އެތެރެ ހުޅުވައިގެން ހަފުތާއެއް: އަދި ވާނުވާގައި!

"ދިގުބަންދު" ފަހުން ރާއްޖޭގެ މައި ދޮރާށި އަދި ހުޅުވައެއް ނުލަ އެވެ. ނަމަވެސް ސަރުކާރުން ވަނީ ކޮވިޑް-19 ގެ ބަލި ކޮންޓްރޯލް ކުރަން ދެ މަހަށް ދިގު ދެމިގެން ދިޔަ ދިގު ބަންދަށް ފަހު، މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެތެރޭގެ އިގްތިސޯދު ހަރަކާތްތެެރި ކުރުވައި ބަންދުކޮށްފައި ހުރި ވިޔަފާރިތަކުގެ ދޮރުތައް ހުޅުވާލާފަ އެވެ. ހޮޓާ / ރެސްޓޯރެންޓް އަދި ކެފޭތަކުގައި ކާން ދޭން ފެށުމާއެކު މިހާރު އެތަންތަނަށް ގޮސް ތިބެ ކެވެ އެވެ. ސެލޫންތަކާއި މި ނޫން ވެސް ކުދި އަދި މެދުފަންތީގެ ވިޔަފާރީތަކުން ވެސް ހިނގައި ގަނެވޭތޯ މަސައްކަތް ފަށައިފި އެވެ. މި ހުޅުވާލުމާއެކު މިއަދަށް މިއީ ހަފުތާ އެކެވެ. ހަތް ދުވަސް ވެގެން ދިޔައިރު ވެސް ވިޔަފާރިތަކަށް މާ ބޮޑު އެނގުމެއް ނުވެ އެވެ.
"ހުޅުވުނަސް އަދި މިވާން އުޅޭ ގޮތެއް ހަމަ ނޭނގޭ. އަދި ވިޔަފާރި ޕިކެއް ނުކުރޭ. އެކަމަކު މިއީ އުންމީދެއް. މި އުންމީދު ކުރަނީ ރަނގަޅުވާނެ ކަމަށް،" ރައިވެެރިބޭ ކޮއްތުވެނީގައި ހިންގާ ރެސްޓޯރެންޓެއްގެ ވެރިއަކު ވިދާޅުވި އެވެ.
ރާއްޖޭގެ އެތެރެ ހުޅުވިއިރު، މި ދިޔަ ދުވަސްތަކުގައި ކޮވިޑް-19 އިގެ ސަބަބުން އާންމު ވިޔަފާރި ތަކަށް ބޮޑެތި ގެއްލުން ތަކެއް ވަނީ ލިބިގެން ގޮސްފަ އެވެ. ސަރުކާރުން އިކޮނޮމިކް ރިލީފެއް ދިން ނަމަވެސް އެހީގެ ސްޕީޑު ލަސްވުމުގެ ސަބަބުން ވިޔަފާރިތަކާ ހަމައަށް ރިލީފު އައިރު ވާނެ އެއްޗެއްވެ އޮތީވެ ނިމިފަ އެވެ.
އެތެރެ ހުޅުވާލައި ހަފުތާއެއްވީއިރު ލިބުނު ގެއްލުމުގެ ކުޑަ ތަސްވީރެއް ފެންނަނީ މޯލްޑިވްސް ނޭޝަނަލް ޔުނިވާސިޓީ (އެމްއެންޔޫ) އާއި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގުޅިގެން ހަދާފައިވާ ދިރާސާ އިންނެވެ.
އެ ދިރާސާގައިވާ ގޮތުންނަމަ ލޮކްޑައުންގެ ސަބަބުން އަމިއްލަ ވިޔަފާރިތަކަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތައް ވެފަ އެވެ. ސާވޭގައި ބައިވެރިވި ކޮންމެ 10 ވިޔަފާރިއެއްގެ ތެރެއިން ހަތަރު ވިޔަފާރިއެއްގެ މުޅި އާމްދަނީ ވަނީ ހުއްޓިފަ އެވެ. އަދި ކޮންމެ 10 ވިޔަފާރި އަކުން ފަސް ވިޔަފާރިއެއް ބޮޑު ގެއްލުމަކާ ކުރިމަތިލާފައިވެ އެެވެ.
ކަންމަތީ ފިހާރައެއް ހިންގާ އަހުމަދު ނަޒީމް ބުނި ގޮތުގައި ލޮކްޑައުންގެ ތެރޭގައި ވިޔަފާރި މަތިވި ނަމަވެސް މިހާރު ވިޔަފާރި ވެއްޓިއްޖެ އެވެ.
"މިހާރު ވަރަށް ދަށް. ހަމައަކަށް އެޅުނީމަ މި އެނގެނީ ހަގީގީ ހާލަތު. އާއްމުން ތިބި ގޮތް، ވަރަށް ހާލުގައި މިތިބީ،" ނަޒީމް ބުންޏެވެ.
މި ގެއްލުންތަކާއެކު އެތެރޭގެ އިކޮނޮމީ ހުޅުވުމާލުން ކޮންމެ ވެސް ވަރެއްގެ އުންމީދުތަކެއް ކުރެވޭނެ އެވެ. ނަމަވެސް ހަގީގީ ފޮނިކަން ލިބޭނީ ޓޫރިޒަމް ހުޅުވި ޓޫރިސްޓުން އައިސްގެނެވެ. އެހެން ނޫނީ އިތުރު މައްސަލަތައް ކުރިމަތި ވާނެ އެވެ. މި ބަދަލު އައިސް، އާއްމުންގެ އަތްމަތި ތަނަވަސް ވެގެން ނޫނީ އިގްތިސޯދީ ޗެއިންގައި ފައިސާ ދައުރު ވާން ފެށުން ވަރަށް ލަސް ވާނެ އެވެ. މިހާރުގެ ހާލަތަކީ އެއެއް ނޫނެވެ. އާއްމުންގެ ގިނަ ބަޔަކު މި ވަގުތު ތިބީ ވަޒީފާ ގެއްލިފަ އެވެ.
އެމްއެންޔޫގެ ދިރާސާ އިން ދެއްކި ގޮތުގައި ރާއްޖޭގެ ކޮންމެ 10 މީހެއްގެ ތެރެއިން އެކެއްގެ ވަޒީފާ މިދިޔަ މަހު ވާނީ ގެއްލިފަ އެވެ. ކޮންމެ 10 މީހެއްގެ ތެރެއިން ތިން މީހުންގެ މުސާރަ ވަނީ ކުޑަވެފަ އެވެ. މި މައްސަލަ ވަރަށް ބޮޑު ވާނެ އެެވެ. އާއްމު މީހާގެ އަތްމަތި ދަތިވުމުގެ ސަަބަބުން ކުރިއަށް އޮތް ދުވަސްތަކުގައި ކެފޭ ތަކާއި ރެސްޓޯރެންޓްތަކުގެ ވިޔަފާރިއަށް ވެސް އަސަރު ކުރުމުގެ ފުރުސަތު އެބައޮތެވެ. ސިނާއަތެއްގެ ގޮތުން ބަލާނަމަ މިއީ ރާއްޖޭގެ ތިން ވަނައަށް އެންމެ ބޮޑު އެއް ދާއިރާ އެވެ.
ހާބަރު ޖެޓީގައި ދޯންޏަށް އަރުވަން ގެންދިޔަ މުދާތަކެއް ވޭނެއްގައި ބަހައްޓާފައި
-- ފޮޓޯ: އަވަސް
ރެސްޓޯރެެންޓް އެސޯސިއޭޝަންގެ ރައީސް އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވި ގޮތުގައި އެތެރޭގެ އިކޮނޮމީ ހުޅުވުމަކީ އުންމީދެއް ނަމަވެސް އަދި އެކަން ރަނގަޅުވާން ވަގުތު ނަގާނެ އެވެ.
"މިހާރު ދެން މިދަނީ ކުރިއަށް. އެކަމަކު އަދި ރަނގަޅުވާކަށް ނުފަށާ. އެކަމަކު މިއީ އުންމީދެއް،" އާމިރު ވިދާޅުވި އެވެ.
އާއްމު ހާލަތުގައި ކެއިންބުއިމުގެ ތަންތަން ހުޅުވާލިއިރު ލޮކްޑައުންގައި ބާއްވައި ކުރަން ޖެހުނު ހަރަދުތަކުގެ ސަބަބުން ގިނަ ތަންތަން ވަނީ "ބަނގުރޫޓު" ވެފަ އެވެ. އަދި ބަންދު ވެސް ކޮށްފަ އެވެ. ބައެއް ތަންތަން ވަނީ ދޫކޮށްލާ ހިސާބަށް ގޮސްފަ އެވެ. ހާއްސަކޮށް ކުލި ދެއްކުން ފަދަ މާލީ ބުރަ ލިބޭ އެތައް ކަމެއްގެ ސަބަބުން މި ވިޔަފާރި ވަނީ ހަލާކުވާން ކައިރިވެފަ އެވެ. މިއަށް އިތުރު ވޭނެއް ކުރިމަތިވެފައި ވަނީ ލޮކްޑައުންގައި މަތިވި އަގުތައް އަދިވެސް ތިރިވެފައި ނުވާތީ އެވެ. ނުވަތަ އަދިވެސް އަގުތައް މަތިވަމުން ދާތީ އެވެ.
"އެއާ ފްރައިޓްކޮށް މުދާ ގެނައިއިރު މަތިވި އަގުތައް އަދި ވެސް ހުރީ އެގޮތުގައި، ހަމަ ބޮޑުކޮށް. ބާޒާރުން ގިނަ އެއްޗިހި އެއްގޮތަކަށް ވެސް ނުލިބޭ. އަގު ބޮޑުވުމަކީ ހުޅުވި ނަމަވެސް ގެއްލުން އިތުރު ވާނެ ކަމެއް،" ރެސްޓޯރެންޓެއްގެ ވެރިއަކު ވިދާޅުވި އެވެ.
ހާބަރު ފުޑްކޯޓް: އެންމެ ގެއްލުން ވަނީ ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނަށް
-- ފޮޓޯ: އަވަސް
ރާއްޖެއަށް މުދާ އެތެރެކުރާ މަޝްހޫރު އެއް ވިޔަފާރިވެރިޔަކު ވިދާޅުވި ގޮތުގައި އެތެރެ ހުޅުވާލިއަސް ހަގީގީ ހުޅުވުމަކަށް ވާނީ ޓޫރިސްޓުން އަންނަ ފެށުމުންނެވެ.
"އެތެރޭގެ އިކޮނޮމީ ހުޅުވިޔަސް މާބޮޑު ވަރެއް ނުވާނެ. މީގެން ހަގީގީ ހުޅުވުމަކަށް ވާނީ 15 އިގެ ފަހުން ބޯޑަރު ހުޅުވުމުން. އޭރުން ފައިދާ ކުރަން ފަށާނީ. ޑޮލަރު ލިބެން ފަށާ ހިސާބުން ދެން، ހަގީގީ ހުޅުވުމަކަށް ވާނީ. އެހެން ނޫނީ މާބޮޑު ވަރެއް ނުވާނެ،" އޭނާ ވިދާޅުވި އެވެ. ނަން ޝާއިއު ކުރާކަށް އޭނާ ބޭނުމެއް ނުވި އެވެ.
އާއްމު ހާލަތުގައި ވިޔަފާރިތައް ހުޅުވިތާ މިއަދަށް ހަފުތާއެއްވީ އެވެ. އެކަމަކު އަދި ވިޔަފާރިތަކަށް މާ ބޮޑުވަރެއް ކުރެވޭ ގޮތެއް ނުވެ އެވެ. ވިޔަފާރިއާއި އިގްތިސޯދަށް މީގެ އަސަރު ފެންނަން ފަށާނީ ތަޖުރިބާކާރުންގެ ނަޒަރުގައި އިގްތިސޯދުގެ މައި ދޮރާށި ހުޅުވާލައިގެނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ