އެމްޑީޕީ ޕްރައިމަރީ ނިމޭ އިރު މަޖިލިސް އިންތިހާބު ވެސް ހަގީގަތުގައި އޮންނާނީ ނިމިފައި: ރައީސް ނަޝީދު

އެމްޑީޕީގެ ޕްރައިމަރީ ނިމޭ އިރު ރައްޔިތުންގެ މަޖިލިސް އިންތިހާބު ވެސް ހަގީގަތުގައި އޮންނާނީ ނިމިފައި ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެމްޑީޕީ ޕްރައިމަރީގައި މާފަންނު މެދު ދާއިރާއަށް ވާދަކުރައްވާ ފާރޫގު އުމަރުގެ ކެމްޕޭން ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ބައެއް ދާއިރާތަކުގައި 2000 އަށްވުރެ ގިނަ މެންބަރުން އެބަތިބި ކަމަށެވެ.
"އަޅުގަނޑުމެންގެ ބައެއް ދާއިރާތަކުގައި އެބަތިބި 2000 އަށްވުރެ ގިނަ މެންބަރުން. އެއީ މުޅި ދާއިރާ. އެހެންވީމާ އެމްޑީޕީގެ ޕްރައިމަރީ ނިމޭ އިރުގައި ހަގީގަތުގައި އިންތިހާބު އޮންނާނީ ނިމިފައި. އަޅުގަނޑުމެން މި ޕްރައިމަރީން އަޅުގަނޑުމެން ހިންގާ ހަމަތަކަކީ ދިވެހިރާއްޖޭގެ ތަރައްގީއަށް، ދިވެހިރާއްޖޭގެ ސިޔާސީ ހަމަޖެހުމަށް އެޅޭ ވަރަށް ބޮޑު ބާރެއް،" އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ އަންނަ ހުކުރު ދުވަހަކީ ނިސްބަތުން އޭޝިއާގެ އެންމެ ބޮޑު ސިޔާސީ ހަރަކާތް ހިނގާ ދުވަސް ކަމަށާއި ޗައިނާގެ ކޮމިއުނިސްޓް ޕާޓީ ނަގާފައި ނިސްބަތުން އެންމެ ގިނަ ރައްޔިތުން ތިބި ސިޔާސީ ޕާޓީއަކީ ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ ކަމަށެވެ. ނަމަވެސް ޗައިނާ ކޮމިއުނިސްޓް ޕާޓީއަށް އެގައުމުގެ ރައްޔިތުން ވަނުން މަޖުބޫރުކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ޗައިނާ ކޮމިއުނިސްޓް ޕާޓީއަށް ވަނުން މަޖުބޫރު، އެއީ ރަޖިސްޓަރީއެއް ނުވެވޭ އެ ޕާޓީއަށް ނުވަދެ. ނަން ވެސް ނުކިޔޭ އެ ޕާޓީއަށް ނުވަދެ. މިތަނަށް ވަންނަނީ މަޖުބޫރުކަމެއް ނެތި އަމިއްލައަށް. މިއަންނަ ހުކުރު ދުވަހު 86091 މީހުންނަށް ވޯޓު ހައްގުވާނެ. އެމީހުން 269 ފޮއްޓަށް ވޯޓުދޭނެ. އެ ވޯޓު ބަލަހައްޓަން 640 އޮފިޝަލުން ތިބޭނެ. އެ ވޯޓު ބަލަން 1192 އޮބްޒާވަރުން ތިބޭނެ،" އެމަނިކުފާނު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ