ދުނިޔޭގެ އެންމެ ފުން ރަންވަޅާ ހަމައަށް ކޮރޯނާވައިރަސް

ޖޮހަނަސްބާގު (މެއި 25) - ދުނިޔޭގެ އެންމެ ފުން ރަންވަޅު ކަމަށް ބެލެވޭ ސައުތު އެފްރިކާގެ އެމްޕޮނެންގައި މަސައްކަތް ކުރާ 164 މީހަކު ކޮރޯނާވައިރަހަށް ޕޮޒިޓިވްވުމާ ގުޅިގެން އެ ތަން ބަންދުކޮށްފި އެވެ.
ސައުތު އެފްރިކާ ލޮކްޑައުން ކުރުމާ ގުޅިގެން އެ ގައުމުގެ ރަން ނަގާ އެހެން ވަޅުތަކެކޭ އެއްގޮތަށް އެމްޕޮނެން ވެސް މާޗް މަހު ބަންދުކުރި އެވެ. ނަމަވެސް އޮޕަރޭޝަން ފަށާފައި ވަނީ މިދިޔަ މަހު އެވެ. އެ ރަންވަޅުގެ މަސައްކަތް ކުރިއަށް ގެންދިޔައީ 50 ޕަސެންޓް ކެޕޭސިޓީގަ އެވެ. އޭރު ވެސް ބައެއް މުވައްޒަފުން ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތަކާ މެދު ސުވާލު އުފައްދައިފަ އެވެ.
ޕޮޒިޓިވްވި ގިނަ މީހުންގެ ފަރާތުން ބަލީގެ އަލާމާތްތައް ފެނިފައެއް ނުވެ އެވެ. ރަން ނަގާ ވަޅުގެ ވެރި ފަރާތް ކަމަށްވާ އެންގްލޯގޯލްޑް އަޝަންޓީން ބުނީ ޕޮޒިޓިވްވި އެންމެން އައިސޮލޭޓްކޮށްފައިވާ ކަމަށެވެ. އެ ކުންފުނިން ބުނެފައި ވަނީ ފުރަތަމަ ކޭސް މިދިޔަ ހަފުތާގައި ފެނުނު ފަހުން މިހާތަނަށް 650 މުވައްޒަފުން ޓެސްޓްކޮށްފައިވާ ކަމަށެވެ.
ސައުތު އެފްރިކާ އިން މިހާތަނަށް ވަނީ 22,583 މީހުން ޕޮޒިޓިވްވެ 429 މީހުން މަރުވެފަ އެވެ.
ސައުތު އެފްރިކާ އަކީ ދުނިޔޭގައި އެންމެ ގިނައިން ރަން ނަގާ ގައުމު. --ފޮޓޯ:ގެޓީ އިމޭޖަސް
ރަން ނަގާ ވަޅު ކިހާ ފުން؟
ޖޮހަނަސްބާގުގެ ހުޅަނގު ދެކުނުން 75 ކިލޯ މީޓަރު (50 މޭލު) ދުރުގައިވާ އެމްޕޮނެން ރަން ވަޅުގެ ފުން މިނުގައި ހަތަރު ކިލޯ މީޓަރު ހުރެ އެވެ. އެއީ ދުނިޔޭގެ އެންމެ ފުން ރަންވަޅެވެ. ރަން ނަގާ މީހަކު ގެއްލިއްޖެ ނަމަ ހޯދުމަށް ބޭނުން ކުރަނީ އިލެކްޓްރޯނިކް ޓްރެކިން އެވެ. ޕޮޒިޓިވްވި މީހުންގެ ކޮންޓެކްޓް ޓްރޭސިން ހެދުމުގައި ވަނީ އެ ސިސްޓަމް ބޭނުންކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ