ބޮޑުފިނޮޅު މައްސަލަ: ބައެއް ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް

ބ. ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ހައްޔަރުކުރި 19 ބިދޭސީންގެ މައްސަލައާ ގުޅޭގޮތުން ވަކީލުންތަކެއް ދޮގު ވާހަކަތައް ފަތުރައި، ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަމުންދާ ކަމަށް ބުނެ އެ ވަކީލުންގެ މައްސަލަ ބާ ކައުންސިލަށް ހުށަހަޅަން ފުލުހުން ނިންމައިފިއެވެ.
ފުލުހުން މިއަދު ނުރެނު ބަޔާނެއްގައި ވަނީ ބޮޑުފިނޮޅު މައްސަލައާ ގުޅިގެން ހައްޔަރުކުރެވުނު 19 ބިދޭސީންގެ ވަކީލުން ކަމުގައި ބުނެ ސޯޝަލް މީޑިއާ އާއި މީޑިއާގެ އެހެނިހެން ވަސީލަތްތައް ބޭނުންކޮށްގެން މި މައްސަލައިގެ ތަހުގީގާއި ފުލުހުންގެ މުއައްސަސާއާއި ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅުވައިގެން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރައި، ފުލުހުންގެ މަސައްކަތްތަކާ މެދު ނުބައި ތަސައްވުރެއް އުފެއްދުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.
އެ ބިދޭސީންގެ ތެރެއިން ފަސް މީހަކަށް ދައުލަތުން އައްޔަންކޮށްފައިވާ ވަކީލުން ހަމަޖެހިފައިވާ ކަމަށާއި ފަސް މީހަކަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުން ފަސް ވަކީލުން އައްޔަންކޮށްފައިވާ ކަމަށެވެ. އަދި އެ 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކި ވަކީލުންތަކެއް ވާހަކަދައްކައި، ނޫސްބަޔާން ނެރެމުންދަނީ 10 ބިދޭސީންގެ ވަކީލުންގެ ގޮތުގައި ވަކި ވަކީލުންތަކެއް އައްޔަންވެފައިވަނިކޮށް އެ ވަކީލުންނަށް އެންގުމެއް ނެތިކަން ކަމަށްވެސް ބަޔާނުގައިވެއެވެ.
"ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅިގެން ހައްޔަރުކުރެވުނު 19 ބިދޭސީންގެ ވަކީލުންގެ ނަމުގައި ވަކާލާތު ކުރަމުން އަންނަ މަދު ވަކީލުންތަކެއްގެ ފަރާތުން، ރާއްޖޭގެ ގާނޫނީ ފަންނުގެ ގާނޫނުގައި ވަކީލުން ކޮށްގެން ނުވާނެކަމަށް ކަނޑައަޅާފައިވާ އެތައް ސުލޫކީ މައްސަލައެއް ފާހަގަކުރެވެމުން އައިސްފައިވާތީ އާއި މި ވަކީލުންގެ ފަރާތުން ފުލުހުންގެ މަސައްކަތަށް ދަތިކޮށް ހަގީގަތާ ހިލާފު ވާހަކަ ފަތުރައި ފުލުހުންގެ ތަސައްވުރު ކިލަނބުކުރުމަށް މަސައްކަތްކުރަމުން އައިސްފައިވާތީ ވަކީލުންގެ ސުލޫކީ މިންގަނޑާ ހިލާފަށް އެ ވަކީލުން ކޮށްފައިވާ ކަންކަން ބާ ކައުންސިލަށް ހުށަހަޅަން ވަނީ ނިންމާފައި،" ފުލުހުންގެ ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ ބޮޑުފިނޮޅުން ހައްޔަރުކުރެވުނު 19 ބިދޭސީންގެ ގާނޫނީ ވަކީލުންގެ ނަމުގައި މަދު ވަކީލުންތަކެއްގެ ފަރާތުން ތަހުގީގަށް ގަސްދުގައި ހުރަސްއަޅައި، ވަކި ބަޔަކަށް މަންފާ ހޯދައިދިނުމަށް އުޅޭކަމަށް ބެލެވޭގޮތަށް މައްސަލައާ ގުޅިގެން ބަންދުގައި ތިބި މީހުންނަށް ނޭނގޭ އެތައް ކަމެއް އެމީހުން ލައްވައި ތަހުގީގު ރެކޯޑިން ތެރޭގައި ބުނުވަން އުޅޭ ކަމަށެވެ. އަދި އެމީހުންނަށް ލިބެންޖެހޭ މުސާރަ އާއި ބޮޑުފިނޮޅަށް ގެންދިޔަ ކުންފުނީގެ ވާހަކަ ނުދެއްކުމަށް ބުނެ ބަންދުގައި ތިބި މީހުންނަށް މަޖުބޫރުކުރުވާކަން ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށްވެސް ބަޔާނުގައިވެއެވެ.
"ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުމާ ގުޅޭ ބައެއް މައުލޫމާތުތައް އާންމު ފަރާތްތަކަށް އޮޅޭގޮތަށް މި މައްސަލައިގައި މީޑިޔާގައި ވާހަކަ ދައްކައި ވަކީލުން ބޭނުންވާ ވަކި ނަތީޖާތަކެއް ނެރުމަށްޓަކައި ފުލުހުންނާއި މިމައްސަލައާ ގުޅުންހުރި އެހެން ފަރާތްތަކުގެ މައްޗަށް ތަފާތު ތުހުމަތުކޮށް މައުލޫމާތު ހާމަކޮށް އަދި ބޮޑު ފިނޮޅުގައި ހިނގައިދިޔަ ހާދިސާގައި ހަމަނުޖެހުން ހިންގި ފަރާތުން އެކި ވަރުގެ އަނިޔާ ދިން ފުލުހުންނަށް ލިބިފައިވާ އަނިޔާއަކީ އެ ހާދިސާ ހިނގި ދުވަހު ފުލުހުން ބިރުން ދުވަން ފެށުމުގެ ތެރޭގައި އެތަނުގައި ހުރި ހޮޅިތަކުގައި ޖެހިގެންނާއި މޫދަށާއި އަދި އެނޫން ތަންތަނަށް ވެއްޓިގެން ލިބުނު އަނިޔާތަކެއް ކަމަށް މަލާމާތުގެ ރާގެއްގައި ބަޔާންކޮށް ޖިނާއި ތަހުގީގުތަކުގައި ބައިވެރިވާ ވަކީލުން އާންމުކޮށް އަމަލުކުރާ ޕްރޮފެޝަނަލް މިންގަޑުތަކާ ހިލާފަށް އަމަލުކުރަމުންދާކަން ވަނީ ފާހަގަކުރެވިފައި،" ބަޔާނުގައިވެއެވެ.
ފުލުހުން ބުނީ ބޮޑުފިނޮޅުގައި ހިނގައިދިޔަ ހަމަނުޖެހުމުގެ މައިގަނޑު މައްސަލަ ފެށިގެން އައިސްފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ރިޒް ކުންފުނީގެ ފަރާތުން މަސައްކަތް ކުރުވުމަށްފަހު މުސާރަ ނުދިނުމާއި އަދި މަސައްކަތްތެރީންގެ ހައްގުތަކަށް އިހުމާލުވެ ފަރުވާކުޑަކުރުމާއި މަސައްކަތްތެރީންނާ މެދު އަމަލުކުރެވެމުން ދިޔަގޮތުން ކަމަށެވެ. އަދި ބޮޑުފިނޮޅުގައި ހަމަނުޖެހުންތައް ހިނގަން ދިމާވި މައިގަނޑު މައްސަލައަކީ މުސާރަ ނުދިނުން ކަމަށްވެސް ފުލުހުން ބުންޏެވެ.
މިކަންކަމާ ގުޅުން ހުރި ޖިނާއީ ތަހުގީގުތައްވެސް ކުރަމުންދާ ކަމަށާއި ހަމަނުޖެހުން ހިންގުމުގައި އަމަލީގޮތުން ބައިވެރިވި ފަރާތްތަކުގެ ތަހުގީގުގައި ޑިއުޓީ ޕްރޮސެކިއުޝަން މަރުހަލާ، ޕީޖީ އޮފީހާއެކު ހިންގަމުން އަންނަ ކަމަށްވެސް ބަޔާނުގައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ