ރާއްޖޭގެ އެންމެ ބާރު ދެދުވުންތެރިން ތަމްރީނަށް ޖެމެއިކާއަށް ފުރަނީ

ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ އަޒްނީމް އަހުމަދަށް ޕޭލީވް ހަމަޖެހި ކުރިޔަށް އޮތް ހަފްތާގެ ތެރޭގައި ތަމްރީނަށް ޖެމެއިކާއަށް ފުރަން ހަމަޖެހިފައިވާ ކަމަށް އޭނާ ބުނެފިއެވެ.
ޕޭލީވް ހަމަޖައްސައިދެވެން ނެތްކަމަށް ބުނެ ޕޮލިހުން އަޒްނީމަށް ޖަވާބު ދީފައިވުމުން ޖެމެއިކާއިން ލިބިފައިވާ ތަމްރީން ދަތުރުގައި ދެވެން ނެތްކަމަށް އަޒްނީމް ބުނެފައިވަނިކޮށް، މިއަދު އެކަން ހަމަޖައްސައި މޯލްޑިވްސް ޕޮލިސް ސާވިސްއިން އަންގާފައިވާ ކަމަށް ވީ ސްޕޯޓްސްއަށް މައުލޫމާތު ދެމުން އަޒްނީމް ބުންޏެވެ.
އޮލިމްޕިކް ކޮމެޓީން ހަމަޖައްސައިދިން އެއްއަހަރުގެ މިތަމްރީން ދަތުރުގައި ދިއުމަށް ހަމަޖެހިފައިވާ އަނެއް އެތުލީޓް ހަސަން ސާއިދަށް އޭނާ ވަޒީފާ އަދާކުރާ މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފްއިން ވަނީ ކުރިން ޕޭލީވް ހަމަޖައްސައި ދީފައެވެ.
އަޒްނީމްގެ ލީވްގެ ކަންތައްތައް މިއަދު ހަމަޖެހުމުން ކުރިޔަށްއޮތް ހަފްތާގެ ތެރޭގައި އެދެ އެތްލީޓުންވެސް ޖެމައިކާއަށް ފުރުމަށް ހަމަޖެހިފައިވާ ކަމަށް އޮލިމްޕިކް ކޮމިޓީން ބުނެއެވެ.
މިއަހަރުގެ އޮލިމްޕިކްގައި ރާއްޖޭގެ 100 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް މުގުރާލައި، އޮލިމްޕިކްސްގެ އިވެންޓެއްގެ ޕްރިލިމިނަރީ ބުރުން ފުރަތަމަ ބުރަށް ކޮލިފައިވި އެތުލީޓުގެ ޝަރަފް ހޯދި އަޒްނީމްވަނީ މިދަތުރު ހަމަޖެެއްސުމުގައި އޭނާ ވަޒީފާ އަދާކުރާ ޕޮލިސް ސާވިސްއިން ކޮށްދިން ކަންތައްތަކަށް ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގެ އެންމެ ބާރު ދެދުވުންތެރިން ކަމަށްވާ އަޒްނީމާއި ސާއިދަށް ޖެމެއިކާއަށް ދިއުމުގެ ފުރުސަތު އޮލިމްޕިކް ކޮމެޓީން ފުރަތަމަ ހޯދައިދިނީ މިދިޔަ އަހަރު،، ނަމަވެސް އެފަހަރު ނުދެވުނީ އެދެ ދުވުންތެރިންނަށްވެސް ލީވް ނުލިބުމުންނެވެ.
މިދެ އެތުލީޓުން ޖެމެއިކާގައި ތަމްރީން ހަދާނީ ޖެމެއިކާގެ ވެރިރަށް ކިންގްސްޓަންގެ ހައި ޕާފޯމަންސް ސެންޓަރުގައެވެ.
އެތުލީޓުންނަށް އިރުޝާދު ދޭނީ ދުނިޔޭގެ އެންމެ ބާރު ދުވުންތެރިޔާ ޖެމެއިކާގެ އުސެއިން ބޯލްޓަށް ކޯޗުކޮށްދޭ މަޝްހޫރު ގްލެން މިލްސްއެވެ. ކިންގްސްޓަންގެ ހައި ޕާފޯމަންސް ސެންޓަރަކީ ބޯލްޓްގެ އިތުރުން އެތުލެޓިކްސްއިން ރަން މެޑަލް ހޯދާފައިވާ އެތައް އެތުލީޓުންނެއް ތަމްރީންވެފައިވާ ސެންޓަރެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ