އިދިކޮޅު ލީޑަރު ރައީސް ޔާމީން އައްޑޫ ސިޓީއަށް ވަޑައިގެންފި

ވާދަވެރި ސިޔާސީ ލީޑަރު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އައްޑޫ ސިޓީއަށް ވަޑައިގަންނަވައިފިއެވެ.ޔާމީން ވަޑައިގެންނެވި މޯލްޑިވިއަންގެ ފްލައިޓް ގަމަށް ޖެއްސީ މިއަދު ދޭއް ޖަހާކަން ހާއިރެވެ. އަދި އައްޑޫގެ އެކި ރަށްތަކުން ގިނަ އަދަދެއްގެ ބަޔަކު ޔާމީނަށް މަރުހަބާ ދަންނަވަން އެއާޕޯޓަށް ޖަމާވިއެވެ. އައްޑޫ އަށް ވެހެމުން ދިޔަ ބޯ ވާރޭ ތެރޭގައި ވެސް ގިނަ ބަޔަކު ނުގޮސް އެއާޕޯޓު ކައިރީގައި ތިބިއެވެ.މިއީ އެ މަނިކުފާނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު ރަސްމީކޮށް ހަވާލުކުރިފަހުން އައްޑުއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.އައްޑޫއަށް އެ މަނިކުފާނު ކުރެއްވި މި ދަތުރުފުޅުގައި ޕީއެންސީގެ ރައީސް އަބްދުއްރަހީމާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ޝާހިދު (ޝާޑު) ވެސް ބައިވެރިވެވަޑައިގަންނަވައެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަންގެ ލީޑާޝިޕްގެ ބައެއް މެމްބަރުން ވެސް ހިމެނެއެވެ.ޔާމީން މިއަދުން ފެށިގެން މި މަހުގެ 9 އާ ހަމައަށް އައްޑު އަށް ކުރައްވާ ދަތުރުގައި އައްޑޫގެ ހުރިހާ އަވަށަކަށް ވެސް ވަޑައިގެން ޕާޓީގެ މެމްބަރުންނާ ބައްދަލުކުރައްވާނެ އެވެ. އެގޮތުން މިއަދު އެންމެ ފުރަތަމަ ވަޑައިގަންނަވަން ހަމަޖެހިފައި ވަނީ ފޭދޫގެ މެމްބަރުންނާ ބައްދަލުކުރުމަށް ޕީޕީއެމްގެ ފޭދޫ އޮފީހަށެވެ.ރައީސް ޔާމީން އަތޮޅު ތެރެއަށް ކުރައްވާ ދަތުރުފުޅުތައް އިތުރުކުރައްވާފައި މިވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓް އެމަނިކުފާނާ ހަވާލުކޮށްފައި ވަނިކޮށެވެ.ރާއްޖޭގެ އެކިކަންކޮޅުތަކަށް ވަޑައިގެން ޔާމީން ރިޔާސީ ކެމްޕެއިން ފައްޓަވާފައިވާ އިރު، ޕީޕީއެމުން ބުނީ އަންނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގެ ކުރިން އެމަނިކުފާނު ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.މިދިޔަ މަހު އެމަނިކުފާނު ވަނީ ހދ އަދި ނ އަތޮޅަށްވެސް ވަޑައިގެންފަ އެވެ. ޕީޕީއެމް އިން ބުނެފައިވާ ގޮތުގައި މި މަހުގެ ތެރޭގައި ޔާމީން ފުވައްމުލަށް ސިޓީ އަދި ގދ އަތޮޅަށް ވަޑައިގަންނަވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ