ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރަކަށް އިއްޔެ އައްޔަނުކުރި އާދަމް ނަސީރު މިއަދު އިސްތިއުފާދެއްވައިފި

ރައީސުލްޖުމްހޫރިއްޔާގެ އެޑްވައިޒަރެއްގެ މަގާމަށް އިއްޔެ އައްޔަނުކުރި އާދަމް ނަސީރު އެ މަގާމުން މިއަދު އިސްތިއުފާދެއްވައިފި އެވެ.
މި ސަރުކާރުގެ ގައުމިއްޔަތު މިނިސްޓަރުކަމުގައި ކުރިން ހުންނެވި އާދަމް ނަސީރު އިއްޔެ އައްޔަނުކުރީ ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ އެޑްވައިޒަރުގެ މަގާމަށެވެ. އޭނާ އެ މަގާމަށް އައްޔަނުކުރިކަން ސަރުކާރުން ރަސްމީކޮށް ހާމައެއް ނުކުރެ އެވެ.
އެހެންނަމަވެސް، އެ މައުލޫމާތު ދިވެހި ބައެއް ނޫސްތަކުގައި މިއަދު ވަނީ ރިޕޯޓުކޮށްފަ އެވެ. އެއާއެކު ނަސީރު އެ މަގާމުން އިސްތިއުފާދެއްވި ކަމަށް، ސަރުކާރުގެ ތަރުޖަމާނު، މުހައްމަދު ހުސެއިން ޝަރީފް ވަނީ ސޯޝަލްމީޑިއާގައި އިއުލާނުކުރައްވައިފަ އެވެ.
"ދިވެހިބަހާއި ގައުމިއްޔަތާއިބެހޭ ހާއްސަ މުޝީރު، އާދަމް ނަސީރު އެ މަގާމުން އިސްތިއުފާދެއްވައިފި،" މުންދު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓަރު އާދަމް ނަސީރު އިސްތިއުފާ ދެއްވުމާ ގުޅިގެން، އެ މިނިސްޓްރީ އުވާލައި "މިނިސްޓްރީ އޮފް ކަލްޗާ އެންޑް ހެރިޓޭޖް" ގެ ނަމަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު އެ މިނިސްޓްރީގެ މެންޑޭޓުން ދިވެހި ބަސް އުނިކޮށް، މިނިސްޓަރުގެ މަގާމަށް ހީނާ ވަލީދު ވަނީ އައްޔަނުކުރައްވާފައެވެ.
 ނަމަވެސް، އާދަމް ނަސީރު އިސްތިއުފާދެއްވި ސަބަބެއް ހާމައެއް މުންދު ހާމައެއް ނުކުރައްވަ އެވެ.
ދިވެހި ބަސް ކުރިއަރުވައި ދިވެހީންގެ ހިތްތަކުގައި ގައުމިއްޔަތުގެ ލޯބި އާލާ ކުރުމުގެ މަގުސަދުގައި ރައީސް މުހައްމަދު މުއިއްޒު އަލަށް އުފެއްދެވި، ދިވެހި ބަހާއި ސަގާފަތާއި ތަރިކައާ ބެހޭ މިނިސްޓްރީގެ މިނިސްޓަރުކަމުން އާދަމް ނަސީރު އިސްތިއުފާދެއްވީ އޭޕްރިލް 14 ގަ އެވެ.
އާދަމް ނަސީރުގެ އިތުރުން އެ ދުވަހު ނުވަ މިނިސްޓަރަކު އިސްތިއުފާދެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ