ޔާމީން މިނިވަންވުމުގެ އުފަލުގައި މަހާޒު ބައިވެރިވި ކަމަށް ބާރު ލިބޭ ކަންކަން އެބަހުރި: ޖޭއެސްސީ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރާ ގުޅޭ ގޮތުން ހުށަހެޅި ޝަކުވާއަށް ބާރު ލިބޭ ކަންކަން ހާމަވެފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފި އެވެ.
ފަނޑިޔާރު މަހާޒުއާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއަކީ ފަނޑިޔާރު މަހާޒު ބެންޗުގައި ހިމެނޭ ގޮތުން ސުޕްރީމް ކޯޓުން ބެއްލެވި ގަޒިއްޔާއެއްގައި ވަކި ގޮތަކަށް ހުކުމްކުރެއްވުމުން އެ ކަމުގެ އުފަލުގައި އެ ގަޒިއްޔާގައި ހިމެނޭ ހަސްމެއްގެ ސަޕޯޓަރަކު ފޮނުވި ޖާފަތަކާ ހަވާލުވެ, ފަރީއްކޮޅުގައި އެ އުފަލުގައި ބައިވެރިވެ ވަޑައިގެންނެވި ކަމަށް ބުނެ ހުށަހެޅި ޝަކުވާ އެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މަހާޒު ބައިވެރިވެގެން ސުޕްރީމް ކޯޓުން ބެލި އެ މައްސަލައަކީ ކުރީގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އަބްދުالله ޔާމީންގެ މައްޗަށް ކުރި މަނީލޯންޑާ ކުރުމުގެ ދައުވާގެ އިސްތިއުނާފު މައްސަލަ އެވެ.
އެ މައްސަލަ ބެއްލެވި ބެންޗުގެ ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު މަހާޒެވެ. ދެން ހިމެނިވަޑައިގެންނެވީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރު އަދި ފަނޑިޔާރު މުހައްމަދު އިބްރާހީމެވެ.
ޖޭއެސްސީއަށް ހުށަހެޅި ޝަކުވާއާ ގުޅިގެން ފަނޑިޔާރު މަހާޒު މިއަދު ޓުވީޓާގައި އާންމުކުރި ލިޔުއްވުމެއްގައި ވިދާޅުވީ, ބެއްލެވި މައްސަލައިގެ އަޑުއެހުން ދިގުލައިގެންދާތީ އެ މައްސަލަ އޮންނަ ކޮންމެ ދުވަހަކު މައްސަލަ ބަލާ ބެންޗުގެ ފަނޑިޔާރެއް އަނެއް ދެ ފަނޑިޔާރުންނާއެކު މެންދުރު ކާން އެއްޗެއް އަމިއްލަ ހަރަދުގައި ގެންނަ ކަމަށެވެ.
އެގޮތަށް ދައުރުވަމުން އައިސް ނޮވެމްބަރު 30 ވަނަ ދުވަހު ތަނަކަށް އޯޑަރުކޮށްގެން އެއްޗެއް ގެނައީ އަމިއްލައަށް ކަމަށާއި ކެއި އިރު, ކާތަކެތި ގެނައީ ކޮންތަނަކުން ކަންވެސް ހުރިހާ ފަނޑިޔާރުންނަށް އެނގޭނެ ކަމަށްވެސް ވިދާޅުވި އެވެ.
“ކާ އެއްޗެހި ގެނައީ އަމިއްލައަށް ހަރަދުކޮށްފައި, ފައިސާ ދެއްކި ސްލިޕްވެސް އެބަ އޮތް. ހިލޭ ނުވަތަ ނުއަގުގައި ގެނައި އެއްޗެސް ނޫން. އަދި ވަކި ހާއްސަ އެއްޗެއް ގެނައީ އެއްވެސް ނޫން.,” ފަނޑިޔާރު މަހާޒު ވިދާޅުވި އެވެ.
ފަނޑިޔާރު މަހާޒުގެ އެ ވާހަކަތަކާ ގުޅިގެން ޖޭއެސްސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ, ފަނޑިޔާރާ ގުޅޭ ގޮތުން މައުލޫމާތު ސާފުކުރުމަށް ތަކުރާރުކޮށް ސުޕްރީމް ކޯޓަށް ސިޓީ ފޮނުވުމުންވެސް އެ ދުވަހުގައި ފަރީއްކޮޅެއް އޮތްކަމަށް ވިދާޅުވުމުން ފިޔަވައި އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކޮސްދެއްވުމަށް ތަކުރާރުކޮށް އިއުތިރާޒު ކުރެއްވި ކަމަށެވެ.
އަދި ފަރީއްކޮޅު އިންތިޒާމުވި ގޮތާއި އެކަމަށް ހަރަދުކުރި ގޮތުގެ ތަފުސީލު ހޯދުމަށް ކުރި މަސައްކަތަށް ގަސްތުގައި އިޖާބަދެއްވާފައި ނުވާ އިރު, އޭރު އެ މައުލޫމާތު ފަނޑިޔާރު ހާމަނުކުރެއްވީ އެވަގުތު އެ މައުލޫމާތާއި ލިޔެކިޔުން ފަނޑިޔާރު އަތްޕުޅުގައި އޮވެމެކަން ނުވަތަ ނޫންކަން އިތުރަށް ސާފުވާނީ ކޮމިޝަނުން ކުރިއަށް ގެންދާ ތަހުގީގުން ކަމަށްވެސް ބުންޏެވެ.
“މިހެންވެ، ފަނޑިޔާރު މަހާޒު މަސައްކަތްކުރައްވާ ސެކްޝަންގެ ބައެއް މުވައްޒަފުން ކޮމިޝަނަށް ހާޒިރުކޮށް އެ ފަރީއްކޮޅާ ގުޅޭ މައުލޫމާތު ސާފުކުރެވުނުވެ. މި ސާފުކުރެވުނު މައުލޫމާތުން މި ފަރީއްކޮޅާމެދު ޝަކުވާގައި ފާހަގަކޮށްފައިވާ ކަންކަމަށް ބާރުދޭ ބައެއް ކަންކަން ހާމަވެފައި ވާތީ އާއި މި ފަދަ ތުހުމަތުތަކުގެ ހަގީގަތް ހޯދުމަކީ ހުރިހާ ގޮތަކުން ވެސް ބޭނުންތެރި ކަމެއްކަމަށް ފެންނާތީ މި މައްސަލަ ތަހުގީގުކުރަން މި ކޮމިޝަނުން ނިންމީއެވެ.,” ޖޭއެސްސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ, ކުރިން ބުނި މައުލޫމާތު ސާފުކުރި މަރުހަލާގައި ފަނޑިޔާރު މަހާޒަށް މި ޝަކުވާއާ ގުޅުންހުރި މައުލޫމާތު ހާމަކުރުމުގެ ފުރުސަތު ލިބިފައިވާ ކަމަށާއި ނަމަވެސް އެ މައުލޫމާތު އެއްވެސް މިންވަރަކަށް ހާމަކޮށްފައި ނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ