މައިންބަފައިންނަށް ޚިދުމަތްކުރަން ހުރަސްއަޅާތީ ތަނަވަސް ބައިވެރިޔާ ދޫކޮށްލި އަންހެނަކަށް ލިބުނު ދެވަނަ ދިރިއުޅުން މާތަނަވަސްވެފަ މާއުފާވެރިކަން ތަޖުރިބާކުރި އަންހެނެއްގެ ވާހަކަ-

އަޅުގަނޑުގެ މަންމައާއި ބައްޕައަށް ލިބިފައިވަނީ އަޅުގަނޑު އެކަންޏެވެ. އެމީހުން އަޅުގަނޑަށް ކިޔަވައިދީ ތަރުބިއްޔަތުކުރީ ވަރަށް ބުރަ މަސައްކަތުންނެވެ. ރަނގަޅު ވަޒީފާއެއް ލިބުނީ އެމީހުން އަޅުގަނޑަށް ކިޔަވައިދިނިތީއެވެ. 
ޒުވާނަކު އަޅުގަނޑަށް ލޯބި ހުށަހެޅުމުން ހުރިހާ ވާހަކަތަކެއް ކިޔައިދިނީމެވެ. މައިންބަފައިން ބެލުމަށްޓަކައި ހުންނަން ބޭނުންވަނީ މައިންބަފައިންގެ ގާތުގައިކަމަށްވެސް ބުނީމެވެ. ނަމަވެސް އޭނާ ބުނީ އޭނާއަކީވެސް މަންމައާއި ބައްޕަގެ ހުރި ހަމައެކަނި ދަރިފުޅު ކަމަށެވެ. އެހެންވެ އެގޭގައި އުޅޭނީ ކަމަށާއި އަޅުގަނޑުގެ މައިންބަފައިންގެ ކަންކަން ބެލެހެއްޓުމަށް އެއްވެސް ހުރަހެއް ނާޅާނެ ކަމަށެވެ. 
އެގޮތަށް އެއްބަސްވުމުން ކައިވެނިކޮށް އެގެއަށް ދިރިއުޅުން ބަދަލުކުރީމެވެ. ފިރިމީހާގެ އެއްބަސްވުން ދެމިއޮތީ މަހެއްހައި ދުވަހަށެވެ. މައްސަލަތައް ޖެހެންފަށައިފިއެވެ. މައިންބަފައިން ދެކެލަން ގެންގޮސްނުދޭތަނުގައި އެކަނިދާންވެސް ހުރަސްތައް ކުރިމަތިކުރުވަން ފަށައިފިއެވެ. 
އެއްރޭ ފަތިސްނަމާދުކޮށް ނިމުނުތަނުން ބައްޕަ ގުޅާފައި ބުނީ މަންމަ ވެއްޓިގެން ހޮސްޕިޓަލުގައި ބާއްވައިފިކަމަށެވެ. އެއިރު ފިރިމީހާ އޮތީ ނިދާށެވެ. ހޭލައްވާފައި އެވާހަކަބުނުމުން ބުނީ އޭނާގެ މަންމަގެ ގާތުން ހުއްދަހޯދުމަށެވެ. އެއިރު މަންމަ ޙޭލައި އުޅޭތީ ކޮޓަރީގައި ޓަކިޖަހާފައި އެވާހަކަ ބުނުމުން ދެއްކީ ހެނދުނުގެ ސައި ހެދުމުގެ ޥާހަކައެވެ. 
ޒުވާބުކުރާކަށް ނުހަދަމެވެ. ނޯޓެއް ބާއްވާފައި ނުކުމެގެން އައީއެވެ. ލިޔުނީމެވެ. "މަންމަގެ ހުރި ހަމައެކަނި ދަރިފުޅުކަމަށްވުމުން މަންމަ ގާތަށް ނުގޮސްވާން ނެތުމުން މިދަނީއެވެ. އެކަމަކު އެނބުރި އަންނާނީ ކައިވެނީގެ ކުރިން ވެފައިވާ އެއްބަސްވުމަށް ޢަމަލުކުރާނެ ނަމައެވެ. ވީމާ ޢަމަލުކުރަން ބޭނުންނަމަ ގުޅައިލާށެވެ. ނުގުޅައިފިނަމަ ނުއަންނާނަމެވެ." 
މަނަމް ގާތު ހޮސްޕިޓަލުގައި 5 ދުވަސްވަންދެން ހުރިއިރުވެސް ފިރިމީހާ ނުގުޅައެވެ. މަންމަގެ ޙާލު ބަލައިލާކަށްވެސް ނައުދެއެވެ. އެހެންވެ އެގެއަކަށް ނުދަމެވެ. ކޯޓަށް ގޮސްވަރިވީއެވެ. އެއީ ތަނަވަސްކަމާއި ބައިވެރިޔާގެ ލޯތްބަށްވުރެ މާތް ﷲ ގެ ރުހިވޮޑިގަތުން ލިބުމުން ކުރާނެ ފައިދާ މާބޮޑުވާނެކަން ޔަޤީންކުރެވޭތީއެވެ. މައިންބަފައިން ނިކަމެތިކުރާ ފިރިއަކަށް ކިޔަމަންތެރިވާން އަންގަވާފައި ނެތީމައެވެ.    
ކޮންމެއަކަސް ވަރިވިތާ 7 ވަނަ މަހު ބޮސް ބުނެގެން ބޮސްގެ ކޮޓަރިއަށް ދިއައިރު ބޮސްގެ ގާތުގައި ބޮސްގެ 3 ވަނަ ފިރިހެންދަރިފުޅުވެސް އިނެވެ. ތިބީ ސޯފާގައެވެ. ބޮސް ބުންޏެވެ. "ރީމާ މިގެނައީ އަމިއްލަ ވާހަކައެއް ބުނަންވެގެންނެވެ. ރީމާ ކައިވެނިކުރީވެސް ރީމާގެ ކައިވެންޏަށް އަހުރެންގެ މިދަރިފުޅު އެދިއެދި ހުއްޓައެވެ. ދެލޯބިވެރިންނަށް ހުރަސް ނާޅަންވެގެން ނުބުނެވުނީއެވެ. ވަރިކުރިކަން އެނގުނު ފަހުން މަންމައަށް އުނދަގޫކުރުން ހުއްޓައެއް ނުލައެވެ. މަންމަ އުނދަގޫކުރަނީ އަހުރެންނަށެވެ. އެހެންވީމާ މިވާހަކަ ދައްކަން ޖެހުނީއެވެ. ކައިވެނި ރޫޅުނު ސަބަބު ރީމާ ކިޔައިދިން ގޮތަށް ކިޔައިދީ ވިސްނައިދީފީމެވެ. 
ކައިވެނިކުރަންވާނީ ހިތް ރުހޭނަމައެވެ. ކައިވެނިކުރާނެ ނަމަ ދިރިއުޅެން ދެގޮތެއް އެބަ އޮތެވެ. އެއްގޮތަކީ ރީމާގެ ގޭގައި އުޅުމެވެ. އަނެއްގޮތަކީ މައިންބަފައިން ގޮވައިގެން އަހުރެމެންގެ ގެއަށް ބަދަލުވުމެވެ. 3 ކޮޓަރީގެ ފްލެޓެއް ދޭނަމެވެ. ގެތަޅާލާފައި ރަނގަޅު ފެންވަރަކަށް ހަދައިވެސްދޭނަމެވެ. ގެ ނިމުނީމާ ގެއަށް ދެކުދިން ބަދަލުވުމުގެވެސް މައްސަލައެއް ނެތެވެ." 
ޖަވާބުގައި ބުނީމެވެ. "ގެ ހަދައިދޭން އެދޭކަށް ނެތީމެވެ. އެކަމަކު ކައިވެނިކުރަން މިހުރީ ތައްޔާރަށެވެ. އެއީ ތިއަވަރަށް ތިއަ އެދެނީ އަހުރެންދެކެ ލޯބިވާތީކަމަށް ވިސްނޭތީއެވެ. ބައު އޮޑިއަކަށް އަލަށް އަރަން ބޭނުންވާތީއެވެ." 
ކައިވެނި ކުރެވުނެވެ. ނުއެދުނަސް ގެވެސް ހަދައިދިނެވެ. ގޭގެ އެންމެ މަތީ ފަންގިފިލާގައި އުޅެނީ ދެމަފިރިންނާއި ދަރިންނާއި މަންމައާއި ބައްޕައެވެ. ރޫފްޓޮޕަގައި މަންމަމެން މާފޮޅުވައި ނިންމައިގެން ނިދަންވަނީމާ މާފޮޅުވަނީ ދެމަފިރިންނެވެ. ކައިވެންޏަށް 10 އަހަރުވީއެވެ. ރޭގަނޑުގެ ކަމަކީ އަދިވެސް ހަނދުވަރުބެލުމެވެ. 
އަޅުގަނޑުގެ އޮތީ އެންމެ މެސެޖެކެވެ. ލޯތްބާއި ތަނަވަސްކަން ބޭނުންވެގެން މައިންބަފައިން ނިކަމެތިނުކުރާށެވެ! މައިންބަފައިންނަށް ޚިދުމަތްކޮށް ﷲ ގެ ރުހިވޮޑިގަތުން ލިބުނީމާ ދެއްވަވާ އުފާވެރިކަން މާބޮޑުވާނެއެވެ. އިން ޝާ ﷲ
 
- ރީމާ / މިއަދުނޫހުގެ ކިޔުންތެރިއެއް 
- ޢިބްރަތްތެރި ވާހަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ