ގުޅުމެއް ނެތް ކޭސްތައް އިތުރުވަނީ

ކޮވިޑް-19 އަށް ޕޮޒިޓިވްވާ ކޭސްތަކުގެ ތެރޭގައި އެއް ކޭސް އަނެއް ކޭސް އާ ގުޅުމެއް ނެތް ކޭސްތައް އިތުރުވަމުންދާ ކަމަށް ހެލްތު އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
އެޗްއީއޯސީއިން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އައިޖީއެމްއެޗްގެ އިންޓާނަލް މެޑިސިން ޑރ. މުއާޒު މޫސާ ވިދާޅުވީ ވައިރަސް އަށް ޕޮޒިޓިވް ވާއިރަށް އެންމެ ފުރަތަމަ ބަލަނީ އެ މީހެއްގެ ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތް ކަމަށެވެ.
އޭނާ ވިދާޅުވީ އެކަންތަކަށް ބަލާއިރު ކޮންޓެކްޓް ޓްރޭސިން ހަދައި ނިމޭއިރުވެސް ވައިރަސް ޖެހުނީ ކޮން ތަނަކުން ކިހިނެއް ކަމެއް ނޭނގޭ ކޭސްތައް މިހާރު އެބަ އިތުރުވަމުންދާ ކަމަށެވެ.
ޑރ. މުއާޒް ވިދާޅުވީ ޖޫން މަހުގެ ފަހު ކޮޅުން ފެށިގެން ގުޅުމެއް ނެތް ކޭސްތައް ގިނަވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ދުވާލެއްްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވެގެން ނުދިޔަ ނަމަވެސް ގުޅުމެއް ނެތް ކޭސްތައް ފެންނާތީ އެކަމުން ދޭހަވެގެންދަނީ ކޮމިއުނިޓީ ސްޕްރެޑް އޮތް މިންވަރު ކަމަށް ޑރ. މުއާޒް ވިދާޅުވިއެވެ.
ވައިރަސް ކޮންޓްރޯލުން ނައްޓައިގެން ދިޔުމުގެ ކުރީން ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ބޭރަށް ނިކުންނައިރު ކޮންމެ މީހަކުވެސް ބަލި ހުރެ ދާނެ މީހަކަށް ބަލައި ރައްކާތެރިވުން މުހިއްމުކަމަށް ޑރ. މުއާޒު އިޝާރާތްކުރެއްވިއެވެ.
މިހާރު އެންމެ އިސްކަންދޭން ޖެހޭނީ ގައިދުރުކަން ބެހެއްޓުމާއި، އަތް ދޮވެ ސާފުކުރުމަށް ކަަމަށެވެ. އަދި ކޮވިޑް-19 ގެ އަލާމާތެއް ފެނިއްޖެނަމަ އެމީހަކު އާންމުންގެ ތެރެއަށް ނުނިކުމެ، ފްލޫ ކްލިނަކަކަށް ދެއްކުން ވަރަށް މުހިންމު ކަމަށް ވެސް ޑރ. މުއާޒް ވިދާޅުވިއެވެ.
ރާއްޖެއިން މިހާތަނަށް 2491 މީހަކަށް ކޮވިޑް-19 ޖެހިފައިވާއިރު މިހާރު ފަރުވާ ހޯދަމުން އަންނަނީ 361 މީހެކެވެ. އޭގެ ތެރެއިން 19 މީހަކަށް ފަރުވާދެނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެނެވެ. ރާއްޖެއިން މިބަލީގައި 12 މީހަކު ވަނީ މިހާތަނަށް މަރުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ