ސަޢުދީޢަރަބިއްޔާގެ މައްކާގައި މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލްކުރާނެ ބައިވެރިން ހޯދުމަށް ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން އިޢުލާންކޮށްފިއެވެ.
މި މުބާރާތަކީ ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 46 ވަނަ ”ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން“ މުބާރާތެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ވަނީ ލިބިފައެވެ. މިގޮތުން މުބާރާތުގެ 2 ކެޓެގަރީއެއްގައި، ކޮންމެ ކެޓެގަރީއަކުން އަންހެން އަދި ފިރިހެން ބައިވެރިއެއް، ބައިވެރިކުރުމުގެ ފުރުޞަތު ލިބިފައިވެއެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި އުމުރުން 25 އަހަރު ފުރިފައިނުވާ މީހަކަށްވުން ހިމެނެއެވެ. މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމާއި ކުރީގައި މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށްވެގެންވެސް ނުވާނެއެވެ.
މި މުބާރާތުގައި ބައިވެރިވެވޭ ކަޓެގަރީތަކުގެ ތެރޭގައި މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން ހިމެނެއެވެ. މި ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަނގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހެއެވެ.
މީގެ އިތުރުން ވިދިވިދިގެން ޤުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުމުގެ ބައިވެސް ހިމެނެއެވެ. މި ކެޓެގަރީގައި ބައިވެރިވެވޭނީ ވިދިވިދިގެން ޤުރްއާންގެ 15 ފޮތް ތަރުތީބުން ހިތުން ދަސްކޮށްފައިވާ ފަރާތްތަކަށެވެ. އަދި ރަނގަޅަށް ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތަކަށް ވާންޖެހެއެވެ.
ކީރިތި ޤުރުއާނާ ބެހޭ ޤައުމީ މަރުކަޒުން ވިދާޅުވީ މުބާރާތަށް ބައިވެރިން، ހޮވާނީ އެކަަމަށް އެދި ހުށަހަޅާ ފަރާތްތައް އެ މަރުކަޒުން އިމްތިޙާނު ކުރުމަށްފަހުގަކަމަށެވެ. އަދި ފެނުމުން މަޙުރޫމުވެފައިވާ ފަރާތެއް، ނުވަތަ ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތެއް، ނުވަތަ ޢުމުރުން 17 އަހަރު ނުފުރޭ ކުއްޖަކު މިމުބާރާތަށް ދިޔުމަށް ހޮވިއްޖެނަމަ އެ ފަރާތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް ބާއްވާ ފަރާތުން ހަމަޖައްސައެވެ. މި މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު އަންނަ މަހުގެ 3 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.
މައްކާ ޤުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ ބައިވެރިން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ