އެއްވެސް އިރެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައެއް ނުވާނެ، މައުސޫމްކަން ސާބިތު ކޮށްދެވޭނެ: މޭޔަރު ޝިފާ

އެއްވެސް އިރެއްގައި ރައްޔިތުންގެ ޓެކްސް ފައިސާއަށް ހިޔާނަތްތެރިވެ، ކޮރަޕްޝަންގެ އަމަލެއް ހިންގާފަ ނުވާނެކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރ ޝިފާ މުހައްމަދު ވިދާޅުވެއްޖެ އެވެ.
މާލޭ ލޮނުޒިޔާރާތްކޮޅު ސަރަހައްދުގައި މާލޭ ސިޓީ ކައުންސިލުން ތަރައްޤީކޮށްފައިވާ ޕާކް (އަޑި ޕާކް) ގެ މައްސަލަ ތަޙްޤީޤުކޮށް ނިންމައި، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އެ މައްސަލައިގައި މޭޔަރ ޝިފާ މުޙައްމަދުގެ މައްޗަށް ދައުވާކޮށްދިނުން އެދި ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވާފަ އެވެ. މައްސަލައިގެ ފާހަގަވި ކަންކަން ހިއްސާކުރަމުން އޭސީސީން ބުނީ، މާލޭ ލޮނުޒިޔާރަތްކޮޅު ސަރަޙައްދުގައި ޕާކު ތަރައްޤީކުރުމަށް މާލޭ ސިޓީ ކައުންސިލުން ހިންގާފައިވާ މަޝްރޫޢުގައި ހިމެނޭ ޢިމާރާތްތައް (02 ފާޚާނާބަރިއާއި، 03 ހަޓާއި، 03 އެންޓްރަންސް ކެނޮޕީއާއި، ލައިފްގާޑް ޓަވަރެއް ރެނޮވޭޓްކުރުމާއި، 01 ގާޑަން ބްރިޖް ހަދައި އިންސްޓޯލްކުރުން) ގެ މަސައްކަތްތަކުގެ ތެރެއިން 02 ފާޚާނާބަރީގެ މަސައްކަތް އަމީން ކޮންސްޓްރަކްޝަން ޕވޓ. ލޓޑ. އިން ކޮށް ނިންމާފައިވާކަމަށެވެ. އެހެން ނަމަވެސް އެ ކުންފުންޏާ މަސައްކަތް ޙަވާލުކޮށްފައިވަނީ ލިޔެކިޔުމެއް ނެތި ވާދަވެރި ދެފުށްފެންނަ އުޞޫލަކުން ނޫންކަން ތަޙްޤީޤަށް ފާހަގަވާކަމަށް އޭސީސީން މައުލޫމާތު ދެއެވެ.
އެ މައްސަލާގައި މޭޔަރު ޝިފާ މުހައްމަދު ނެރުއްވި ބަޔާނުގައި ބުނެފައިވަނީ އެ މައްސަލާގައިވެސް، އަދި މާލޭ ސިޓީ މޭޔަރުގެ ޙައިޘިއްޔަތުން މަތިކޮށްފައިވާ މަސްޢޫލިއްޔަތު އަދާކުރުމުގައި އެއްވެސް އިރަކު، ދިވެހި ރައްޔިތުންގެ ޓެކްސް ފައިސާއިން ނުވަތަ އެ ރައްޔިތުންގެ މުދަލާމެދު، އެއްވެސް އިރެއްގައި ކޮރަޕްޝަންގެ ޢަމަލެއް ހިންގާފައި ނުވާނެ ކަމުގެ ޔަޤީންކަން އަރުވާކަމަށެވެ. އަދި އާއިލާ ދަންނަ މާލޭގެ ގިނަ ރައްޔިތުންނަށް އެކަމަނާ ކޮރަޕްޝަންގެ އަމަލެއް ނުހިންގާނެކަން ޔަޤީންވާނެކަމަށް ބުނެފައިވެއެވެ.
މޭޔަރު ޝިފާ ވިދާޅުވީ އެ މައްސަލައަކީ ސިޔާސީ ވާދަވެރި ފަރާތްތަކެއް ފަހަތުގައި ތިބެގެން ކުރާ ކަމެއް ކަމަށެވެ. އަދި އެކަމުގައި ކަމާބެހޭ މުއައްސަސާތަކުން ކުރައްވާ ތަޙްޤީޤުތަކަށް އަބަދުވެސް އެއްބާރުލުން ދޭނެކަމަށާއި، މައްސަލައިގެ ހުރިހައި މަރުހަލާއެއްގައިވެސް މައުސޫމްކަން ސާބިތުކޮށްދެވޭނެ ކަމުގެ ޔަޤީންކަން އެބައޮތްކަމަށް މޭޔަރު ވިދާޅުވި އެވެ.
ޝިފާ ވިދާޅުވީ ސިޔާސީ މަސައްކަތްތަކުގައި އުޅޭއިރު، ވާދަވެރިންގެ ސަބަބުން އުނދަގޫތަކާއި ދުއްތުރާ ދިމާވުމަކީ ތަބީއީ ކަމެއް ކަމަށެވެ. އޭގެއިތުރުން، ފިރިހެނުން ގިނަ މާހައުލެއްގައި، އެކަނި އުޅޭ އަންހެނަކު ވެރިއެއްގެ ހައިޘިއްޔަތުން މަސައްކަތްކުރާއިރު، ވަށައިގެން އެވަނީ ކަށިކުނބުރު ޖަންގައްޔެއް ފަދައިންކަމަށް މޭޔަރު ވިދާޅުވި އެވެ.
ވާދަވެރީންނާއި ހަސަދަވެރީންގެ ފަރާތުން ކުރިމަތިވާއުނދަގުލާއި ދުއްތުރާތަކާއި ކުރިމަތިލާންޖެހެނީ އެކަންޏެވެ. ދެން ތިބީންނަށްވެސް ގިނަ ފަހަރު ތިބެވެނީ ހަނެވެ. ނަމަވެސް، އަޅުގަނޑުގެ ސިޔާސީ ހަޔާތުގައި މިހާ ހިސާބަށްވެސް މިއައީ ހިތްވަރާއި އަޒުމާއެކު ލޭކޮލެވިގެންނެވެ.
~ ޝިފާ މުހައްމަދު / މާލެ ސިޓީ ކައުންސިލްގެ މޭޔަރު
ޝިފާ ވިދާޅުވީ ކުރެވިފައިވާ ތުހުމަތަކީ ސިލްސިލާކޮށް އަންނަމުން ދިޔަ ހަމަލާތަކުގެ ތެރެއިން އެއް ހަމަލާ ކަމަށެވެ. ދިވެހި ރައްޔިތުންނަކީ މިހާރު ދުނިޔެއަށާއި ރާއްޖޭގެ ދާޚިލީ ކަންކަމަށް ހޭލުންތެރި، ކަންކަމުގެ ދެކޮޅު ބަލައި ބައެއްކަމަށްވާތީ، ހަމައެކަނި މިއަހަރު ތެރޭގައިވެސް ތަފާތު އެކި ގޮތްގޮތުން އަދާކުރަމުން އަންނަ މަޤާމުން ދުރުކުރުމަށް ބަޔަކު މަސައްކަތް ކުރަމުންދާތަން ފެންނާނެކަމަށް ބަޔާނުގައި ބުނެފައިވެއެވެ. އަދި ބަޔަކު އެފަދަ ކަމެއް ކުރާނީ، އެކަން ޙާޞިލުވެއްޖެނަމަ، އެބަޔަކަށް އެކަމުން މަންފާއެއް އޮތުމުން ކަން ސާފުވާނެކަމަށާއި، އެފަރާތްތަކުން ޙާޞިލުކުރަންއުޅޭ ކަންކަމަށް އެޅިފައިވާ ހުރަހަކަށްވާތީ، އެފަރާތްތަކުގެ ފިސްތޯލަ މީޒާންވެފައި އޮތީ އެކަމަނާއާއި ދިމާލަށްކަމަށް މައްސަލާގައި މޭޔަރު ނެރުއްވި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އަޅުގަނޑުގެ ގަޔަށް ވަޒަނެއް އެރިޔަސް އަޅުގަނޑުގެ އުއްމީދަކީ، މާލެ ސިޓީ ކައުންސިލް އިން މިހާރު ކުރަމުން އަންނަ މުހިއްމު މަސައްކަތްތައް، އަދި މި ކައުންސިލް އާއި މަތިވެފައިވާ އަމާނާތްތައް، ތެދުވެރިކަމާއެކު އަންނަން އޮތް ކައުންސިލް އަކާއި ޙަވާލުކުރުމެވެ.
~ ޝިފާ މުހައްމަދު / މާލެ ސިޓީ ކައުންސިލްގެ މޭޔަރު
ޝިފާ ވިދާޅުވީ ވާދަވެރިންގެ ހަސަދަ ފިލުވުމުގައި، ދައުލަތުގެ މުހިއްމު މުއައްސަސާތަކާއި، ޖިނާއީ ޢަދުލުގެ ނިޒާމު ހަތިޔާރަކަށް ބޭނުންކުރުމަކީ އަބަދުވެސް ދިވެހި ސިޔާސީ މަޝްރަހުން ފެންނަން އޮތް ނުބައި އާދައެއް ަމަށެވެ. މީގެ ދެތިން އަހަރު ކުރިން ހިނގާފައިވާ ޙާދިޘާތަކަށް ބަލާއިރު، އެކަމަކީ ދިވެހި ރައްޔިތުންނަށް އޮޅިފައިވާނެ ކަމެއް ނޫން ނަމަވެސް، އަދުގެ ސަރުކާރުންނާއި ރައްޔިތުންގެ މަޖިލީހުން ފަށާފައިވާ އިޞްލާހީ އެޖެންޑާގެ ތެރެއިން މުއައްސަސާތަކަށް އަންނަމުންދާ ހެޔޮ ބަދަލުތަކުގެ ސަބަބުން، އާޚިރުގައި މައުސޫމްކަން ސާބިތުކުރުމުގެ ފުރުޞަތު އޮންނާނެ ކަމަށް ޤަބޫލުކުރެވޭތީ، އެކަމާއުފާކުރާކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
ތަޙްޤީޤީ އިދާރާތަކުންވެސް މިހާރު މަސައްކަތްކުރަނީ ވަކި ފަރާތަކަށް ތުހުމަތު އަމާޒުކުރުމަށްވުރެ، ކަމުގެ ޙަޤީޤަތްހޯދަންކަމަށް ދެކޭކަމަށް ވިދާޅުވެ، މޭޔަރު ވިދާޅުވީ ނަމަވެސް، އެހާ ކުރު މުއްދަތެއްގައި އަދިވެސް ބަދަލުނުވާ ސަގާފަތްތަކާއި އާދަތައް ހުރުމުގެ ސަބަބުން، ދިމާވެފައިވާ މައްސަލަ ފަދަ އެހެން މައްސަލަތައްވެސް ހިނގާފާނެ ކަމަށް ދެކިވަޑައިގަންނަވާކަމަށެވެ. އެހެން ދިމާވާންޖެހެނީ، ނުފޫޒުގަދަ ވާދަވެރިންގެ އެ މުއައްސަސާތަކަށް ކަމުގެ ޙަޤީޤަތް އޮޅުވާއޮޅުވާލުމުންކަމަށް ޝިފާ ވިދާޅުވި އެވެ.
މޭޔަރު ޝިފާ ވިދާޅުވި ގޮތުގައި ލޮނުޒިޔާރަތްކޮޅު ޕާކުގައި ކުރިއަށްދާ މަޝްރޫޢަކީ ރައީސް އޮފީހާއި ޕްލޭނިންގ މިނިސްޓްރީ އާއި މާލެ ސިޓީ ކައުންސިލާއި ގުޅިގެން، ޚާއްޞަ ސަމާލުކަމެއް ދެއްވައިގެން، ރައްޔިތުންނަށް ކޮށްދެއްވައި މުހިއްމު މަސައްކަތެއް ކަމަށެވެ. މާލެ ސިޓީ ކައުންސިލާއި، އެސިޓީގެ މޭޔަރެއްގައި ޙައިޘިއްޔަތުން އެމަސައްކަތް ކޮށްފައިވަނީ ކުރު މުއްދަތެއްގެ ތެރޭގައި ނަތީޖާ ޙާޞިލުކުރުމުގެ ނިޔަތެއްގައިކަމަށް ޝިފާ ވިދާޅުވި އެވެ. ނަމަވެސް، އެކަން ވިޔަނުދޭން އުޅޭ ބަޔަކު، އެކި ގޮތްގޮތުން އެމަސައްކަތަށް ހުރަސް އަޅަމުން އައިސްފައިވާކަމަށާއި، ބޭނުމަކީ ކައުންސިލް އަށް ކަމެއް ނުވާ ކަން ދެއްކުންކަމަށް ބަޔާނުގައި ބުނެފައިވެއެވެ.
މޭޔަރަކީވެސް ކަމެއްވާ މީހެއް ނޫން ކަންދެއްކުމެވެ. އެކަން ކާމިވާ ނުވުމުން، މިހާރު އެފަރާތްތަކުން އުޅެނީ އަޅުގަނޑުމެންގެ މަސައްކަތުގައި ކޮރަޕްޝަންގެ ލައްގަނޑުޖައްސާށެވެ. އިރާދަކުރެއްވިއްޔާ އަޅުގަނޑު އެކަން ވިޔަނުދޭނަމެވެ.
~ ޝިފާ މުހައްމަދު / މާލެ ސިޓީ ކައުންސިލްގެ މޭޔަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ