1.2 މިލިއަން ފަތުރުވެރިން އަތުވެއްޖެ، 9.6 ޕަސެންޓުގެ ކުރިއެރުމެއް
މި އަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ އަދަދު 1.2 މިލިއަނަށް އަރައިފިއެވެ. މިދިޔަ ބުދަ ދުވަހާ ހަމައަށް އަދާހަމަކޮށް، ޓޫރިޒަމް މިނިސްޓްރީން އާންމު ކުރި ތަފާސްހިސާބުގައިވާ ގޮތުން އެއީ މިދިޔަ އަހަރަށްވުރެ 9.6 ޕަސެންޓުގެ ކުރިއެރުމެކެވެ. ތަފާސްހިސާބުން އެނގޭ ގޮތުގައި މި ހިނގާ ޖުލައިގެ މިހައިތަނަށް ވެސް 94،132 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެއީ މިދިޔަ ތިން އަހަރާ އަޅައިބަލާއިރު ވެސް އިތުރު އަދަދެކެވެ. އަހަރުގެ މިހައިތަނަށް ދުވާލެއްގެ މައްޗަށް އެވަރެޖުކޮށް 6،103 ފަތުރުވެރިން ރާއްޖެ އާދެއެވެ. މި އަހަރު އަދި އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އަންނަމުންދަނީ ޗައިނާއިންނެވެ. އެ ގައުމުން 165،134 ފަތުރުވެރިން އައިސްފައިވާއިރު، އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 13.7 ޕަސެންޓެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ ރަޝިޔާއިންނެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު 140،298އަށް އަރާއިރު، އެއީ ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 11.7 ޕަސެންޓެވެ. ދެން އެންމެ ގިނަ ފަތުރުވެރިން ރާއްޖެ އައީ އިނގިރޭސިވިލާތުންނެވެ. އެ ގައުމުން އައި ފަތުރުވެރިންގެ އަދަދު 115،133އަށް އަރާއިރު އެ ގައުމުން ހިއްސާކުރަނީ 9.6 ޕަސެންޓެވެ. އެންމެ ގިނައިން ފަތުރުވެރިން ރާއްޖެ އައިސް ޗުއްޓީ ހޭދަކުރަނީ ރިޒޯޓުތަކުގައެވެ. މިހައިތަނަށް ރާއްޖެ އައި ޖުމްލަ ފަތުރުވެރިންގެ 72.8 ޕަސެންޓު މީހުން އައީ ރިޒޯޓުކަށެވެ. އެއީ 875،326 ފަތުރުވެރިންނެވެ. ރާއްޖޭގެ 19 އަތޮޅެއްގައި ޖުމްލަ 175 ޓޫރިސްޓު ރިޒޯޓެއް ހިންގާއިރު، އެ ތަންތަނުން 44،047 ޓޫރިސްޓު ބެޑު ހިއްސާ ކުރެއެވެ. އެއީ ދިވެހި ފަތުރުވެރިކަމުގެ 68 ޕަސެންޓެވެ. މި ލިސްޓުގައި ދެވަނައިގައި އުޅެނީ ގެސްޓްހައުސްތަކެވެ. އެ ތަންތަނުގައި 22.2 ޕަސެންޓު ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވެއެވެ. އެއީ 267،378 ފަތުރުވެރިންނެވެ. ރާއްޖޭގެ 20 އަތޮޅެއްގެ 107 ރަށެއްގައި، 880 ގެސްޓްހައުސް ހިންގައެވެ. އެ ތަންތަނުން ހިއްސާކުރަނީ ފަތުރުވެރިކަމުގެ 23 ޕަސެންޓެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ރާއްޖޭގެ ޓޫރިސްޓް ހޮޓެލްތަކަށެވެ. މުޅިއެކު 2.7 ޕަސެންޓު ފަތުރުވެރިން އެ ތަންތަނުގައި ޗުއްޓީ ހޭދަކުރާއިރު، އެ މީހުންގެ އަދަދު 32،812އަށް އަރައެވެ. ރާއްޖޭގައި 16 ޓޫރިސްޓު ހޮޓެލް، އަށް އަތޮޅެއްގެ ނުވަ ރަށެއްގައި ހިންގައެވެ. އެ ތަންތަނުން 2،310 ޓޫރިސްޓު ބެޑު ހިއްސާކުރާއިރު، އެއީ ޖުމްލަ އަދަދުގެ ހަތަރު ޕަސެންޓެވެ. ބާކީ 2.2 އިންސައްތަ ފަތުރުވެރިން ޗުއްޓީ ހޭދަކުރަނީ ސަފާރީތަކުގައެވެ. އަހަރުގެ މިހައިތަނަށް ރާއްޖޭގެ ސަފާރީތަކުގައި ޗުއްޓީ ހޭދަކުރި ފަތުރުވެރިންގެ އަދަދު އަރަނީ 25،879އަށެވެ. ޖުމްލަ 159 ސަފާރީއެއް ރާއްޖޭގައި އޮޕަރޭޓުކުރެއެވެ. އެ ތަންތަނުން 3،162 ޓޫރިސްޓި ބެޑު ހިއްސާކުރާއިރު އެއީ ފަސް ޕަސެންޓެވެ. އެ ހިސާބުތަކުން އެނގޭ ގޮތުގައި 28 އެއާލައިނަކުން ރާއްޖެއަށް ދަތުރުތައް އަޅައެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގެ އައު ޓާމިނަލް މި މަހުގެ 26ގައި ހުޅުވުމަށް ތައްޔާރުވަމުން އަންނައިރު، އެ ތަން ފަރުމާކޮށްފައިވަނީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދެވޭ ގޮތަށެވެ. މިދިޔަ ތިން އަހަރަށް ބަލާއިރު، ކޮންމެ އަހަރަކު ވެސް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ގާތްގަނޑަކަށް ދެ ލައްކައިން އިތުރެވެ. ދެ މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމުގެ އަމާޒު މިދިޔަ އަހަރު ހާސިލްކުރިއިރު، ސަރުކާރުގެ އަމާޒަކީ މި އަހަރު އެ އަދަދު 2.3 މިލިއަނަށް އިތުރުކުރުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ