ފުވައްމުލަކު ހޯދަޑުގެ ސަރަހައްދެއް ކޮންނަނިކޮށް، މިނިކަށިތަކަކާއި ފޮއްޓަކަށް ލާފައި ހުރި ބުދެއް ފެނިއްޖެ

ފުވައްމުލަކު ހޯދަޑުގައި ހިމާޔަތްކޮށްފައިވާ ހަވިއްތަ ސަރަހައްދުގެ ބޯޅަދަނޑުން ބައެއް ކޮންނަމުން ދަނިކޮށް ފޮއްޓަކަށް ލާފައި ހުރި ބުދަކާއި މިނިކަށިތަކެއް ފެނިއްޖެ އެވެ.
ފުވައްމުލަކު އަތޮޅު ކައުންސިލަރު ހަސަން ސައީދު ބުރާސްފަތި ދުވަހު ވިދާޅުވި ގޮތުގައި އެ ރަށު ހަވިއްތަ ސަރަހައްދު މަގުމަތީގައި ގަސް އިންދަންވެގެން ބުދަ ދުވަހު ވަޅުކޮންނަމުން ދަނިކޮށް ފެނުނު ފޮށީގައި ބުދެއްގެ އިތުރުން ގިނަ އަދަދަކަށް ބޮލި ވެސް ހުއްޓެވެ. އޭނާ ވިދާޅުވީ މިނިކަށިތަކާއި ފޮށި ފެނުނީ ކުޑަހަވިއްތަ އާއި ބޮޑު ހަވިއްތައާ ދޭތެރެއިން ކަމަށެވެ. ހަތަރު ވަރަކަށް ފޫޓަށް ކޮނުނު ފަހުން ފެނުނު، ގަލުން ހަދާފައިވާ އެ ފޮށި ތެރެއިން ފެނުނު ބުދަކީ ވެސް ގަލުން ނުވަތަ ހިލައިން ހަދާފައިވާ ބުދެއް ކަމަށް ލަފާ ކުރެއްވޭ ކަމަށް އޭނާ ވިދާޅުވި އެވެ.
ފުވައްމުލަކުގެ އެ ސަރަހައްދަކީ ތާރީހީގޮތުން މުހިންމު ސަރަހައްދަކަށް ވާތީ، ހަވިއްތަ އާއި އެތަނުގައި ހުންނަ އުސް ވެލިފުނިތައް، ކުރީގެ ދިވެހިބަހާ ތާރީހަށް ހިދުމަތް ކުރާ ގައުމީ މަރުކަޒުން ވަނީ ހިމާޔަތްކޮށްފަ އެވެ. ސައީދު ވިދާޅުވީ، ބޮޑު ހަވިއްތަ ކައިރި މަގު ކޮނުނީ އެ ތަނުގައި ކުދިން ފުޓްބޯޅަ ކުޅެމުންދާތީ، އެތާނގައި ގަސް އިންދައިފިނަމަ އެކަން ހައްލުވެދާނެ ކަމަށް ބަލައިފައި ކަމަށެވެ.
"ގާތްގަނޑަކަށް އެއް ފޫޓު އެއް ފޫޓުގެ އެ ފޮށި ފުރެދެން ހުރީ ބޮލި އަޅާފައި. އޭގެ ތެރެއިން ފެނުނު ބުދު ބޮޑަށް ވައްތަރީ ބުޅަލެއް ނުވަތަ އެ ވައްތަރުގެ ޖަނަވާރަކާ. އަޅުގަނޑުމެންނަށް ލަފާކުރެވޭގޮތުގައި އެ ފޮއްޓަކީ ވެސް ވަރަށް ޒަމާންތަކެއް ވެފައިވާ ފޮއްޓެއް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ފޮއްޓަކީ ރާއްޖެ އަށް އިސްލާމްދީން އައުމުގެ ވެސް ކުރިން އެ ތަނުގައި ވަޅުލާފައި ހުރި ފޮއްޓެއް ކަމަށް ލަފާކުރެވޭ ކަމަށެވެ. އެހެންކަމުން އެ ފޮށި ހެރިޓޭޖް ސެންޓަރުން ދިރާސާކުރަން ޖެހޭނެ ކަމަށް ގަބޫލު ކުރެވޭތީ، ޕްރޮވިންސް އޮފީހާ ހަވާލު ކުރުމަށް ވަނީ ނިންމައިފަ އެވެ.
މީގެ އިތުރަށް ވެސް ފުވައްމުލަކު ގެއެއްގެ ގޯތިތެރެކޮށްނަމުން ދަނިކޮށް ބުދަ ދުވަހު، ތާރީހީ ފޮއްޓެއް ކަމަށް ލަފާކުރެވޭ ފޮއްޓެއް ފެނުނު ކަމުގެ މައުލޫމާތު ލިބިގެން އެކަންތައް ވެސް ބަލަމުން އަންނަ ކަމަށް ސައީދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ އެ ފޮށީގެ މާ ބޮޑު ތަފްސީލެއް އަދި ލިބިފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ