ރާޖަޕަކްސައާމެދު ދިވެހި ސަރުކާރުގެ އަމަލުކުރީ ވަރަށް ވިސްނުންތެރި ކަމާއެކު: ރައީސް ނަޝީދު

ފިއްލަވައިގެން ރާއްޖެ ވަޑައިގެންނެވި ސްރީ ލަންކާގެ ރައީސް ގޮޓަބަޔާ ރާޖަޕަކްސައާމެދު ދިވެހި ސަރުކާރުގެ އަމަލުކުރީ ވަރަށް ވިސްނުންތެރި ކަމާއެކު ކަމަށް ވިދާޅުވެ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމަށް ތައުރީފު ކުރައްވައިފި އެވެ.ގޯތާބާޔަ އިއްޔެގެ ދަންވަރުގެ ވަގުތެއްގައި ރާއްޖެއަށް ވަޑައިގެންނެވީ ނަޝީދު ވަރަށް ބޮޑަށް ބާރުއަޅުއްވައިގެން ކަމުގެ އަޑު އޮތީ ފެތުރިފަ އެވެ. މިހާތަނަށް އެ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވާފައެއް ވެސް ނުވެ އެވެ.މިއަދު ހެނދުނު ރާއްޖެއިން ފުރި ސައުދިއާގެ ފްލައިޓެއްގައި ގޯތާބާޔަ ވަނީ ސިންގަޕޫރަށް ވަޑައިގެންފަ އެވެ. އަދި ސިންގަޕޫރަށް ވަޑައިގެން، ރައީސްކަމުން ވަނީ އިސްތިއުފާ ވެސް ދެއްވައިފަ އެވެ.އެކަމާއި ގުޅިގެން ނަޝީދު ވިދާޅުވީ، ލަންކާގައި ހުންނެވިނަމަ އެމަނިކުފާނުގެ ފުރާނަ ހިނގައިދާނެ ކަމުގެ ބިރަށްވެސް މަގާމުން އިސްތިއުފާ ދެއްވާނެ ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މިކަމުގައި ދިވެހި ސަރުކާރުން އެޅި ފިޔަވަޅުތަކަށް ތައުރީފް ކުރާ ކަމަށެވެ."ދިވެހި ސަރުކާރުގެ ދުރުވިސްނޭ ނިންމުމަށް މަރުހަބާ ކިޔަން،" ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު ވަނީ އެމަނިކުފާނުގެ ހެޔޮ އެދުންތައް ވަނީ ލަންކާގެ ރައްޔިތުންނާއެކު ކަމަށް ވިދާޅުވެފައެވެ.އެންމެ ފަހުން، ގޮތަބަޔަ އިސްތިއުފާ ދެއްވާނެކަން އިއުލާނުކުރެއްވީ މުޒާހަރާގެ ބައިވެރިން އެ ގައުމުގެ ރިޔާސީ ގަނޑުވަރަށް ވަދެ، އެތަން ހިފުމާއެކުއެވެ. މީގެ އިތުރުން އެ މުޒާހަރާގައި ވަނީ ރަނިލްގެ އަމިއްލަ ގެކޮޅު ވެސް އަންދާލާފައެވެ.ގޮޓާބަޔަ ގައުމު ދޫކޮށް ވަޑައިގަތުމުގައި ރާއްޖޭން އެހީވުމުން ލަންކާ އާއި ރާއްޖޭގައި ވެސް ދިވެހި ސަރުކާރަށް ފާޑުކިޔުން އަމާޒުވެފައި ވިޔަސް މިކަމާ ގުޅޭ ގޮތުން ސަރުކާރުން އެއްވެސް ވާހަކައެއް ނުދައްކަ އެވެ. އެކަމަކު ގޮޓާބަޔަ ސިންގަޕޫރަށް ވަޑައިގަތުމާ އެކު އެ ގައުމުން ވަނީ އޭނާ ވަޑައިގަތީ އަމިއްލަ ދަތުރެއްގައި ކަމަށް އިއުލާނުކޮށް ބަޔާނެއް ނެރެފަ އެވެ. ސިންގަޕޫރުގެ ފޮރިން މިނިސްޓްރީން ބުނީ ގޮޓާބަޔަގެ ދަތުރަކީ އަމިއްލަ ދަތުރެއް ކަމަށާއި ސިޔާސީ ހިމާޔަތަށް ވެސް އެދިވަޑައިގެންފައި ނުވާ ކަމަށެވެ. އަދި އެ ގައުމަކީ އެގޮތަށް ސިޔާސީ ހިމާޔަތް ދޭ ގައުމެއް ނޫން ކަމަށް ވެސް ވަނީ ބުނެފަ އެވެ.ބޮޑުވަޒީރު ރަނިލް ވިކްރެމަސިންހާ އަށް ރައީސްގެ ބާރުތައް ދީފައި ވާއިރު މިއަދު ވަނީ އާންމުން ހިސާރުކުރި ސަރުކާރުގެ އިމާރާތްތައް ދޫކޮށްލައި ވެރިކަން ބަދަލުކުރުމުގެ ކަންކަން ސުލްހަވެރިކަމާ އެކު ކުރިއަށް ގެންދިއުމަށް އަލުން މަސައްކަތް ފަށައިފަ އެވެ. ކުރިން ނިންމާފައިވާ ގޮތުން ނަމަ މި މަހުގެ 20 ވަނަ ދުވަހު އާ ރައީސަކު މަޖިލީހުން އިންތިހާބުކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ