ފްލެޓް ލިސްޓުން އުނިކުރެވޭ ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތްތައް ހޮވާނީ 15،000 ފޯމު ވެރިފައިކުރުމަށްފަހު: މިނިސްޓަރ

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓް ލިބޭނެކަމަށް ކަނޑައެޅި ލިސްޓުން އުނިކުރެވޭ ފަރާތްތަކުގެ ބަދަލުގައި އެހެން ފަރާތްތައް ހޮވާނީ އެ ސްކީމަށް ހުށަހަޅާފައިވާ 15،000 ފޯމުގެ ސައްހަކަން ބެލުމަށްފަހު ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާވެށްޓާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް މިއަދު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ހާމަކުރެއްވި ގޮތުގައި، ކުރީގެ ސަރުކާރުން 4000 ފްލެޓް ދޭން ނިންމި މީހުންގެ ތެރެއިން ފްލެޓަށް ޝަރުތު ހަމަވަނީ އެންމެ 1،820 މީހުންނެވެ. އަދި ބާކީ ހުރި ފްލެޓްތައް ދޫކުރާނީ ހުރިހާ ފޯމެއްގެ ސައްހަކަން ބެލުމަށްފަހު ޕޮއިންޓު ތަރުތީބުންނެވެ.
"މި ސްކީމަކީ 20،000 އަށް ވުރެ ގިނަ ފަރާތުން އެޕްލިކޭޝަން ހުށަހެޅި ސްކީމެއް. އެގޮތުން ބާކީވާ ފްލެޓްތައް ވެސް ދޭން އެންމެ ރަނގަޅު ގޮތެއް ކަމަށް ސަރުކާރު ތެރޭގައި މަޝްވަރާކުރެވި ފެނުނީ ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި ލިސްޓުގައި ވެރިފައި ކުރުމުގެ މަސައްކަތާ އެއްގޮތަށް ބާކީ ހުރި ފޯމުތައް ވެސް ބަލައި ވެރިފައި ކޮށްފައި ފްލެޓް ލިބޭ ފަރާތްތަކަށް ޕޮއިންޓު ތަރުތީބުން ދިނުން،" ވަޒީރު ވިދާޅުވިއެވެ.
މި ސްކީމަށް ޖުމްލަ 20،000 އެއްހާ މީހުން ފޯމު ހުށަހެޅި ނަމަވެސް، ބާކީ ހުރި 15،000 ފޯމުގެ ސައްހަކަން ކަށަވަރުކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
4000 ފްލެޓުގެ ވަގުތީ ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ. އަދި މި ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުމަށް އެއް މަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވި ގޮތުގައި، ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާކަމަށް ކަނޑައަޅާފައިވަނީ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ ފަރާތްތަކެވެ. އަދި ބާކީވާ ފްލެޓްތައް 75 ޕޮއިންޓު ލިބޭ ފަރާތްތަކުގެ މެދުގައި ގުރުއަތުން ނަގާނެއެވެ. ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާނީ 73 ޕޮއިންޓުން މަތިން ލިބޭ ފަރާތްތަކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ