މުވައްޒިފުންގެ މުސާރަ ކުޑަކުރަން އުޅޭ ކަމަށް ބުނެ ފަތުރަނީ ދޮގެއް: އެމްއޭސީއެލް

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ މުވައްޒަފުންނަށް ދެމުން އަންނަ މުސާރައާއި އިނާޔަތްތަކަށް ބަދަލު ގެންނަން އުޅޭ ކަމަށް ބުނެ ކުންފުނީގެ މުވައްޒަފުންގެ މެދުގައި ނުތަނަވަސްކަން އުފެދޭ ގޮތަށް ބައެއް ފަރާތްތަކުން މީސް މީޑިއާގައި ފަތުރަމުން އަންނަ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.
އެމްއޭސީއެލްގެ މުވައްޒިފުންގެ މުސާރަ ކުޑަކުރަން އުޅޭ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދަނީ ވާހަކަ ފަތުރަމުންނެވެ.
އެކަމާއި ގުޅިގެން އެ ކުންފުނިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމަށްޓަކައި ކުންފުނީގެ މުވައްޒަފުން ރެޔާއިދުވާލު ކުރަމުން އަންނަ ބުރަ މަސައްކަތަށް ހުރަސްއެޅުމަށާއި ކުންފުންޏާމެދު މުވައްޒަފުންގެ އިތުބާރު ގެއްލުވާލުމަށްޓަކައި ގަސްތުގައި ފަތުރަމުން އަންނަ ހަގީގަތާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
އަދި މިފަދަ އެއްވެސް ކަމެއް ކުރުމުގެ އެއްވެސް މަޝްވަރާއެއް އެއްވެސް އިރެއްގައި ކުންފުނިން ކޮށްފައި ނުވާ ކަމާއި އެފަދަ ބަދަލެއް ގެނައުމުގެ އެއްވެސް ވިސްނުމެއް ކުންފުނިން ނުގެންގުޅޭ ކަމަށް ބުނެފައިވެ އެވެ.
"... މި ކުންފުނިން އަރުވަން ބޭނުންވާ ޔަގީންކަމަކީ ކުރިއަށް އޮތްތަނުގައި ވެސް މި ކުންފުނީގެ މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތްތައް ދެމުންއައި އުސޫލާއި ހަމަތަކުގެ މަތިން، އެއްވެސް ބަދަލެއް ނެތި، މި ކުންފުނިން މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ދެމުން ގެންދާނެ ކަމެވެ. މި ކުންފުނީގެ އެންމެ އަގުބޮޑު ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުންކަމުގައިވާހިނދު، މި ކުންފުނިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނީ ކުންފުނީގެ މުއައްޒަފުންގެ ލާބައާއި މަންފާއަށްޓަކައި ކަމަށްވެސް މި ފުރުސަތުގައި ޔަގީންކޮށް އަރުވަމެވެ,"
އެމްއޭސީއެލްގެ އިލްތިމާސަކީ މިފަދަ ވާހަކަތައް ފަތުރާ ފަރާތްތަކުން އެފަދަ ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، ޒިންމާދާރު ކަމާއެކު، ކަމުގެ އަސްލާ އެއްގޮތަށް ވާހަކަތައް ބައްޓަން ކުރުން ކަމަށެވެ. އަދި ކުންފުނިން ގަބޫލުކުރާ ގޮތުގައި ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބޭނުން ހިފަން ވާނީ ކަންކަމުގެ ހަގީގަތް ނުގެއްލޭ ގޮތަށް، ކަމުގެ ތެދު މައުލޫމާތާ އެކުގައި ކަަމަށް ވެސް ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ