ފުރިހަމައަށް ތައްޔާރުވެ ނިއު ރޭޑިއަންޓް އެނބުރި އަންނާނެ: ސޮބާ

ފުރަތަމަ ޑިވިޝަނަށް އެރުމަކީ އުނދަގޫ ކަމެއް ކަމަށާއި، އެކަމަކު ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އެނބުރި އަންނާނީ ވަރުގަދަކޮށް ކަމަށް އެ ޓީމުގެ ކޯޗު ސޮބާހު މުޙައްމަދު އިބްރާހީމް (ސޮބާ) ބުނެފިއެވެ.
ދެވަނަ ޑިވިޝަނުގެ ސެމީ ފައިނަލުގައި އާދީއްތަ ދުވަހު ބުރު ސްޕޯޓްސް ކުލަބު އަތުން ބަލިވެ، ފުރަތަމަ ޑިވިޝަނަށް އެރުމަށް ނިއު ރޭޑިއަންޓުން ކުރާ އިންތިޒާރު ވަނީ ދިގުވެފައެވެ.
ކުޅުންތެރިންނަށް މުސާރަ ނުދިން މައްސަލައިގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިއު ރޭޑިއަންޓް ސަސްޕެންޑް ކުރީ 2019 ވަނަ އަހަރުގެ ޖެނުއަރީ މަހުގައެވެ. އެކަމަކު މި އަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ކުރިން ނިއު ރޭޑިއަންޓުން ވަނީ އެ ޓީމުގެ ދަރަނި ދައްކައި، ދިވެހި ކުޅުންތެރިންނާއެކު އެއްބަސްވުމަކަށް އައިސްފައެވެ.
ބުރު ސްޕޯޓްސް އާ ދެކޮޅަށް މެޗަށްފަހު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ސޮބާ ބުނީ މި ނަތީޖާއަކީ ނިއު ރޭޑިއަންޓް ސަޕޯޓަރުންނަށް ގަބޫލުކުރަން ފަސޭހަ ނަތީޖާއަކަށް ނުވެދާނެ ކަމަށެވެ. އެކަމަކު މިކަމާ އޭނާ ކުރިމަތިލީ ކެރިގެން ކަމަށާއި، ނިއު ރޭޑިއަންޓަކީ ރާއްޖޭގެ ފުޓްބޯޅައިގެ ބޮޑު ތާރީޚެއް އޮތް ކުލަބެއް ކަމަށް ބުންޏެވެ. އަދި އެހެންކަމުން އެކަމާ ކުރިމަތިލީ މީގެ ކުރިން ނިއު ރޭޑިއަންޓާއެކު ގިނަ ކާމިޔާބީތަކެއް ހޯދައިފައިވާ މީހެއްގެ ހައިސިއްޔަތުން ކަމަށްވެސް ސޮބާ ވަނީ ބުނެފައެވެ.
ސޮބާ ބުނީ މެނޭޖުމަންޓުގެ ބުރަ މަސައްކަތުން ހަތަރު އަހަރަށްފަހު ނިއު ރޭޑިއަންޓް އެނބުރި އައުން އެއީ ލިބުނު ބޮޑު އުފަލެއް ކަމަށާއި، އަދި ފީފާގެ ސަސްޕެންޝަނުން ނިއު ސަލާމަތް ވެފައިވަނީ މުބާރާތް ފެށެން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ކަމަށެވެ. އަދި ކުރަން ޖެހުނީ ބުރަ މަސައްކަތެއް ކަމަށްވެސް ބުންޏެވެ.
ސޮބާ ބުނީ ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދެވުމަކުން އަދި ނިމުނީ ނޫން ކަމަށާއި، ފުރަތަމަ ޑިވިޝަނުގެ ކުލަބުތަކުގެ ތެރެއިން ރެލިގޭޝަނަށް ނުކުންނަ ކުލަބުތަކަކީ ފެންވަރުގެ ގޮތުން އެތައް ގުނައެއް ވަރުގަދަ ކުލަބުތަކެއް ކަމަށެވެ. އަދި ދެވަނަ ޑިވިޝަން ފަހަނައަޅައިދާން ވަރުގަދަ ސްކޮޑެއް ބޭނުންވާ ކަމަށްވެސް ސޮބާ ބުންޏެވެ.
ސޮބާ އިތުރަށް ބުނީ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުން ފެނިގެންދިޔައީ ނިއު ރޭޑިއަންޓާއި ވިކްޓަރީ ސްޕޯޓްސް ކުލަބު އެނބުރި އައުމުން، ގައުމީ ފުޓްބޯޅަ ދަނޑަށް ދިރުން ލިބިގެންދިޔަކަން ކަމަށެވެ.
މި ފަހަރުގެ ދެވަނަ ޑިވިޝަނުގެ ފައިނަލަށް ދިޔަ ކުލަބު ޓީނޭޖާއި ބުރު ސްޕޯޓްސް ކުލަބަށް ވަނީ އަންނަ އަހަރުގެ ދިވެހި ޕްރިމިއާ ލީގަށް ޕްރޮމޯޓްވާން ކޮލިފިކޭޝަން ކުޅެން ފުރުސަތު ލިބިފައެވެ. އެ ދެ ޓީމު ކުޅެން ޖެހޭނީ މި ފަހަރުގެ ދިވެހި ޕްރިމިއާ ލީގުގެ ފަހަތުގައި އޮތް ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާއި ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާއެވެ. އެ ހަތަރު ޓީމުގެ މެދުގައި ލީގު ބުރެއް ކުޅުމަށްފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަރާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ