ފުވައްމުލައް ފެނަށް ޖެހި، މިއަދާއި މިރޭ ވެސް މުޒާހަރާ

ފުވައްމުލަކުގައި މިދިޔަ ހޯމަ ދުވަހުން ފެށިގެން ސަޕްލައި ފެން ކަނޑާލާފައިވާތީ މިއަދު ހަވީރު މުޒާހަރާކޮށް، މިރޭ ވެސް މުޒާހަރާކުރާ ގޮތަށް ނިންމައިފި އެވެ.
ވީކިިހިނެއް؟ - 9،000އެއްހާ މީހުން ދިރިއުޅޭ ފުވައްމުލަކުގައި ފެނުގެ ނެޓްވޯކަށް މައްސަލަ ޖެހި، މިދިޔަ ހޯމަ ދުވަހު މެންދުރުގެ ވަގުތެއްގައި ފެން މެދުކަނޑާލީ ބޭނުން ކުރެވޭ ވަރަށް ވުރެ ފެން ރައްކާތެރި ނޫން މިންވަރަކަށް ތަގައްޔަރުވެފައިވާތީ އެވެ.
ހަ ގަޑިއިރެއްހާ އިރު ތެރޭގައި މައްސަލަ ހައްލުވާނެ ކަމަށް ސަރުކާރުން އިއްޔެ ބުނި ނަމަވެސް އެ މައްސަލަ އަދި މުޅިން ހައްލެއް ނުކުރެވެ އެވެ. މިއަދު ހަވީރަށް ބައެއް ގެތަކަށް ފެން ދޫކުރެވޭނެ ކަމަށް ބުނި ނަމަވެސް އަދިވެސް ގިނަ ގޭގެއަށް ފެން ނުލިބޭ ކަމަށް އެ ރަށުން ބުންޏެވެ.
ތަފްސީލް - މިއަދު ހަވީރު އެ ރަށު ބައެއް މީހުން މުޒާހަރާކުރީ، ފުވައްމުލައް ފެން ޕްލާންޓް ކުރިމައްޗަށް ނުކުމެ އެވެ. 'ފެނުގެ ހައްގު ހޯދަން' ނަމުގައި މިރޭ ވެސް އެ ތަނުގެ ކުރިމައްޗަށް ނުކުންނާނެ ކަމަށް މުޒާހަރާގެ ބައިވެރިން ސޯޝަލް މީޑިއާގައި ވަނީ ޕޯސްޓްކޮށްފަ އެވެ.
ރަށުން ސަޕްލައި ފެން ކަނޑާލުމާ އެކު، ފުޅީގައި ބަންދުކުރި ފެން ގަތުމަށް ގިނަ ބަަޔަކު އެ ރަށުގެ ފިހާރަތައް ދޮށުގައި ކިޔު ދަމާލި އެވެ. އޭރު ގިނަ ފިހާރަތަކުން ފެން ހުސް ވެސް ވިޔެވެ. އެކަމަކު ސަރުކާރުން ފެން ފޮނުވަން ފެށުމާ އެކު، އެމްއެންޑީއެފުން އަންނަނީ ފެން ބޭނުންވެގެން ނަން ނޯޓުކޮށްފައިވާ ގެތަކަށް ފެން ފޮނުވަމުންނެވެ.
އެކަމަކު ބައެއް ގެތަކަށް ފެން ނުލިބޭކަމުގެ ޝަކުވާ ދަނީ ކުރަމުންނެވެ. އެ ރަށު ބައެއް މީހުން ބުނާ ގޮތުގައި، 'ފެން ބެހުމުގައި ހަމައެއް ލަމައެއް ނެތެވެ.'
"މި ވަގުތުގެ މި ވަގުތާ ހަމައަށް ވެސް، ބަހަމުންދާ ފެންފޮދު އެއްވެސް ވަރަކަށް ނުލިބޭ. ރައްޔިތުންގެ ޝަކުވާ އިންތިހާއަށް ލިބެމުންދޭ،" ފޭސްބުކްގައި ޝަކުވާ ހިއްސާކުރަމުން މީހަކު ލިޔެފައިވެ އެވެ.
އެނގުން މުހިންމު - ފެން ތަގައްޔަރުވީ ބައެއް ކަސްޓަމަރުން ކްރޮސް ކަނެކްޝަން ހަދާފައިވާތީ ކަމަށް ފެނަކައިން ބުނި ނަމަވެސް ރަށުގެ ގިނަ ބަޔަކު އެކަމާ އެއްބަހެއް ނުވެ އެވެ. އެ މީހުން ބުނާ ގޮތުގައި، ހަގީގީ މައްސަލައަކީ ފެނުގެ ޕްރޮޑަކްޝަނުގެ މައްސަލައެކެވެ.
ފުވަމުލަކު މޭޔަރު އިސްމާއިލް ރަފީގް ވެސް ވަނީ އެކަން ފާހަގަ ކުރައްވާފަ އެވެ.
"ބޮޑު ޑިޒާސްޓާއަކަށް މިކަންކަން ގޮސްދާނެތީ، އެކަށީގެންވާ ގޮތަށް މިކަންކަމަށް އެޓެންޑްވެ، ފެނަކައިން މިކަންކަން ހައްލު ކުރުމަށް ކުރަން ޖެހޭ މަސައްކަތް ކުރަން އެބަ ޖެހޭ. ގަވައިދުން ފެން ޓެސްޓުކުރުމާއި ހޮޅިތައް ސާފު ކުރުން ފަދަ ކަންކަމަކީ ވެސް ނުވެ ހުރި ކަންކަން. ރައްކާތެރި ބޯފެން ރައްޔިތުންނަށް ލިބުމުގެ ޔަގީންކަން އަޅުގަނޑުމެންނަށް ކުރިއަކުން ވެސް އަދި މިހާރަކު ވެސް ނެތް،" ދައުރަށް އިއްޔެ ދެއްވި އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވި އެވެ.
ފުވައްމުލަކު ބައެއް މީހުން ބުނި ގޮތުގައި، މުޅި މައްސަލަ ހައްލުކޮށް، އަލުން ފެން ފޯރުކޮށްދޭން ދެތިން ދުވަސް ނަގާނެ އެވެ.
ސަރުކާރުން މިހާތަނަށް ވަނީ ފުވައްމުލަކަށް 2،800 ފެން ކޭސް ފޮނުވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ