ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެއް ކުރަން ފަހެއް ނުޖެހޭނަން: ރައީސް

ސިފައިންގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރަން ޖެހޭ ކަމެއް ކުރަން ފަހަތަށް ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި އެކަމެއް ކުރައްވާނީ އިހްލާސްތެރިކަމާއެކީގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ފަރާތުން "ތިޔަހެނެއް ނުކިޔޭނެ" މިނަމުގައި ބާއްވަމުންދާ ސިލްސިލާ މުޒާހަރާތަކުގެ ތެރެއިން މިއަދު ހަވީރު ރާޅުގަނޑު ސަރަހައްދުގައި ބޭއްވި މުޒާހަރާގައި ބައިވެރިވެ ވަޑައިގަންނަވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސައުތު ކޮރެއާ ފަދަ ގައުމުތަކުގެ ޑިމޮކްރަސީގެ އިންތިގާލީ މަރުހަލާގައި ގައުމުތަކުގެ މިލިޓަރީން އެ ގައުމެއްގައި ވަރަށް މުހިއްމު ރޯލެއް އަދާކޮށްފައިވާ ކަމަށާއި ޑިމޮކްރަސީ އަށް ބަދަލުވުމުގައި އެފަދަ މުއައްސަސާތަކުން އަދާކޮށްފައިވާ ރޯލަކީ މިސާލެއް ކަމަށެވެ.
"ގައުމެއް ޑިމޮކްރަސީ އަށް ބަދަލުވެގެން އަންނަ އިރު، އެ ގައުމެއްގެ މުއައްސަސާތަކުގެ ތެރެއިން ކޮންކޮން މުއައްސަސާއެއް ކޮންކޮން ކަންތަކެއް ކޮށްގެންތޯ ގައުމުތައް ޑިމޮކްރަސީ އަށް ބަދަލުވެގެން ދަނީ. މިއީ އެކި އެކި ގައުމުތަކުގެ ގައުމީ ހަޔާތުން އަޅުގަނޑުމެނަށް ފެންނަން ހުރި މިސާލެއް، އިބްރަތެއް،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ފަނޑިޔާރުގެ ހަމަ މަގުގައި ބެހެއްޓުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށާއި ފަނޑިޔާރުގޭގެ ކަންތައްތައް އިސްލާހުކުރެވޭތޯ ކުރީއްސުރެ ވެސް ސަރުކާރުން އެކަންތައް އިސްލާހު ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި 2009 ވަނަ އަހަރުން ފެށިގެން ފަނިޑިޔާރުންނާ މެދު ފިޔަވަޅު އަޅައިދިނުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނަށް ސިޓީ ފޮނުވާފައިވާނެ ކަމަށާއި ނަމަވެސް ފަހަކާޖެހެންދެން އެކޮމިޝަނުން ފަނޑިޔާރުންނާ މެދު ފިޔަވަޅު އަޅާފައި ނުވާ ކަމަށެވެ.
"ފަނޑިޔާރުންގެ ކަންކަން، ފަނޑިޔާރުންގެ ސުލޫކު ބެލެހެއްޓުމާއި ފަނޑިޔާރުންނާ ގުޅޭ އެކިއެކި ކަންކަން ބެލެހެއްޓުމަށް ގާނޫނު އަސާސީ ކަނޑައަޅާފައި ވަނީ ޖުޑީޝަލް ސާވިސް ކޮމިޝަން. ދާދި އިހިކަށް ދުވަހާ ހަމަޔަށް އެކޮމިޝަނުން އޮތީ ސަރުކާރުން ހުށަހަޅަމުން ގެންދިޔަ ކަންތަކަށް އެއްގޮތަކަށް ވެސް އަޅާނުލާ،" ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ގާނޫނު އަސާސީގައި ޝަރީއަތުގެ ނިޒާމް އުފެއްދުމަށް ހާއްސަ އިޖުރާއަތުތަކެއް ކަނޑައަޅާފައިވާ ކަމަށާއި ފަނޑިޔާރުގެތަކުގައި ތިބެން ޖެހޭނީ ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ޝަރުތު ހަމަވާ ފަނޑިޔާރުން ކަމަށެވެ. އަދި ވިދާޅުވީ 2010 ވަނަ އަހަރުގެ މޭ 11 ވަނަ ދުވަހު ޖުޑީޝަލް ސާވިސް ކޮމިޝަނުން ކަނޑައެޅި އުސޫލްތަކުގެ މަތިން ފަނޑިޔާރުން އަލުން ހުވާކުރެއްވި ނަމަވެސް ހުވާކުރެއްވި ބޭފުޅުންނަކީ ގާނޫނީ ޝަރުތު ހަމަވާ ބައެއްތޯ އޭރު ބަލާފައި ނުވާ ކަމަށެވެ.
އޭރު ހުވާކުރެއްވި ފަނޑިޔާރުންގެ ތެރޭގައި އަބްދުﷲ ގާޒީ ވެސް ހިމެނިވަޑައިގަންނަވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ރައީސް އިތުރަށް ވިދާޅުވީ ދައުލަތުގެ އިސްވެރިޔާގެ މަގާމުގައި އެމަނިކުފާނު ހުންނެވިހާ ދުވަހެއްގައި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހުކުރަން މަސައްކަތް ކުރައްވާނެ ކަމަށާއި ދައުލަތުގެ ވެރިޔާގެ މަސްއޫލިއްޔަތު އަދާކުރައްވާނީ ސާބިތުކަމާއި ވިސްނުންތެރިކަމާއި ކެތްތެރިކަމާ އެކީގައި ކަމަށެވެ.
"އަޅުގަނޑު ރާއްޖޭގެ ވެރިކަމުގައި ހުރިހާ ހިނދަކު ޝަރުއީ ދާއިރާ އިސްލާހުކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެން. އަދި އެއިރެއްގައި ކުރަން ޖެހުނު ކަމެއް ކުރާނަން، ނިންމަން ޖެހުނު ކަމެއް ނިންމާނަން،" ރައީސް ވިދާޅުވި އެވެ.
ލިޔުމާ ގުޅޭ އޯޑިއޯ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ