އޭރުވެސް މިހާރުވެސް މިނިވަން ވިޔަފާރިއަކީ ބުއްދިވެރި ކަމެއްގެ ގޮތުގައެއް ނުދެކެން: ނަޝީދު

މިނިވަން ވިޔަފާރީގެ އެއްބަސްވުމަކީ އެއްވެސް އިރެއްގައި ބުއްދިވެރި ކަމެއްގެ ގޮތުގައި ދެކިވަޑައިނުގަންނަވާ ކަމަށާއި އެކަމުގެ ސަބަބުން ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވާނެ ކަމަށް ރައްޔިތުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މަޖިލިސް ރައީސް ނަޝީދު ވިދާޅުވީ އެފްޓީއޭ ނުވަތަ މިނިވަން ވިޔަފާރީއަކީ ވިޔަފާރީގެ ގޮތުން އެއް ހަމަ ގައުމުތަކުގައި ކުރާ ކަމެއް ކަމަށެވެ. ރާއްޖެއާ ޗައިނާއަކީ ވިޔަފާރީގެ ގޮތުން އެއް ހަމަ ގައުމެއް ނޫން ކަމަށް ނަޝީދު ވިދާޅުވިއެވެ. ނަޝީދު ވިދާޅުވީ ރާއްޖެއަށް ވަންނަ އާމްދަނީގެ ބޮޑު ބަޔަކީ އިމްޕޯޓު ޑިއުޓީން ވަނަ އާމްދަނީ ކަމަށެވެ. ނަމަވެސް މިނިވަން ވިޔަފާރި ފަދަ އެއްބަސްވުމަކަށް އަމަލުކުރަން ފަށައިފި ކަމަށްވާނަމަ އެ އާމްދަނީ ގެއްލިގެން ދިޔުމުގެ ފުރުސަތު ބޮޑުވެގެންދާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނަށް ފްރީ ޓްރޭޑް އެގްރީމަންޓެއް ޗައިނާއާ އެކީގައި އުފެއްދުމާއި ގުޅިގެން، ހުރިހާ، ހުރިހާ އެއްޗެއް އަޅުގަނޑުމެން ޗައިނާއިން ގަންނަން ފަށާނެ. ދެން އެހެން ގައުމުތަކުން ގަންނަ އެއްޗެހިތަކެއް އަޅުގަނޑުމެން ނުގަންނާނެ، އެއީ އެގައުމުތަކަށްވުރެ މާ އަގުހެޔޮކޮށް ޗައިނާއިން ލިބެން ފަށާނެތީވެ،" ނަޝީދު ވިދާޅުވިއެވެ.
ނަޝީދު ވިދާޅުވީ މިކަމުގައި އެންމެ ބޮޑަށް ދިމާވާނެ މައްސަލައަކީ ޗައިނާއިން ތަކެތި ގަތުމަށްފަހު އެހެން ގައުމުތަކަށް އެތަކެތި ގެންދިއުމަށް ދިމާވާ ދަތި ކަމަށެވެ.
"އަޅުގަނޑުމެންނާއި ޗައިނާއާ ދެމެދު ވިޔަފާރި އެއް ހަމައެއް ނޫން، އަޅުގަނޑުމެން ކުރީގައިވެސް ދެކުނު ކަމެއް ނޫން ފްރީ ޓްރޭޑަކީ ބުއްދިވެރި ކަމެއްގެ ގޮތުގައި އަދި މިހާރުވެސް ފްރީ ޓްރޭޑު އެގްރީމަންޓަކީ ބުއްދިވެރި ކަމެއްގެ ގޮތުގައެއް އަޅުގަނޑުމެނެއް ނުދެކެން،" ރައީސް ނަޝީދު ވިދާޅުވިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި 2017ވަނަ އަހަރު ވަނީ ޗައިނާއާ ރާއްޖެއާ އެކު ވަނީ މިނިވަން ވިޔަފާރީގެ އެއްބަސްވުމުގައި ވަނީ ރަސްމީކޮށް ސޮއިކޮށްފައެވެ. ރާއްޖޭގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އޭރުގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މިނިސްޓަރު މުހައްމަދު ސައީދެވެ. ޗައިނާގެ ފަރާތުން ސޮއި ކުރެއްވީ، ޗައިނާގެ ކޮމާސް އެންޑް އިންޑަސްޓްރީޒް މިނިސްޓަރު ޒޮންގް ޝާންއެވެ. ނަމަވެސް މިއަދާއި ހަމައަށްވެސް މި ސަރުކާރުން އެ އެއްބަސްވުމަށް ގޮތެއް ނިންމާފައި ނުވާއިރު އެ އެއްބަސްވުމަށް އަމަލު ކުރުމަށް މަޖިލީހުންވެސް ގޮތެއް ނިންމާފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ