން 50 މީހުންގެ ސޮއި ހޯދަން ނުޖެހި، އަމިއްލަ ގޮތުން ވާދަކުރާ ފަރާތްތަކުން އެ ސޮއި ހޯދާ ގޮތަށް އޮތުން ރަނގަޅު ކަމަށެވެ.
ނ. މެންބަރު އަބްދުﷲ ޔާމީން ވިދާޅުވީ، މުޅި މި ބިލް ވެސް އޮތީ އަމިއްލަ ކެންޑިޑޭޓުން ވާދަކުރައްވާ އިންތިހާބަކަށް ފަރުމާކޮށްފައި ކަމަށާއި ރާއްޖޭގައި ޕާޓީ ސިސްޓަމެއް އޮތް އިރު، އެ ކަމަށް ރިއާޔަތްކޮށްފައި ނުވާ ކަމަށެވެ. މިހާރު މި ބިލް އޮތް ގޮތް ބަދަލުކޮށް، ޕާޓީތަކަށް މި ގާނޫނުގައި އިތުރު ފުރުސަތު ދިނުމަށް އޭނާ ގޮވައިލެއްވި އެވެ. އަދި އިންތިހާބުގައި ވާދަކުރާ ފަރާތްތައް 50 މީހުންގެ ސޮއި ހޯދުމުން ހާސިލުވަނީ ކޮން މަގްސަދެއްތޯ އޭނާ ސުވާލުކުރެއްވި އެވެ.
"ގާނޫނު އަސާސީން ލިބިދޭ ފަސޭހަކަން ގާނޫނުތަކުން ވެސް ދޭންޖެހޭނެ. ފަސް ހާސްް ރުފިޔާގެ ޑިޕޮސިޓެއް ބަހައްޓާކަށް އެއްގޮތަކަށް ވެސް ނުފެނޭ،" އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވި ގޮތުގައި މިހާރު މި ބިލް އޮތް ގޮތުން ސިވިލް ސާވިސްގެ މީހުންނަށް އިންތިޚާބެއްގައި ވާދަކުރަން ބޭނުން ނަމަ، އެ ކަމުގެ ފުރުސަތު ވަރަށް ހަންޏެވެ. އެ ގޮތުން އިންތިޚާބެއް ބޭއްވުމުގެ ހަ މަސް ކުރިން އެ ވަޒީފާއަކުން އިސްތިއުފާ ދޭން އޮންނަ އޮތުމާ ދެކޮޅަށް ޔާމީން ވާހަކަފުޅު ދެއްކެވި އެވެ.
ޔާމީން ވިދާޅުވީ، ވަޒީރުންގެ ގޮތުގައި ތިއްބަވާ ބޭފުޅުންނަށް އެ މަގާމުގައި ތިއްބަވައިގެން ވެސް މަޖިލީހުގެ އިންތިހާބުގައި ވާދަކުރެއްވޭ ކަމަށާއި މަގާމުން އިސްތިއުފާ ދެއްވަން ޖެހެނީ މަޖިލީހުގެ މަގާމާ ހަވާލުވާއިރު ކަމަށެވެ. ނަމަވެސް ވަޒީރުންނާއި އެ ފަދަ މަގާމުތަކުގެ މީހުންނަކީ، ސިވިލް ސާވިސްގެ ބޭފުޅުންނަށް ވުރެ، އިންތިހާބުތަކަށް ނުފޫޒު ފޯރުވުމުގެ ފުރުސަތު ބޮޑު ބައެއް ކަމަށް ޔާމީން ވިދާޅުވި އެވެ.
މީގެ އިތުރުން، އެއްވެސް ދާއިރާއަކަށް އެންމެ މީހަކު ކުރިމަތިލާފައި އޮވެއްޖެ ނަމަ، އެ ދާއިރާއަކަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވައިލުމަށް، މި ބިލްގެ 19 ވަނަ މާއްދާގައި ބުނެފައި އޮންނަ އޮތުމަށް ވެސް ބައެއް މެންބަރުން ދެކޮޅު ހެއްދެވި އެވެ. އެކަމާ ދެކޮޅަށް ވަކާލާތުކުރެއްވި މެންބަރުން ވިދާޅުވީ، ޝަރުތު ހަމަވާ އެކަކު ކުރިމަތިލައިފި ނަމަ، އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އޭނާ އަށް ދީ، ވޯޓު ދިން މީހުންގެ 50 ޕަސެންޓަށް ވުރެ މަތީ އަޣުލަބިއްޔަތެއް ލިބިއްޖެ ނަމަ އެ މީހަކު އިންތިހާބުވީ ކަމަށް ކަނޑައެޅުން ރަނގަޅު ކަމަށެވެ.
މި ބިލްގައި ނުހިމެނޭ ބައެއް ކަންކަން ފާހަގަކުރައްވަމުން ގދ. މެންބަރު ޒާހިރު އާދަމް ވިދާޅުވީ، އިންތިހާބުވެ ވޯޓު ގުނުމުގައި އަމަލުކުރާނެ ގޮތެއް މި ބިލްގައި ނެތް ކަމަށާއި "ވޯޓަކީ މި ރާއްޖޭގައި ކައިއުޅޭ އެއްޗެއް" ކަމަށްވާތީ ވޯޓު ގުނުމުގެ އުސޫލުތައް ބަޔާންކުރާ ހާއްސަ މާއްދާއެއް ހިމަނަންޖެހޭނެ ކަމަށެވެ.
މި ބިލް މަޖިލީހުން ފާސްކޮށް، ގާނޫނު އަސާސީގައި ބުނެފައިވާ ތާރީޚަށް އިންތިޚާބު ބޭއްވުމުގެ ފުރުސަތު ނެތް ކަމަށް މިއަދުގެ ޖަލްސާގައި ވެސް ބައެއް މެންބަރުން ވަކާލާތުކުރެއްވި އެވެ. ފ. މެންބަރު އަހްމަދު ހަމްޒާ، ގއ. މެންބަރު އަބްދުﷲ ޖާބިރު، ރ. މެންބަރު އަލީ ވަހީދު އަދި މާލޭ މެމްބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ވެސް ވިދާޅުވީ، ކިތަންމެ އަވަސްކުރި ނަމަވެސް ގާނޫނު އަސާސީގައި ބުނެފައިވާ ތާރީޚަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވައި ފުރަތަމަ ޖަލްސާ ބޭއްވުން ނާދިރު ކަމަށެވެ.
އިބްރާ ވިދާޅުވީ، މިހާރު އަވަސް އަރުވާލައިގެން މި ބިލް ފާސްކުރެވިދާނެ ކަމަށެވެ. އެއަށް ފަހު މި ބިލް ގާނޫނަކަށް ވާތާ 10 ދުވަހުގެ ތެރޭގައި އިންތިހާބު އިއުލާންކުރަންޖެހޭ ކަމަށެވެ. އެ މުއްދަތުގައި އިންތިޚާބު އިއުލާންކުރާއިރު، އިންތިހާބީ ދާއިރާތައް ކަނޑައަޅާ ބިލް އަދި އޮންނާނީ މަޖިލީހުގެ ތަޅުމުގައި ބަހުސްގެ މަރުހަލާގައި ކަމަށެވެ.
މިހެންވުމުން މި ދެ ބިލް އެކުއެކީގައި ނިންމައިގެން ގާނޫނު އަސާސީގައި ބުނާ ތާރީޚުތަކާ އަރާ ހަމަކުރެވެން ނެތް ކަމަށް އިބްރާ ވިދާޅުވި އެވެ.
މިއަދު ހެނދުނުގެ ދަންފަޅީގެ ވަގުތު ހަމަވިއިރު ވެސް މި ބިލް މަޖިލީހަށް ބަލައިގަތުމާ މެދު ވޯޓަކަށް އެހޭ ގޮތެއް ނުވި އެވެ. މިހެންވުމުން މިއަދު މެންދުރު ފަހު 30: 2 ގައި ވެސް ޖަލްސާއެއް ބޭއްވުމަށް މަޖިލީހުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ