މޯދީ ވަޑައިގެން، ރާއްޖެއާއެކު ކުރިއަށްގެންދާނެ މަޝްރޫއުތަކެއް އިފުތިތާހުކުރައްވާނެ
ރާއްޖޭގެ މިނިވަން ދުވަހާ ދިމާކޮށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މި ގައުމަށް ވަޑައިގެން، ދެ ގައުމުން ގުޅިގެން ކުރިއަށްގެންދާނެ މަޝްރޫއުތަކެއް އިފުތިތާހުކުރައްވާނެ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފިއެވެ. ރައީސް އޮފީހުން ބުނީ ބޮޑުވަޒީރު މޯދީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއްގައި އަންނަ ހުކުރު ދުވަހު ވަޑައިގަންނަވާނެ ކަމަށެވެ. މިއީ އެ މަނިކުފާނުގެ ވެރިކަމުގެ ތިން ވަނަ ދައުރު ފެއްޓެވި ފަހުން ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުކަން އެ އޮފީހުން ފާހަގަކުރިއެވެ. ރައީސް އޮފީހުން ބުނީ އެ ދަތުރުފުޅުގައި ރައީސާއި މޯދީ މަތީ ފަންތީގެ ބައްދަލުވުންތައް ބާއްވަވައި، ދެ ގައުމާއި ސަރަހައްދީ ކަންތައްތަކާ ގުޅޭ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ. އަދި ރާއްޖެއާއި އިންޑިއާއިން ގުޅިގެން ކުރިއަށްގެންދާ މަޝްރޫއުތަކެއް އިފުތިތާހުކޮށް ދެ ގައުމުން އެކި ދާއިރާތަކުން އެއްބާރުލުން ވަރުގަދަ ކުރުމަށް އެމްއޯޔޫތަކެއް ސޮއިކުރައްވާނެ ކަމަށެވެ. މޯދީގެ ދަތުރުފުޅު ދިމާވަނީ ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ އިތުރުން، ދެ ގައުމުގެ ގުޅުމަށް 60 އަހަރު ފުރޭ މުނާސަބަތާ ކަމުން، މިއީ ވަރަށް ޚާއްސަ ދަތުރުފުޅެއް ކަމަށް ރައީސް އޮފީހުން ބުންޏެވެ. މި ސަރުކާރުން ވެރިކަމަށް އައީ 'އިންޑިއާ އައުޓް'ގެ ނަމުގައި ދިގު މުއްދަތަކަށް ކުރިއަށްގެންދިޔަ ކެމްޕޭނަކަށް ފަހު، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން އަނބުރާ ގައުމަށް ފޮނުވާލާނެ ކަމުގެ ވައުދާއެކުގައެވެ. އޭގެ ސަބަބުން މި ސަރުކާރަކީ 'ޕްރޯ ޗައިނާ' ސިޔާސަތެއް ގެންގުޅޭ ސަރުކާރެއްގެ ގޮތުގައި ސިފަވެފައި އޮތްއިރު، ވެރިކަމުގެ ތިން ވަނަ މަހު، ނައިބު ވަޒީރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާއި އެ ގައުމުގެ ރައްޔިތުންނަށް ކުޑައިމީސްކޮށް ސޯޝަލް މީޑިއާގައި ވާހަކަދެއްކިއެވެ. ހަމަ އެ މަހު ރައީސް ޗައިނާއަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ވަޑައިގެން، އިންޑިއާއަށް އިޝާރާތް ކުރައްވައި، ރާއްޖެއަކީ އެއްވެސް ގައުމެއްގެ 'ބެކްޔާޑް'އެއް ނޫން ކަމަށާއި ރާއްޖެ ކުޑަޔަސް ބުލީ ނުކުރެވޭނެ ކަމަށް ވިދާޅުވެފައެވެ. އެ މައްސަލައިގައި ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެ، ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލައި އިންޑިއާގައި ކެމްޕޭނެއް ވެސް ކުރިއަށްގެންދިޔައެވެ. ނަމަވެސް އޭގެ ފަހުން މި ސަރުކާރުން އިންޑިއާއާ ގުޅުން ބަދަހި ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވެއެވެ. އެގޮތުން، މޯދީ ތިން ވަނަ ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށް ވެސް ރައީސް ވަޑައިގަތެވެ. އޭގެ ފަހުން އިންޑިއާއާއި ދިވެހި ސަރުކާރުން ވެސް ވަނީ ދެ ގައުމުގެ ގުޅުން އާންމު ހާލަތަށް ރަނގަޅުވެފައިވާ ކަމަށް ބުނެފައެވެ. އިންޑިއާއާއި، ރާއްޖެއާ އެންމެ ގާތް ގުޅުމެއް މި ފަހުން އޮތީ ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ އެމްޑީޕީ ސަރުކާރުގައެވެ. ޞާލިހު ވެރިކަމުގެ ހުވާ ކުރެއްވި ރަސްމިއްޔާތުގައި ވެސް މޯދީ ބައިވެރިވެވަޑައިގެންނެވިއިރު، އެ ވެރިކަމުގައި ފަހުން ވެސް މޯދީ ރާއްޖެ ވަޑައިގަތެވެ. އަދި މޯދީއަށް ވަނީ ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ޝަރަފު ވެސް އަރުވައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ