ބޭނުންވަނީ ހަޒާޑް މަޑުކުރުވަން: ސާރީ

ޗެލްސީގެ ފޯވަޑް އެޑެން ހަޒާޑް ޓީމުގައި މަޑުކުރުވަން ބޭނުންވާ ކަމަށާއި، އޭނާ އިތުރަށް ކުރިއެރުވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ޗެލްސީއާ އަލަށް ހަވާލުވި ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ. ސާރީ އެހެން ބުނެފައިވަނީ ޔޫރަޕްގެ ގަދަ ބާރު، ރެއާލް މެޑްރިޑުން ހަޒާޑް ހޯދުމަށް ބޮޑެތި މަސައްކަތްތަކެއް ކުރާ ކަމަށް މީޑިއާގައި ފެންމަތިވެފައި ވަނިކޮށެވެ. މީޑިއާގައި އެފަދަ ވާހަކަތަކެއް ދެކެވެމުން ދަނިކޮށް ހަޒާޑްވެސް ވަނީ ރެއާލްގެ ފުރުސަތަކަށް ނޫނެކޭ ނުބުނާނެ ކަމަށް ބުނެފައެވެ. ޗެލްސީއާ އަލަށް ހަވާލުވި ކޯޗު ސާރީ، ނޫސްވެރިންނާ ވާހަކަ ދައްކަމުން ބުނެފައިވަނީ ހަޒާޑަކީ ޔޫރަޕްގައި ކުޅޭ އެންމެ މޮޅު ތިން ކުޅުންތެރިންގެ ތެރެއިން އެއް ކުޅުންތެރިއެއް ކަމަށާއި، ހަޒާޑަކީ ތަފާތު ލެވެލްއެއްގެ ކުޅުންތެރިއެއް ކަމަށެވެ. މިވަގުތު ޗުއްޓީ ހޭދަކުރަމުންދާ ހަޒާޑް ވަނީ ނިމިދިޔަ ވޯލްޑް ކަޕްގައި ބެލްޖިއަމް ޓީމާއެކު ވިދާލައިފައެވެ. ހާއްސަކޮށް އޭނާ ވަނީ ބެލްޖިއަމްގެ ތާރީހުގައި ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގެ ލޯ މެޑަލްއެއް ހޯދުމަށް ވަރަށް ބޮޑަށް އެހީތެރިވެދީފައެވެ. ޗެލްސީއާއެކު އަންނަ ސީޒަނަށް ތައްޔާރުވަމުންދާ އިޓަލީގެ ކޯޗު ސާރީ ބުނެފައިވަނީ ހަޒާޑްގެ ޗުއްޓީ ނިމުމުން އޭނާއާއެކު ވާހަކަ ދެއްކުމަށް އިށީންނާނެ ކަމަށެވެ. ޗެލްސީ ދޫކޮށް ބައެއް މުހިއްމު ކުޅުންތެރިން ދާން އުޅޭ ކަމަށް މީޑިއާގައި ގިނަ އަޑުތަކެއް ފެތުރިފައިވާ އިރު، ސާރީ ބުނީ އެއްވެސް ކުޅުންތެރިއަަކަށް ފޯނުން ގުޅައިގެން މަޝްވަރާ ނުކުރާނެ ކަމަށެވެ. ކުޅުންތެރިންނަށް ގުޅުމުގެ ބަދަލުގައި ސާރީ އަބަދުވެސް ބޭނުންކުރާ އުކުޅަކީ ސީދާ ކުޅުންތެރިއާ ކައިރީގައި އިނދެ ވާހަކަ ދެއްކުން ކަމަށްވެސް އުމުރުން 59 އަހަރުގެ ކޯޗު ބުންޏެވެ. ޗެލްސީގެ ކޯޗުކަމާ ސާރީ ހަވާލުވެފައިވަނީ އެޓީމުގައި މިދިޔަ ދެ ސީޒަން ހޭދަކުރި ކޯޗު އެންޓޯނިއޯ ކޮންޓޭގެ މަގާމު ފުރުމަށެވެ. ރަޝިއާގެ ބިލިއަނަރު ރޯމަން އަބްރަމޮވިޗް، ޗެލްސީ ގަނެފައިވަނީ 2003 ވަނަ އަހަރުގައެވެ. އޭގެ ފަހުން އޭނާ ވަނީ ޗެލްސީއަށް 13 ކޯޗަކު ގެނެސްފައެވެ. ސާރީއަކީ ޗެލްސީއާ ހަވާލުވި ކޯޗުންގެ ތެރެއިން އިޓަލީއަށް އުފަން ހަ ވަނަ ކޯޗެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ