އިންޑިޔާއިން ދިން ލޯނު ދިވެހި ސަރުކާރުން ހޭދަކުރާނީ ވިސްނުންތެރިކަމާއެކު: ރައީސް ނަޝީދު

އިންޑިޔާ ސަރުކާރުން ދިވެހި ސަރުކާރަށް މިއަދު ދިން 250 މިލިއަން ޑޮލަރުގެ ލޯނު ދިވެހި ސަރުކާރުން ހޭދަކުރާނީ ވިސްނުންތެރިކަމާއެކު ކަން ޔަޤީންވެވަޑައިގަންނަވާ ކަމުގައި ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ މިއަދު ކުރެއްވި ޓުވީޓެއްގައި އިންޑިޔާއިން ބަޖެޓު ފޫބެއްދުމަށް ދިވެހި ސަރުކާރަށް ބެޖެޓު ސަޕޯޓުގެ ގޮތުގައި 250 މިލިއަން ޑޮލަރު ދިނުމަށް ނިންމަފައިވުމާ ގުޅިގެން އެކަމަށް ޝުކުރު އަދާކުރައްވައި ކުރެއްވި ޓުވީޓެއްގައެވެ. މި ފައިސާ ހަވާލުކުރުމަށް މިއަދު އޮތް ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިންޑިޔާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު  ސަންޖޭ ސުދިރު ވިދާޅުވެފައިވަނީ މިއީ ލުއި ލޯނެއް ކަމުގައެވެ. އެގޮތުން މި ލޯނުގެ ޓެނުޔާއަކީ 10 އަހަރު ކަމަށާއި 10 އަހަރު ނިމެންދެން ދައްކަންޖެހޭނީ އަހަރީ އިންޓަރެސްޓު ކަމުގައެވެ.މި ލޯނަކީ ލުއި ލޯނެއް ކަމުގައާއި ލޯނުގެ އިންޓަރެސްޓަކީވެސް ކުޑަ އިންޓަރެސްޓެއް ކަމުގައި ސަފީރު ވިދާޅުވިނަމަވެސް އެ ލޯނުގެ އިންޓަރެސްޓު ރޭޓަކީ ކިހާވަރެއްކަން ސާފުކޮށް އޭނާ ވިދާޅުވެފައިނުވެއެވެ. އިންޑިޔާގެ އެގްޒިމް ބޭންކުންވަނީ 800 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓެއް ދިނުމަށްވެސް އެއްބަސްވެފައެވެ. ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ މިއަދު އިންޑިޔާއިން ދިން ބަޖެޓު އެހީތެރިކަމަށް ޝުކުރު އަދާކުރައްވާކަމުގައެވެ. އަދި މިފަދަ ދަތި ވަގުތެއްގައި އެއީ ކޮންމެހެންވެސް ބޭނުންތެރި މުހިއްމު އެހީތެރިކަމެއް ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ފައިސާ ދިވެހި ސަރުކާރުން ހޭދަކުރާ ގޮތާމެދު ވިސްނުންތެރިކަން ބަހައްޓާނެ ކަމާމެދު އެމަނިކުފާނަށް ޔަޤީންކަމާއި އިތުބާރު އޮތް ކަމުގައިވެސް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ޔާމީނުގެ ވެރިކަމުގައި އިޤުތިޞާދީ މަޝްރޫޢުތައް ހިންގުމަށް އެއިރުގެ ސަރުކާރުން ލޯނުތައް ނަގާފައިވާތީ އެކަމަށް މިހާރު ސަރުކާރުގައި ތިއްބެވި ލީޑަރުން ފާޑުވިދާޅުވިއެވެ. ނަމަވެސް ބަޖެޓު ފޫބެއްދުމަށާއި ރިކަރެންޓު ޚަރަދުތައް ހަމަޖެއްސުމަށް މި ސަރުކާރުން ލޯނު ނަގާފައިވެއެވެ. މިފަހަރު އިންޑިޔާއިން ދިން ބަޖެޓު ސަޕޯޓުގެ އިތުރަށް ކުރިންވަނީ ކަރަންސީ ސުވޮޕެއް މެދުވެރިކޮށްވެސް ފައިސާ ނަގާފައެވެ. އެފަހަރު ނަގާފައިވަނީ 6 އިންސައްތަ އިންޓަރެސްޓު ރޭޓުގައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ