ޝީޝާގެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ކޯޓަށް ހާޒިރު ކުރުމަށް ހުށަހަޅައިފި

ޝީޝާގެ ތިން ބެއިންގެ ނަމުގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި)ގައި ހުޅުވާފައިވާ އެކައުންޓަކުން ވަގު ލިޔުންތަކެއް ހުށަހަޅައިގެން ބަޔަކު ގިނަ އަދަދެއްގެ ފައިސާ ނެގި މައްސަލައިގައި ކަމާ ބެހޭ ދެ މާހިރަކާއި އެސްބީއައިގެ ދެ މުވައްޒަފަކު ކޯޓަށް ހާޒިރުކޮށް ދިނުމަށް ޝީޝާގެ ތިން ބެއިންގެ ފަރާތުން އެދެފި އެވެ.
މިއަދު ސިވިލް ކޯޓުގައި ބޭއްވި ޝަރީއަތުގެ އަޑު އެހުމުގައި ޝީޝާގެ ތިން ބެއިންގެ ވަކީލު އިބްރާހިމް ނާސިރު ވިދާޅުވީ ޝީޝާގެ ތިން ބެއިންގެ ފަރާތުން ދެ މާހިރަކު ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ ކަމަށެވެ. ނަމަވެސް އެ މީހުންގެ މައުލޫމާތު އެމީހުން ކޯޓަށް ހާޒިރުކުރުމުގެ ކުރީން އެ މީހުންގެ ވަނަވަރު އެސްބީއައި އަށް ސިއްރުކޮށްދިނުމަށް ޝީޝާގެ ތިން ބެއިންގެ ފަރާތުން ކޯޓުގައި ވަނީ އެދިފަ އެވެ.
އަދި ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ ދެ މާހިރުންގެ ވަނަވަރު ގާޒީ އަށް އެރުވުމަށް ފަހު ނާސިރު ވިދާޅުވީ ކޯޓަށް ހާޒިރުކުރުމަށް ބޭނުންވާ ދެ މާހިރުންނަކީ ކޮން ބައެއްކަން އެސްބީއައި އަށް އަންގަން ބޭނުން ނުވަނީ ކޯޓަށް އެމީހުން ހާޒިރު ވުމުގެ ކުރީން އެމީހުންގެ މައްޗަށް އެސްބީއައި އިން ނުފޫޒެއް ފޯރުވާފައިވާނެ ކަމަށެވެ.
އެހެން ނަމަވެސް ހެކިންގެ ގޮތުގައި ކޯޓަށް ހާޒިރުކޮށްދިނުމަށް އެދިފައިވާ އެސްބީއައިގެ ދެ މުވައްޒްފުންނާ ބެހޭ މައުލޫމާތު ކޯޓުގައި ވަނީ ހާމަކޮށްފަ އެވެ.
އެސްބީއައިގެ ވަކީލު ހަސަން ފަލާހު ކޯޓުގައި ވިދާޅުވީ ހެކީންގެ ގޮތުގައި ހާޒިރުކުރަން އެދޭ މީހުންނަކީ ކޮން ބައެއްކަން ކޯޓަށް ހާޒިރުކުރުމުގެ ކުރިން އެސްބީއައި އަށް އެނގެން ބޭނުންވާ ކަމަށެވެ. އަދި އެސްބީއައި ކަހަލަ ބޭންކަކާ މެދު އެފަދަ ތުހުމަތެއް ކޮށްގެން ނުވާނެ ކަމަށާއި ކުށްވެރީން ހާޒިރުކުރާހެން ދެ މާހިރަކު ހާޒިރުކުރުމަކީ އެސްބީއައި އިން ބޭނުންވާ ގޮތެއް ނޫން ކަމަށެވެ. އަދި އެމީހުނަކީ ކޮން ބައެއްކަން ނޭނގޭ ނަމަ ކޯޓަށް ހާޒިރުވުމުން ރައްދު ދޭން ދަތިތަކެއް ހުންނާނެ ކަމަށް އެސްބީއައިން ގަބޫލު ކުރާކަމަށް ވެސް ފަލާހް ވަނީ ވިދާޅުވެފަ އެވެ.
އެ މައްސަލަ ބައްލަވާ ގާޒީ ހާތިފް ހިލްމީ ވިދާޅުވީ ދެ މާހިރުން ކޯޓަށް ހާޒިރު ކުރުމުގެ ކުރީން މައްސަލަ ރައްދުވާ އެސްބީއައި އަށް އެމީހުންގެ ވަނަވަރު އެނގެން ޖެހޭނެ ކަމަށެވެ. އެހެން ކަމުން މި އަދުގެ ޝަރީއަތް ނިންމަވާލެއްވީ ޝީޝާ އިން ހުށަހަޅާފައިވާ ހެކީން ކޯޓަށް ހާޒިރުކުރުމުގައި މި ހަފްތާގައި ވަކި ގޮތެއް ނިންމަވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޝީޝާގެ ތިން ބެއިން އެސްބީއައިގެ މައްޗަށް ދައުވާކުރަނީ އެ ތިން ބެއިން އެސްބީއައިގައި ހުޅުވާފައިވާ އެކައުންޓަކުން ބަޔަކު ވަގު ލިޔުންތަކެއް ހުށަހަޅައިގެން 18 މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައިގެ ތުހުމަތުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ