"ދަސްވާރު" ގެ ބަދަލުގައި "ހޭވައްލާ"

ސްކޫލްތަކުގައި ހިންގަމުން އައި "ދަސްވާރު" ޕްރޮގްރާމް އުވާލައި "ހޭވައްލާ" ގެ ނަމުގައި އާ ޕްރޮގްރާމެއް ސްކޫލުތަކުގައި އިއްޔެ ފަށައިފި އެވެ.
ރ. އުނގޫފާރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕްރޮގްރާމް ލޯންޗު ކޮށްދެއްވީ ނައިބު ރައީސް ފައިސަލް ނަސީމް އެވެ. މި ޕްރޮގްރާމް ފައްޓަވައިދެއްވުމުގެ ގޮތުން، ނައިބު ރައީސް ވަނީ ދަރިވަރުން ޝައުގުވެރިވާ ދާއިރާއަކުން ކުރިއެރުމުގެ ފުރުސަތު ދިނުން މުހިއްމު ކަމުގެ މައްޗަށް ވާހަކަފުޅު ދައްކަވާފަ އެވެ. އަދި، ބެލެނިވެރިން ދަރިވަރުންނަށް އެ ފުރުސަތު ހޯދައި ދިނުމަށް ވެސް ނައިބު ރައީސް އިލްތިމާސް ކުރެއްވި އެވެ.
އެޑިއުކޭޝަން މިނިސްޓްރީން މި ޕްރޮގްރާމް ފެށީ 20 ސްކޫލެއްގައި، 250 ދަރިވަރުންނާއެކު އެވެ.
ސާނަވީ ތައުލީމު ނިންމުމަށް ފަހު މަތީ ސާނަވީ ތައުލީމު ފެށުމުގެ ކުރިން ދަރިވަރުންނަށް ލިބޭ ހަތަރު މަސް ދުވަހު މި ޕްރޮގްރާމުގައި ބައިވެރިވާ ދަރިވަރުންނަށް އިންޓާންޝިޕް ޕްރޮގްރާމްތަކުގެ އިތުރުން، އެކި ހުނަރުތައް ދަސްކޮށް ދޭނެ އެވެ. އޭގެ ތެރޭގައި، ވަޑާން ކުރުމާއި ފަހަން ދަސްކޮށް ދިނުން ހިމެނެ އެވެ. މި ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ވަނީ ވަޑާން ކްލާހެއް ވެސް އިއްޔެ ފަށާފަ އެވެ.
ނިމި ދިޔަ ސަރުކާރުގައި ގްރޭޑް 10 އަކަށް ހާއްސަކޮށް ފެށި ދަސްވާރު ޕްރޮގްރާމް ވަނީ އަތޮޅުތެރޭގައިވެސް ހިންގާފަ އެވެ. އަމިއްލަ ކުންފުނިތަކާވެސް ގުޅިގެން ހިންގި މި ޕްރޮގްރާމްގެ ދަށުން ތަމްރީން ހޯދާފައި ތިބި ގިނަ ކުދިންނަށް ވަޒީފާގެ ފުރުސަތުތައްވެސް ލިބުނެވެ. މި ޕްރޮގްރާމް ހުއްޓާލީ ޕްރޮގްރާމް ކުރިއަށްގެންދިޔައީ އެކަށީގެންވާ ގޮތަށް ނޫން ކަމަށް ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ