ގައުމީ ބެޑްމިންޓަން މުބާރާތް: ޓީމު އިވެންޓުން ރިވައިވަލް ޗެމްޕިއަންކަން ހޯދައިފި

ލިޓަސް 46 ވަނަ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފުރަތަމަ ޑިވިޝަނުގެ ފިރިހެން ޓީމް އިވެންޓުން ރިވައިވަލް ސްޕޯޓްސް ކްލަބު ޗެމްޕިއަންކަން ހޯދައިފި އެވެ.
މިއަހަރު މުޅިން އަލަށް އުފެދުނު ރިވައިވަލް ޗެމްޕިއަންކަން ހޯދީ ރޭ ކުޅިވަރު އެކުވެނި ބެޑްމިންޓަން ހޯލުގައި ކުޅުނު ފައިނަލް މެޗުން ސީއެސް ސްޕޯޓްސް ކްލަބާ ވާދަކޮށް 17-13 ޕޮއިންޓުން މޮޅުވެގެންނެވެ.
ފުރަތަމަ ސިންގަލްސް މެޗުން ރިވައިވަލްގެ އަހުމަދު ތޯއިފް ވަނީ ސީއެސް ސްޕޯޓްސްގެ ހަސަން އަފްޝީން އަތުން 2-1 ސެޓުން ބަލިވެފައެވެ. އެކަމަކު ދެ ވަނަ ސިންގަލްސް މެޗުގައި ސީއެސްގެ ފަތުހުﷲ ޝަކީބަށް އަނިޔާވެގެން މެޗު ހުއްޓާލުމުން، މި މެޗު ވަނީ ރިވައިވަލްގެ ރިޝްވާން ޝިޔާމަށް ލިބިފައެވެ.
ފުރަތަމަ ޑަބަލްސް މެޗުގައި ރިވައިވަލްގެ ތޯއިފް އާއި އަލީ ޝަރްމީލްގެ ޕެއާއިން ވަނީ ސީއެސްގެ އަފްޝީން އާއި ހިޝާމް ލަތީފްގެ ޕެއާ ބަލިކޮށްފައެވެ. އެކަމަކު ތިންވަނަ ސިންގަލްސް މެޗުގައި ސީއެސްގެ ހިޝާމް ވަނީ ރިވައިވަލްގެ އައްފާން އަލީ ބަލިކޮށްފަ އެވެ. ފައިނަލް މެޗުން ރިވައިވަލް މޮޅުވީ ފަހު ޑަބަލްސް މެޗުގައި ސީއެސްގެ ފަތުހުﷲ އަށް އަނިޔާވެފައިވާތީ އޭނާ އާއި އަހުމަދު ރިޔާޒްގެ ޕެއާ މެޗު ދޫކޮށްލުމުންނެވެ. މި މެޗުގައި ރިވައިވަލްއިން ވާދަކުރީ ރިޝްވާން އާއި އަހުމަދު ވަސީމްގެ ޕެއާއެވެ.
ފުރަތަމަ ޑިވިޝަނުގެ ޗެމްޕިއަންކަން ރިވައިވަލް ހޯދިއިރު، ދެވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ކްލަބު އޭދަފުށިންނެވެ. އެޓީމުން ޗެމްޕިއަންކަން ހޯދީ ފައިނަލްގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) ގެ މައްޗަށް 17-13 ޕޮއިންޓުން ކުރިހޯދައިގެންނެވެ.
އަންނަ އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ގައުމީ މުބާރާތުގެ އޯޕަންސް ކެޓަގަރީގެ މެޗުތައް މިއަދު ވަނީ ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ