ރިޒާ ވިދާޅުވަނީ މުސާރަ ނުދެވުނީ މަސައްކަތް ހަވާލުކުރި ކުންފުނިން ފައިސާ ނުދޭތީ ކަމަށް

ބ. އަތޮޅު ބޮޑުފިނޮޅުގައި ރިސޯޓު ހަދާ މުވައްޒަފުންނަށް މުސާރަ ނުދެވި ލަސްވެ، ބޮޑު ހަޅުތާލަކަށް އެ ބިދޭސީން މިހާރު ނުކުމެފައިވާއިރު، މުސާރަ ދެވޭ ގޮތް ނުވީ، ލިބެންޖެހޭ ފައިސާ ނުލިބޭތީ ކަމަށް ބުނެ، އެ ރަށުގައި މަސައްކަތް ކުރާ ކުންފުނިން މިރޭ ދިފާއަށް ނުކުމެއްޖެ އެވެ.
ތުޅާދުއާ އެއްފަޅެއްގައި އޮންނަ ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތް ސީލް މޯލްޑިވްސް ކިޔާ ކުންފުންޏަކުން ހަވާލުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަލީ ރިޒާގެ އާރުއައި އެކްސްއާ އެވެ. އޭނާ އަކީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރެވެ.
ރިޒާ، މިރޭ "މިހާރު އަށް ވިދާޅުވި ގޮތުގައި، މުސާރަ ނުދެވި ވަނީ ރިސޯޓު ތަރައްގީކުރާ ސީލް މޯލްޑިވްސް އިން ފައިސާ ނުދޭތީ އެވެ.
ބޮޑުފިނޮޅުގައި ރިސޯޓު ހެދުމުގެ މަސައްކަތުގައި އުޅޭ މުވައްޒަފުންނަށް މުސާރަ ނުދޭތާ އެތައް މަހެއް ވުމުން، އިއްޔެ ވަނީ އެ ރަށުގައި ބޮޑު ހަޅުތާލެއް ފަށައިފަ އެވެ. އެ މީހުން ކޮންޓްރޯލް ކުރަން އުޅުނު ފުލުހަކަށް ވެސް އަނިޔާވެ، ހާލަތު ވަނީ ވަރަށް ބޮޑަށް ސީރިއަސް ވެފަ އެވެ.
ރިޒާ ވިދާޅުވި ގޮތުގައި އެ މީހުންނަށް މުސާރަ ނުދެވި ވަނީ ގާތްގަނޑަކަށް ހަތަރު މަހަށެވެ.
"ހަ މަހެއް ނޫން އިނގޭތޯ. އެއީ އޮޅުމެއް. ތިން މަސް ދުވަސް ނުވަތަ ހަތަރު މަސް. ބައެއް ބޭފުޅުން ހުންނާނެ ހަތަރު މަސް. އަނެއް ބައި ބޭފުޅުން ހުންނާނެ ތިން މަސް. އަނެއް ބައި ބޭފުޅުން ހުންނާނެ ދެ މަސް ވެސް. ގާތްގަނޑަކަށް އެހާކަށް ވަރުގެ އަދަދެއް،" ރިޒާ ވިދާޅުވި އެވެ.
ރިސޯޓުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން އަންނަތާ ދޮޅު އަހަރަށް ވުރެ ގިނަ ދުވަސް ވެއްޖެ އެވެ. މިހާރު އެ ރަށުގެ ބޮޑު ބައި ވެސް ވަނީ ނިންމައިފަ އެވެ.
އެތަނުގައި 190 ބިދޭސީން އަދި ފަސް ދިވެހިން މަސައްކަތްކުރެ އެވެ.
ރިޒާ ވިދާޅުވީ މިދިޔަ ޖެނުއަރީ މަހާ ހަމައަށް، ސީލް މޯލްޑިވްސްގެ ފަރާތުން ލިބެންޖެހޭ ފައިސާ ބަރާބަރަށް ލިބުނު ކަމަށެވެ. އޭރު މުވައްޒަފުންނަށް ވެސް ދިޔައީ ބަރާބަރަށް މުސާރަ ދެމުން ކަމަށް ވިދާޅުވި އެވެ.
"ރަށުގެ ވެރިފަރާތާ ވާހަކަ ދައްކައިގެން ވީހާ ވެސް އަވަހެއް ކުރެވޭތޯ، މި ހުރިހާ ދުވަހެއް ވެސް މި ދިޔައީ އެ ބޭފުޅުންނާ އެކީގައި މަޝްވަރާ ކުރުމުގައި. ސީދާ މާދަމާއޭ ބުނާކަށް ނުކެރޭނެ. ވީހާ އަވަހަކަށް ހައްލުކުރަން މަސައްކަތް އެބަ ކުރަން،" ރިޒާ ވިދާޅުވި އެވެ.
ކޮންމެ ދުވަހަކު ވެސް މަޝްވަރާ ކުރަމުން އަންނަ ކަމަށާއި އެ ބިދޭސީންނާ މިރޭ ވެސް ވާހަކަ ދައްކާފައިވާ ކަމަށް ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ، މުސާރައިގެ މައްސަލައިގައި ބިދޭސީން މަސައްކަތް ހުއްޓާލާފައިވާތާ 43 ދުވަސް ވެއްޖެ ކަމަށާއި އެހާ ދުވަސްވިއިރު ވެސް މެނޭޖްމަންޓާ ވާހަކަ ދައްކައިގެން އަދި ހައްލެއް ހޯދިފައި ނުވާ ކަމަށެވެ. އެމީހުންގެ ހަމައެކަނި މައްސަލައަކީ މުސާރަ ކަމަށާއި އެކަން ހައްލުކުރަން ހުރިހާ ކަމެއް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ރިޒާ ވިދާޅުވިގޮތުގައި ބިދޭސީންގެ މުސާރަ ހޯދުމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވަނީ ކޮށްފަ އެވެ.
"[މުސާރަ ނުދެވުނީ] ބެކަޕް ވެސް އެވަރަށް ނެތީމަ ކަމަށް ވެދާނެ،" އޭނާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވީ ސީލް މޯލްޑިވްސްގެ ފަރާތުން ލިބެންޖެހޭ ފައިސާ ނުލިބި ލަސްވަނީ ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވެފައިވާ ގޮންޖެހުންތަކުން ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
Bodu finolhuge massala boduve, fuluhunnah rashah neyrifai!
Mihaaru
މުސާރައާ ގުޅިގެން ހިންގި ހަމަނުޖެހުންތަކުގައި، ބޮޑުފިނޮޅުގައި ތިބި ދިވެހިންތަކެއް ރަހީނުކުރި ކަމަށް ވެސް އަޑުތައް ފެތުރުނެވެ. ނަމަވެސް ރިޒާ ވިދާޅުވީ އެ މީހުންގެ ތިބީ ގަދަވެ ސަލާމަތުން ކަމަށެވެ.
"ޖެނުއަރީގެ ފަހުން، ޖެނުއަރީ، މާޗު، ދެން މި ކޮވިޑްގެ އެންމެ ހާޑު ދުވަސްކޮޅު ތެރޭގައި މި ދިމާވި ޑިލޭ އެކޭ މި އުޅެނީ. އެ ޑިލޭ ސަސްޓެއިންކޮށް ނުލެވި އުޅެނިކޮށް އަސްލު މިކަންތައް ދިމާވީ،" ރިޒާ ވިދާޅުވި އެވެ.
މުސާރަ ނުދެވި ލަސްވި ކަމުގައި ވިއަސް މުވައްޒަފުންގެ ކެއުންބުއިމުގެ ކަންކަން އަމިއްލައަށް ހަމަޖައްސާފައިވާކަން ރިޒާ ފާހަގަކުރެއްވި އެވެ.
ހަމަނުޖެހުން ކޮންޓްރޯލް ކުރަން ސިފައިން ވެސް ވަނީ އެ ރަށަށް ދިއުމަށް ދަތުރު ފަށައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ