އެމްޑީޕީގެ ޕީޖީން ނިންމީ ޤާނުނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލު ބަލައިގަތުމަށް: ރައީސް ނަޝީދު

މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަހުޘް ކުރަމުންދާ ކައުންސިލްތަކުގެ ދައުރު އިތުރުކުރަން ޤާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބިލު ފާސްކުރުމަށް އެމްޑީޕީގެ ޕާލަމަންޓްރީ ގްރޫޕުން ނިންމާފައި ނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ ދައުރު އިތުރުކުރަން ޤާނޫނުއަސާސީއަށް ހުށަހެޅިފައިވާ އިޞްލާޙުގެ ބިލު ސަރުކާރުން ހުށަހެޅިގޮތަށް ފާސްކުރަން ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ޕަރލިމެންޓްރީ ގްރޫޕުން އަންގާރަ ދުވަހުގެ ރޭ ވަނީ ނިންމާފަ އެވެ.
ޕީޖީ ގްރޫޕްގެ ބައްދަލުވުމުގައި ޖުމުލަ 56 މެންބަރުން ވޯޓު ދެއްވިއިރު، މީގެ ތެރެއިން ފެންނަ ކަމަށް ވޯޓު ދެއްވީ 43 މެންބަރުންނެވެ. 9 މެންބަރަކު ނުފެންނަ ކަމަށް ވޯޓުދެއްވި އިރު، ވަކިގޮތަކަށް ނުފެންނަ ކަމަށް 4 މެންބަރަކު ވޯޓުދެއްވި އެވެ.
ބުދަ ދުވަހު ކުރިޔަށްދާ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެން ބަރުން ވާހަކަ ދައްކަވަމުން ވަނީ މިކަމަށް ފާޑުވިދާޅުވެފަ އެވެ. އެގޮތުން މި މައްސަލާގައި ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމާ ދެކޮޅަށް އެމްޑީޕީގެ މެންބަރުން ވާހަކަ ދައްކަވާފައި ވާއިރު އެމްޑީޕީގެ ޕީޖީން އެގޮތަށް ނިންމުމުން އިދިކޮޅު މެންބަރުން ވަނީ އެކަމަށް ފާޑު ވިދާޅުވެފަ އެވެ.
މިކަމާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީގެ ޕީޖީ ލީޑަރާއި އެހެން ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވި ކަމަށެވެ. އަދި އެގޮތުން ސާފުވި މަޢުލޫމާތަކީ އެމްޑީޕީގެ ޕީޖީން ނިންމާފައި ވަނީ މި ބިލު ފާސްކުރުމަށް ނޫން ކަމަށާއި މި ބިލު ބަލައިގަތުމަށް ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.
ސަރުކާރުން މި ބިލު ހުށަހެޅީ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް ރައްކާތެރި މާޙައުލެއް ޤާއިމު ކުރެވެންދެން އެ އިންތިޚާބު ފަސްކުރުމަށް މަގުފަހިކޮށް، އެ އިންތިޚާބު ބާއްވައި، އާ މެންބަރުން އިންތިޚާބުވެ، މަޤާމާ ޙަވާލު ވަންދެން މިހާރު އިންތިޚާބުވެފައި ތިބި އަތޮޅު ކައުންސިލުތަކާއި، ރަށު ކައުންސިލުތަކާއި، ސިޓީ ކައުންސިލުތަކުގެ މެންބަރުން، އެމީހުންގެ މަޤާމުގައި ދެމިތިބޭނެ ކަމަށް ކަނޑައެޅުމަށް ޤާނޫނުއަސާސީ އަށް ގެންނަން ޖެހޭ އިޞްލާޙުތައް ގެނައުމުގެ ބޭނުމުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ