ފުލުހުންނާއި ސިފައިންގެ މުސާރަ 40 ޕަސެންޓަށް ބޮޑުކުރަން ހިމެނުމުން ސުވާލު އުފެދޭ: ޔާމީން

އަންނަ އަހަރުގެ ބަޖެޓްގައި ފުލުހުންނާއި އެމްއެންޑީއެފްގެ މުސާރަ 40 ޕަސެންޓަށް ބޮޑުކުރަން ހިމަނާފައިވުމުން ސުވާލު އުފެދޭކަމަށް އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕުގެ ރައީސް އަދި މުލަކު ދާއިރާގެ މެންބަރު އަބުދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަޖެޓް ބަހުސްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އޮފީސްތަކުގެ ރިކަރަންޓް ހަރަދުގެ ތަފްސީލް ބަޖެޓް ފޮތުގައި ދީފައިނެތީ ބައެއް ދާއިރާތަކުގެ މުސާރަ 40 ޕަސެންޓުން އިތުރު ކުރުމަށް ކަމަށެވެ. އެގޮތަށް އަންނަ އަހަރު ހަމައެކަނި ފުލުހުންނާއި ސިފައިންގެ މުސާރަ 40 ޕަސެންޓަށް އިތުރު ކުރަން ހުށަހަޅާފައި އޮތްކަން އެނގުނީ ބަޖެޓް ކޮމިޓީން އެ އޮފީސްތަކާ ސުވާލު ކުރުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ މުއައްސަސާތަކަށްވުރެ މާ ކުޑަ މުސާރައެއް ދޭންޖެހޭ ސިވިލްސާވަންޓުންގެ މުސާރަ ބޮޑުކުރާ ވާހަކަ ބަޖެޓްގައި ނެތްކަން ވެސް ޔާމީން ފާހަގަ ކުރެއްވި އެވެ.
" އޮފީސްތަކާބެހޭ ތަފްސީލީ ހަރަދެއް ހުށަހަޅުއްވާފައެއްނެތް. އޮފީސްތަކާބެހޭ ތަފްސީލީ ހަރަދެއް ބަޖެޓް ކޮމިޓީން ގެނަސް ވާހަކަ ދައްކައިލީމަ މި އެނގެނީ. ޕޮލިސްގެ މުސާރަ 40 ޕަސެންޓަށް އިތުރު ކުރަން މިއޮތީ ހުށަހަޅުއްވައިފަ. ހަމަ އެގޮތަށް އެމްއެންޑީއެފްގެ މުޅި މުއައްސަސާގެ މުސާރަ 40 ޕަސެންޓަށް އިތުރު ކުރުމަށް ހުށަހަޅުއްވާފަ މި އޮތީ. ހަނދާންކޮށްލަން ޖެހެނީ ސިވިލްސާވިސް އަކީ މިއަށްވުރެ މާ ކުދިކުދި މުސާރަ ލިބޭ ތަންތަން ނަމަވެސް ސިވިލްސާވަންޓުންގެ މުސާރަ މި ދެއަހަރު ވީއިރު ކުޑަކޮށްފަ އަދި އެތައްބަޔަކު ވަޒީފާއިން ވަކިކުރަން ހުށަހަޅުއްވާފަ އޮތީ،" ޔާމީން ވިދާޅުވި އެވެ.
ބަޖެތް ދަރަނީގެ މައްޗަށް ބައްލަވާލައްވައި ޔާމީން ވިދާޅުވީ މައުމޫނު ސަރުކާރުގެ ފަހު ފަސް އަހަރުގެ ބަޖެޓް ޑެފިސިޓްގެ ޖުމްލައަކީ ފަސް ބިލިޔަން ރުފިޔާ ކަމަށެވެ. ނަމަވެސް ރައީސް ނަޝީދުގެ ސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު އޭގެ ފަސް ގުނަ، ބަޖެޓް ޑެފެސިޓްވެގެންދާނެ ކަމަށެވެ.
"ބަޖެޓް ޑެފެސިޓާ ބެހޭގޮތުން ދަންނަވަން ޖެހެނީ މި ސަރުކާރު ބަޖެޓާ ހަވާލުވިފަހުން ހަމަ ކޮންމެ އަހަރަކު އެވްރެޖް ޑެފިސިޓަކީ އަހަރަކު ތިން ބިލިޔަނާއި ހަތަރު ބިލިޔަނާ ދޭތެރޭގެ އަދަދެއް. މިއީ ބަޖެޓް ހިސާބުތަކުން ފެންނަން އޮތްގޮތް. އެހެންވީމަ މިސަރުކާރުގެ ފަސް އަހަރު ނިމިގެންދާއިރު ބަޖެޓް ޑެފެސިޓްގެ ޖުމްލަ 20 ބިލިޔަނަށްވުރެ މަތިވާނެ. ކުރީ ސަރުކާރުގެ ފަހު ފަސް އަހަރުގެ ބަޖެތް ޑެފިސިޓްގެ ޖުމްލައަކީ ފަސްބިލިޔަން ރުފިޔާ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ބަޖެޓް ޑެފެސިޓް ވާނަމަ ޑެފިސިޓް ފޫބެއްދުމަށް ލޯނު ނަގަންޖެހޭނެ ކަމަށެވެ. އެގޮތުން ކޮންމެ އަހަރަކު ދެ ބިލިޔަނާއި ހަތަރު ބިލިޔަނާ ދެމެދުގެ ލޯނު ސަރުކާރުން ނަގާފައިވާ ކަމަށާއި، އަންނަ 2012 ވަނަ އަހަރަށްއެކަނި ދައުލަތުން 4.7 ބިލިޔަން ރުފިޔާގެ ލޯނު ނަގަން ހިމަނާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މައްސަލައަކީ ކުރިން ނަގާފައި ހުންނަ ލޯނުތައް އަނބުރާ ދައްކަން ލޯނުތައް ނަގަމުންދިއުން ކަމަށެވެ. އެ ގޮތުން ބަޖެޓުން ފެންނަން އޮތް ހަގީގަތަކީ އަންނަ އަހަރު ދައުލަތަށް ނަގާ 4.7 ބިލިއަން ރުފިޔާގެ ލޯނުގެ ތެރެއިން 70 ޕަސެންޓް ހަރަދުކުރަނީ ކުރިން ނަގާފައިވާ ލޯނުތައް ދެއްކުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ލޯނު ނަގަމުން ގެންދިޔައީ މައުމޫނުގެ ސަރުކާރުން ނޫން ކަމަށާއި ލޯނު ނަގަމުންގެންދަނީ މި ސަރުކާރުން ކަމަށެވެ. ބަޖެޓްގައި ހިމެނިފައިވާ ބައެއް ތަފްސީލްތައް ވެސް ޔާމީން ވިދާޅުވެ ދެއްވި އެވެ.
"ކުރީ ސަރުކާރުން ލޯނު ނަގާފައިވާ މިންވަރަށް ބަލާކަމަށް ވަންޏާ ހަމައެކަނި 2008 ވަނަ އަހަރު ލޯނު އަދާކުރުމަށް ދައްކާފައިވަނީ 389 މިލިއަން ރުފިޔާ. 2010 ވަނަ އަހަރު މި ސަރުކާރުން 589 މިލިއަން ރުފިޔާ،2011 ވަނަ އަހަރު މި ސަރުކާރުން 940 މިލިއަން ރުފިޔާ، 2012 ވަނަ އަހަރު މި ސަރުކާރުން 1،100 މިލިއަން ރުފިޔާ. އެހެންވީމަ ލޯން ނަގާފައި މި ވަނީ ކުރީގެ ސަރުކާރަކުން ނޫން. ލޯން ނަގަމުން މި ދަނީ ބަޖެޓް ޑެފިސިޓް ފޫބެއްދުމަށްޓަކައި މި ސަރުކާރުން. މި ސަރުކާރުގެ ހިސާބު ފޮތުން އަޅުގަނޑު ދަންނަވާ މައުލޫމާތު މިއީ،" ޔާމީން ވިދާޅުވި އެވެ.
ޔަމީން ވިދާޅުވީ ނަގާ ލޯންތައް އަނބުރާ ދެއްކުމުގެ ހަކަތަ ވެސް މި ސަރުކާރުގައި ނެތް ކަމަށެވެ. އަދި ނަގާ ލޯނުތައް އަނބުރާ ދެއްކުމަށް ލޯން ނެގުމަކީ އިގުތިސާދަށް އޮތް ގެއްލުމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ހަމައެކަނި އަންނަ އަހަރަށް ދައުލަތުން ނަގާ ލޯނުގެ އަދަދަށް ބަލާއިރު ދިވެހި ކޮންމެ ރައްޔިތެއްގެ ބޮލަށް 16000ރ. އަރާކަމަށް ބަޖެޓް ފޮތުގެ މައުލޫމާތުތަކުން ދައްކާ ކަމަށް ވެސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ