އަންނަ އަހަރުން ފެށިގެން ކްލަބުތަކަށް އެފްއޭއެމުން ފައިސާ ދެނީ

ސަރުކާރުގެ އިސްނެގުމާއެކު 2017 ވަނަ އަހަރު ފެށި ސްޓޭޓް އެންޑް އެންޓަޕްރައިޒަސް (އެސްއޯއީ) އެސިސްޓަންޓްސް ޕްރޮގްރާމުގެ ދަށުން ކްލަބުތަކަށް ފައިސާ ދެމުން އައި ގޮތް ބަދަލުކޮށް، އަންނަ އަހަރުން ފެށިގެން ކްލަބުތަކަށް ފައިސާ ދޭނީ ސީދާ އެފްއޭއެމުން ކަމަށް އެ އެސޯސިއޭޝަނުން ބުނެފިއެވެ.
އެފްއޭއެމުން މިކަން އިއުލާނުކުރީ މި މަހުގެ 9 ވަނަ ދުވަހު އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އާއި ރައިސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބޭއްވި ބައްދަލުމުގެ ތަފްސީލި ހާމަކޮށް ރޭ ނެރުނު ބަޔާނެއްގައެވެ.
އެފްއޭއެމްގެ ބަޔާނުގައި ބުނެފައިވަނީ ޓީމުތަކަށް ދިމާވެފައިވާ މާލީ ހާލަތު ހަރުދަނާކޮށް އަދި ދެ ޖިންސުގެ ޒުވާން ކުޅުންތެރިންތަކެއް ބިނާކުރުމަށާއި ކްލަބްތަކުގެ އިދާރީ ހިންގުމާއި ފަންނީ ހިންގުން ތަރައްގީކޮށް ހަރުދަނާ ކުރުމަށްޓަކައި 2020 ވަނަ އަހަރުން ފެށިގެން ކްލަބްތަކަށް ދެމުންދާ މާލީ އެހީތެރިކަން ފޯރުކޮށްދޭނީ އިތުރު ފަރާތެއްގެ މެދުވެރިވުމެއްނެތި، ސީދާ އެފްއޭއެމުން ކަމަށެވެ. އަދި މިއަހަރު ކްލަބުތަކަށް ސަރުކާރު ކުންފުނިތަކުން ދޭންޖެހޭ ފައިސާ ދެއްވާނެ ކަމަށްވެސް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވި ކަމަށް މި ބަޔާނުގައިވެއެވެ.
2017 ވަނަ އަހަރު ފެށި އެސްއޯއީ ޕްރޮގްރާމުގެ ދަށުން ފުރަތަމަ ޑިވިޝަންގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ކޮންމެ ޓީމަކަށް ދެ މިލިއަން ރުފިޔާ ދެއެވެ. އަދި ޕްރިމިއާ ލީގަށް ހޮވިއްޖެނަމަ އިތުރު އެއް މިލިއަން ރުފިޔާ ދެއެވެ. މިދިޔަ އަހަރުގެ ނިޔަލަށް އެސްއޯއީގެ ކުރީގެ އެއްބަސްވުންތައް ވަނީ ހަމަވެފައެވެ.
މިއަހަރު ކްލަބުތަކަށް ސަރުކާރު ކުންފުނިތަކުން ފައިސާ ދޭ ގޮތަށް ހަމަޖެހުނަސް، މިއަހަރު މާލޭ ލީގު ނުބާއްވާތީ ފައިސާ ދޭ މިންވަރަށް ބަދަލުއައުން އެކަށީގެންވެއެވެ. މިއަހަރަުގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫން މަހުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ