މި ދުވަސްވަރު ބާނިތައް ކުޑަ، ކުރިއަށް އޮތް ދެ ދުވަހު އުދަ އެރުން ދުރު: މެޓް

ރާއްޖޭގެ ބައެއް ރަށްރަށަށް އާދަޔާ ހިލާފަށް އުދަ އެރުމުގެ ހާދިސާތަކެއް ކުރިމަތިވަމުން ދިޔަ ނަމަވެސް، މިހާރު ރާއްޖޭގެ ކަނޑުތަކުގެ ބާނި ކުޑަ ކަމަށް، މެޓް އޮފީހުން މިއަދު ބުނެފި އެވެ.
މެޓުން ބުނީ ބާނިތައް ކުޑަވުމުގެ ސަބަބުން، ކުރިއަށް އޮތް ދެތިން ދުވަހު އުދައެރުމުގެ ފުރުސަތު ކުޑަ ކަމަށެވެ.
ބާނިތައް ބޮޑުވަމުން ދިއުމާ އެކު، ރާއްޖޭގެ އެކި ސަރަހައްދުތަކަށް އުދަ އަރާނެ ކަމަށް ލަފާކޮށް، މި މަހު ހަޔަކުން ފެށިގެން މެޓް އޮފީހުން ގެންދިޔައީ ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އެލާޓް ނެރެމުންނެވެ.
މެޓުގެ އެސިސްޓެންޓް މީޓިއޮރޮލޮޖިސްޓް އަބްދުﷲ ހާފިޒު "މިހާރު" އަށް ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގައި ބާނިތައް ބިޔަވުމާއި ހަނދު ބޮޑުވުމާ އެކު ދިޔަވަރަށް އަންނަ ބަދަލުތައް ވެސް އެއްދުވަސްވަރަކާ ދިމާވުމުން، އުދައިގެ އަސަރު ކުރިއަށް ވުރެ ނުރައްކާ ވުން ކައިރި ކަމަށެވެ.
"ގިނަ ކަންކަމެއް އެއް ދުވަސްވަރެއްގައި ހިނގީމައި [އެވަރަށް] އުދަ އެރީ،" ހާފިޒް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ވޭތުވެ ދިޔަ ދެ އަހަރުގެ ޖުލައި މަހު ފަހުކޮޅު ރާއްޖޭގެ އެކި ރަށްރަށަށް އުދަ އެރި އެވެ. އެކަމަކު މި މަހުގެ ފަހުކޮޅު އެގޮތަށް އުދަ އަރާނެކަން ލަފާކުރައްވަން އަދި އަވަސް ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޮންމެ ފަސް ދުވަހަކަށް އަޅުކަނޑުމެންނަން [މޫސުން ލަފާކުރާ] މޮޑެލް ތައްޔާރުކުރެވެނީ. އެހެންވެ، އަންނަ ހަފްތާގައި މިކަމާ ގުޅޭ ގޮތުން އެއްޗެއް ބުނަން އެނގޭނީ،" ހާފިޒު ވިދާޅުވި އެވެ.
މިއީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ކަނޑުގެ ލޮނުގަނޑު އުފުލޭތީ ދިމާވާ މައްސަލައެއް ކަމެއް ނުވަތަ މި އަހަރު ދިމާވަމުން އަންނަ އާދަޔާ ހިލާފު ކަމެއް ކަން ބުނަން ދަތި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެފަދަ ގުޅުމެއް އޮތް ކަން ދެނެގަނެވޭނީ، އޭނާ ވިދާޅުވި ގޮތުގައި، އެކަމާ ގުޅޭ ދިރާސާތައް ހެދުމުންނެވެ.
"އަޅުގަނޑުމެންނަށް ވެސް އެބަ ފާހަގަކުރެވޭ މޫސުމުގައި އާދަޔާ ހިލާފު ކަންކަން ހުރި ކަން،" ހާފިޒު ވިދާޅުވި އެވެ.
މިދިޔަ ހަފުތާގައި ރާއްޖޭގެ އެކި ރަށްރަށަށް ވަރަށް ބޮޑަށް އުދަ އެރި އެވެ. ބައެއް ރަށްރަށުގެ މީހުން ބުނި ގޮތުގައި އެވަރުގެ އަދަޔަކާ ދިމާވި ހަނދާން ހުރި މީހަކު ވެސް އެ ރަށްރަށުގައެއް ނެތެވެ. އެގޮތުން ލ. މާވަށަށް އެރި ހަތަރު ފޫޓުގެ އުދަ ފެނިފައި، 2004 ގެ ސުނާމީގެ ހަނދާންތަކާ އެކު، ރަށުގެ ރައްޔިތުންގެ ތެރޭގައި ބިރުވެރިކަން ވެސް އުފެދުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ