ދާންދޫ ފުޓްބޯޅަ ދަނޑުގެ މަސައްކަތް ހުއްޓައިލަން އީޕީއޭ އިން އަންގައިފި

ގއ. ދާންދޫގެ ފްޓުބޯޅަ ދަނޑުގެ މަސައްކަތް ހުއްޓައިލުމަށް އެންވަޔަރަންރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން މަތިދެކުނު ސަރަހައްދުގެ ގައުމީ އިދާރާއަށް އަންގައިފިއެވެ. އީޕީއޭއިން ބުނެފައި ބޯޅަ ދަނޑުގެ މަސައްކަތް ކުރަމުންދަނީ އެންވާރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް (އީއައިއޭ) ނުހަދާ ކަމަށެވެ.
އީޕީއޭ އިން މަތިދެކުނު ސަރަހައްދުގެ ގައުމީ އިދާރާއަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ ދާންދޫގައި ހަދަމުންދާ ފުޓުބޯޅަ ދަނޑުގެ މަސައްކަތް ދާންދޫ ހުޅަނގު ދެކުނު ހޭޅިފަށް ފުންކޮށް ކޮނެގެން ހޭޅިފަށުގެ ގުންޑޮޅި ވެއްޓޭގޮތަށް މަސައްކަތް ކުރަމުން ގެންދާކަމުގެ ޝަކުވާތައް ލިބިފައިވާ ކަމަށެވެ.
އަދި އެކަމަކީ ތިމާވެއްޓަށް ގެއްލުންހުރި ކަމަކަށްވާތީ އެ މަސައްކަތް ވަގުތުން ހުއްޓާލުމަށްފަހު އީއައިއޭ ހެދުމަށް އަންގާކަމަށް ވެސް ގައުމީ އިދާރާއަށް ފޮނުވާފައިވާ ސިޓީގައި ވެއެވެ. އީއައިއޭ ހެދުމަށްފަހު އެ އެޖެންސީގެ ހުއްދަ ލިބިގެން ނޫނީ މަސައްކަތް ނުފެށުމަށްވެސް ސިޓީގައި އެދިފައި ވެއެވެ.
މަތިދެކުނު ސަރަހައްދުގެ ގައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ މުހައްމަދު ޝަރީފް މިއަދު ވިދާޅުވީ އެ އެޖެންސީގެ އެންގުމާ އެއްގޮތަށް އެ މަސައްކަތް މިހާރު ހުއްޓާލެވިފައިވާކަމަށެވެ. އަދި އެ އެޖެންސީން އަންގާފައިވާ ގޮތުގެ މަތިން އީއައިއޭ ހެދުމުގެ މަސައްކަތް ކުރިޔަށްދާކަމަށް ވެސް ވިދާޅުވިއެވެ.
"އީޕީއޭ އަށް ލިބުނު ޝަކުވާތަކަކާއި ގުޅިގެން މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އެބައޮތް އަންގާފަ. އަދި އީއައިއޭ ހެދުމުގެ މަސައްކަތް މިހާރުދަނީ ކުރިޔަށް،" ޝަރީފް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ