އެމެރިކާ ދޫކޮށް، ވޯލްޑް ކަޕަށް އިރާން ޓީމުގެ ކޭމްޕް މެކްސިކޯއަށް

އަންނަ މަހު ފަށާ ވޯލްޑް ކަޕްގައި އިރާނުގެ ޓީމުން މެކްސިކޯގައި ކޭމްޕް ކުރަން ހަމަޖައްސައިފި އެވެ. 
ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިޒްރޭލުން އިސްވެ އިރާނާ ދެކޮޅަށް ފެށި ހަނގުރަމައިގެ ސަބަބުން، ވޯލްޑް ކަޕަށް އިރާނު ނުދާނެ ކަމަށް ބެލެވުނެވެ. އެމެރިކާ އާއި މެކްސިކޯ އަދި ކެނެޑާ ގުޅިގެން ބާއްވާ މުބާރާތުގައި އިރާނުގެ ހުރިހާ މެޗެއް ވެސް ކުޅޭނީ އެމެރިކާގެ ފަސްގަނޑުގަ އެވެ.
އިރާނުގެ ކުޅުންތެރިންނަށް އެމެރިކާގައި ރައްކާތެރިކަން ކަށަވަރު ނުވާނެ ކަމަށް ބަލައި، އެ ޓީމުގެ މެޗުތައް މެކްސިކޯ އަށް ބަދަލު ކުރުމަށް ވެސް އިރާނުން އެދުނެވެ. އެކަމަކު ފީފާއިން އެ ގޮތަކަށް ހަދައެއް ނުދިނެވެ.
އެކަމަކު އިރާނުގެ ޓީމު މެކްސިކޯގައި ކޭމްޕް ކުރުމުގެ ހުއްދަ ފީފާއިން ވަނީ ދީފަ އެވެ. އެ ގައުމުގެ ފުޓްބޯޅަ އިދާރާގެ ރައީސް މަހްދީ ތާޖް ވިދާޅުވީ މެކްސިކޯ އާއި އެމެރިކާގެ ބޯޑަރު ސަރަހައްދު ގުޅުވައިދޭ ސިޓީއެއް ކަމަށްވާ ޓިއަވާނާގައި ކޭމްޕް ކުރުމުގެ ހުއްދަ ފީފާއިން ދީފައިވާ ކަމަށެވެ.
މާނައަކީ ވޯލްޑް ކަޕްގައި އިރާނުގެ މެޗުތައް ކުޅެ ނިމެންދެން އެ ޓީމުން ތިބޭނީ ޓިއަވާނާގަ އެވެ. މެޗުތައް ކުޅޭ ސްޓޭޑިއަމްތައް ހިމެނޭ ސިޓީތަކަށް އެ ޓީމުން ދާނީ މެޗު ކުޅޭ ދުވަހު އެވެ.
އިރާނުން ކުރިން ކޭމްޕް ކުރަން ހަމަޖެހިފައި އޮތީ އެމެރިކާގެ އެރިޒޯނާގަ އެވެ.
މެކްސިކޯގައި ކޭމްޕް ކުރާނަމަ، އިރާންގެ ގައުމީ އެއާލައިންގައި އެ ޓީމަށް ވޯލްޑް ކަޕަށް ދިއުމުގެ ރަސްމީ ދަތުރު ކުރެވޭނެ އެވެ. އެކަމަކު އެމެރިކާ އާއި މެކްސިކޯއާ ދެމެދު ދަތުރު ކުރަން ބޭނުން ކުރަން ޖެހޭނީ އެ ސަރަހައްދުގެ އެހެން އެއާލައިނެކެވެ.
ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ތަމްރީނުތަކަށް އިރާނުގެ ޓީމު މި ވަގުތު ތިބީ ތުރުކީގަ އެވެ. އެ ގައުމުގައި ތިބެ އެމެރިކާ ވިސާ ހޯދުމުގެ މަސައްކަތްތައް ވެސް އިރާނުގެ ޓީމުން ކުރިއަށް ގެންދެ އެވެ.
ވޯލްޑް ކަޕް ފެށެން ތިން ހަފުތާއަށް މުއްދަތު ކުރުވެފައި ވާއިރު ވެސް އިރާނުގެ ޓީމަށް އެމެރިކާގެ ވިސާ އެއް ނުލިބެ އެވެ.
ވޯލްޑް ކަޕްގައި އިރާން ލައްވާލީ ބެލްޖިއަމް އާއި ނިއު ޒިލެންޑް އަދި މިސްރާއެކު ގުރޫޕް ޖީ ގަ އެވެ. އިރާނުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 15 ގައި ކުޅޭނީ ނިއު ޒިލެންޑާ ދެކޮޅަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ