ނ.އަތޮޅުގެ ރަށްތައް ވިއްކުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރެނުދިން

ނ. އަތޮޅުގެ ބައެއް ރަށްތައް
ދިގު މުއްދަތަކަށް ޓޫރިޒަމަށް ދޫކުރަން ސަރުކާރުން ކުރާ މަސައްކަތް ހުއްޓުވުމަށް
ހުށަހަޅާފައިވާ މައްސަލައިގައި، އަތޮޅު ކައުންސިލުން އެދުނު ގޮތަށް ރައްތައް
ދޫކުރުން ހުއްޓުވުމުގެ ވަގުތީ އަމުރު ނެރެނުދޭން ސިވިލް ކޯޓުން ނިންމައިފިއެވެ.
ލާމަރުކަޒީ ގާނޫނާ ހިލާފަށް ނ.ދޮނައެރިކަނޑޫދޫ
އާއި އެ އަތޮޅު ކެނދިވަރު ފަތުރުވެރިކަމުގެ ބޭނުމަށް ދިގުމުއްދަތަކަށް ވަކި
ފަރާތަކަށް ކުއްޔަށް ދޫކުރުމަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާފައިވާ ކަމަށް
ބުނެ އެކަން ހުއްޓުވައި ދިނުމަށް އަތޮޅު ކައުންސިލުން ވަނީ ސިވިލް ކޯޓަށް މައްސަލަ
ހުށަހަޅާފައެވެ.
އެގޮތުން ކައުންސިލުން ބުނި
ގޮތުގައި ސަރުކާރުގެ އެ ނިންމުމަކީ ލާމަރުކަޒީ ގާނޫނާ ހިލާފު ނިންމުމަކަށް ވަނީ
އަތޮޅެއްގެ ރަށްތަކާއި ފަޅުތަކާ މެދު ސަރުކާރުން ގޮތެއް ނިންމުމުގައި،
ކައުންސިލްގެ މަޝްވަރާ ހޯދަން ޖެހޭނެ ކަމަށް ލާމަރުކަޒީ ގާނޫނުގައި ބަޔާންކޮށްފައި
އޮތް އޮރު، އެގޮތަށް އަމަލުކޮށްފައި ނުވާތީއެވެ.
Advertisement
ކައުންސިލުން ސިވިލް ކޯޓުގައި
ވަގުތީ އަމުރަކަށް އެދުނީ، އެ މައްސަލައާ މެދު ވަކި ގޮތެއް ކަނޑައެޅުމުގެ ކުރިން
އެއްވެސް ފަރާތަކަށް ރަށްތައް އެވޯޑް ކުރުމުގެ އެއްވެސް މަސައްކަތެއް ނުކުރުމަށާއި
އެހެން ފަރާތެއްގެ މަސްލަހަތު އެ ދެ ރަށުގެ މައްޗަށް އުފަންވެދާނެ ފަދަ އެއްވެސް
ކަމެއް ނުކުރުމަށް ދައުލަތުގެ އިދާރާތަކުގެ މައްޗަށް އަމުރުކޮށްދިނުމަށް އެދިއެވެ.
ވަގުތީ އަމުރަށް އެދެމުން
ކައުންސިލުން ބުނީ އަތޮޅުގެ ގިނަ ރަށްތައް މިހާރުވެސް ދަނޑުވެރިކަމާއި
ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ބުނެ ސިންގަލް ޕާރސަލް ކުއްޔަށް
ދޫކޮށްފައިވާއިރު، އެތަންތަނުން އަތޮޅުގެ ރައްޔިތުންނަށް އެކަށީގެންވާ
އާމްދަނީއެއް އަދި މަންފާއެއްވެސް ނުލިބި، އެރަށްތައް ޒަމާނުއްސުރެ ބޭނުންކުރަމުންދިޔަ
ރައްޔިތުންނަށް އެތަންތަން ބޭނުންކުރުމުން މަހްރޫމްވެފައިވާ ކަމަށެވެ.
އަދި އެގޮތަށް ވަކި
ފަރާތަކަށް ދިގު މުއްދަތައް ކުއްޔަށް ދޫނުކޮށް ހުރި މަދު ރަށްތަކުގެ ތެރޭގައި
ކެނދިވަރާއި ދޮނައެރިކަނޑޫދޫ ހިމެނޭއިރު، އެ ދެ ރަށް ވިއްކުމާ ދެކޮޅަށް
ހުށަހަޅާފައިވާ މައްސަލައާމެދު ގޮތެއް ނުނިންމެނީސް ރަށްތައް ދޫކޮށްފިނަމަ، އެހެން
ފަރާތްތަކެއްގެ މަސްލަހަތު އެ ރަށްތަކުގެ މައްޗަށް އިސްވެ، އަންނަ ހުކުމެއްގެ ބާރު
ކުރިއާލާ ކަނޑައެޅޭނެ ކަމަށެވެ.
ނަމަވެސް މި މައްސަލާގައި
ވަގުތީ އަމުރު ނެރެދެވެން ނެތް ކަމަށް ސިވިލް ކޯޓުން ވަނީ ނިންމާފައެވެ.
މިކަމުގެ ސަބަބެއް ކަމަށް
ކޯޓުން ބުނީ ކެނދިވަރަކީ ދަމަކް އޯޝަން ހައިސްޓް ކޮމްޕެނީ ލިމިޓެޑާއި، ޓޫރިޒަމް
މިނިސްޓްރީއާ ދެމެދު ޑިސެމްބަރު 22، 2022 ގައި ސޮއިކޮށްފައިވާ އެއްބަސްވުމެއްގެ
ދަށުން ފަތުރުވެރިކަމުގެ ބޭނުމަށް ކުއްޔަށް ދެވިފައިވާ ރަށެއް ކަމުން އެރަށުގައި
މިހާރުވެސް ތިންވަނަ ފަރާތެއްގެ މަސްލަހަތު އުފަންވެފައިވާތީ، އެފަރާތުގެ ހައްގަށް
ރިއާޔަތް ނުކޮށް ކައުންސިލުން އެދިފައިވާ ގޮތަށް ވަގުތީ އަމުރު ނެރެދިނުމަކީ އެ
ކުންފުންޏަށާއި ދައުލަތަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަކަށް ވާތީ އެވެ..
އަދި ދޮނައެރިކަނޑޫދޫ އަކީ
ކްރޮސް ސަބްސިޑީ މޮޑެލްގެ ދަށުން، ނ.މާފަރު އެއާޕޯޓު ހިންގުމަށް ދިވެހި ސަރުކާރާއި
އަބޫދާބީ ފަންޑު ފޯ ޑިވޮލޮޕްމަންޓް (އޭޑީއެފްޑީ) އާ ދެމެދު ޑިސެމްބަރު 12، 2017
ގައި ސޮއިކޮށްފައިވާ އެމްއޯޔޫއެއްގެ ދަށުން އޭޑީއެފް އަށް ދިނުމަށް ނިންމާފައިވާ
ރަށެއްކަން ސިވިލް ކޯޓުން ވަނީ ފާހަގަ ކޮށްފައެވެ.
މި ހާލަތުގައި ނ.އަތޮޅު ރައްޔިތުންގެ ހައްގުތައް
މިނެކިރަން ޖެހޭނީ ރާއްޖޭގެ އެންމެހާ ރައްޔިތުންގެ ހައްގުތަކާ ކަމުގައިވާއިރު، މި
ހާލަތުގައި ވަގުތީ އަމުރު ނެރެދެއްވުމުން ހިމާޔަތް ކުރެވޭ ވަގުތީ އަމުރު ނެރެދެވޭ
ފަރާތުގެ މަސްލަހަތައްވުރެ މި މައްސަލައިގައި ވަގުތީ އަމުރެއް ނުނެރުއްވުމުން
ހިމާޔަތްކޮށް ރައްކާކުރެވޭ ދައުލަތުގެ މަސްލަހަތު ބޮޑުކަން ދައުލަތުން ފާހަގަކުރާ
ކަމަށް ސިވިލް ކޯޓުގެ ހުކުމުގައި ބުނެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ