'އިންޑިއާ އައުޓު' ކުރަން ރާއްޖޭގައި ގޮވަނީ އައިއެސްއައިސް އިން: ރައީސް ނަޝީދު

އިންޑިއާ އައުޓު ނުވަތަ ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ފޭބުމަށް ގޮވަމުން ދަނީ އައިސްގެ ސެލް ތަކުން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. މި ފަހުން އައިސް 'އިންޑިއާ އައުޓު' ގެ ނަމުގައި އިދިކޮޅު ފަރާތްތަކުންނާއި މި ސަރުކާރާ ދެކޮޅު ފަރާތްތައް އަންނަނީ އަޑު އުފުލަމުންނެވެ. އެ ފަރާތްތަކުން ތުހުމަތު ކުރަނީ ރާއްޖޭގައި އިންޑިއާ ސިފައިން 'ހާލި' ހަދައިގެން ތިބެ މި ގައުމުގެ މިނިވަންކަން ގެއްލުވާލުމަށް މަސައްކަތް ކުރާ ކަމަށެވެ. އެކަމާ ގުޅިގެން އިންޑިއާއާ ގާތް ގުޅުމެއް ބާއްވަވާ ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އިންޑިއާ އައުޓޭ ކިޔައި ގޮވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އައިސްގެ ސެލްތަކުން ކަމަށާއި އެކަން މިހާރު ބައިނަލްއަގްވާމީ ގިނަ އިދާރާތަކަށް ސާފުވާނެ ކަމަށެވެ. "ޕީޕީއެމް/ޕީއެންސީ އިން މި ޝިޔާރު ބޭނުންކުރަން އެދެނީ ނަމަ ތިޔަ ބާރު ދެވެނީ އައިއެސް އިން މި ރާއްޖެ ހިފުމަށް،" ރައީސް ނަޝީދު ވިދާޅުވި އެވެ. އިންޑިއާއިން ރާއްޖެ ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރު ދުއްވުމަށް އެގައުމުގެ އަސްކަރިއްޔާގެ ސިފައިން ރާއްޖޭގައި ތިބިއިރު މިދިޔަ ހަފްތާގައި އެ ގައުމުގެ ދެ ޑޯނިއާ ފްލައިޓް ވެސް ވަނީ ރާއްޖެ އައިސްފަ އެވެ. ނަމަވެސް ދެ ޑޯނިއާގެ ތެރެއިން އެއް ފަލައިޓް އެ ދުވަހު އަނބުރާ އެ ގައުމަށް ދާނެ ކަމަށް ދިވެހި އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ. އަދި އަނެއް ޑޯނިއާ އަކީ އެމްއެންޑީއެފްއާ ގުޅިގެން ތަމްރީނެއް ކުރިއަށް ގެންދިއުމަށް އައި ފްލައިޓެއް ކަމަށް ދިވެހި އަސްކަރިއްޔާއިން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ