ކޮޅުފުށީގައި ކޮވިޑް ފެތުރިއްޖެ. 9 މީހުން ޕޮޒިޓިވް!

މ. ކޮޅުފުށިން ފުރަބަންދުގައި ހުރި މީހެއްގެ ނަތީޖާ ނެގެޓިވް ވުމާ ގުޅިގެން އޭނާއާ ކޮންޓެކްޓްވީ ގިނަ ބަޔަކު މ. ކޮޅުފުށިން މިއަދު ޕޮޒިޓިވްވެ އެ ރަށް މޮނިޓަރިންގެ ހާލަތަށް ބަދަލުކޮށްފިއެވެ.
'ދަ ޕްރެސް' އަށް މައުލޫމާތު ދެއްވަމުން އެ ރަށު ކައުންސިލުން ބުނީ، މިއަދު 9 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށާއި އެމީހުން ޕޮޒިޓިވްވެފައި ވަނީ އެރަށަށް މާލެއިން ދިޔަ މީހަކު ކަރަންޓީންގައި ހުރެ ދިޔަ ފަހުން ކަމަށެވެ. އޭރު އޭނާގެ ޓެސްޓުގެ ނަތީޖާ ވަނީ ނެގެޓިވްވެފައި ކަމަށާއި އެއަށް ފަހު 10 ވަރަކަށް ދުވަހު އޭނާ ރަށުގައި އުޅެފައި މާލެއަށް ދާން މި މަހުގެ 19 ވަނަ ދުވަހު ފުރި ކަމަށް އެ ރަށު ކައުންސިލުން ބުނެއެވެ.
އޭނާ މާލެއަށް ދިޔަ ފަހުން ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި ކަމަށާއި އެ ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ވެފައި ވަނީ މި މަހުގެ 22 ވަނަ ދުވަހު ކަމަށް ކޮޅުފުށި ކައުންސިލުން ބުނެއެވެ. އެހެންކަމުން އެ ރަށުން އޭނާއާ ކޮންޓެކްޓްވީ މީހުން ދެނެގަނެ ޓެސްޓު ކުރި އިރު 9 މީހެއްގެ ނަތީޖާ މިއަދު ޕޮޒިޓިވް ވެފައިވާ ކަމަށް ކައުންސިލުން ބުނެއެވެ.
ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހައި ރިސްކް ދެ އަންހެނެއް ހިމެނޭ ކަމަށާއި ދެ ކުޑަކުއްޖަކު ހިމެނޭ ކަމަށް ވެސް ކައުންސިލުން ބުނެއެވެ. އެ ގޮތުން 1 އަހަރުގެ ކުއްޖަކާއި 9 އަހަރުގެ ކުއްޖެއް ހިމެނޭ ކަމަށް ކައުންސިލުން ބުނެއެވެ. މި ކޭސްތަކާ ގުޅިގެން މިހާރު އެ ރަށުގެ 9 ގެއެއް ވަނީ މޮނިޓަރިންގައި ކަމަށް ވެސް މައުލޫމާތު ދެއެވެ. އަދި މާލެއަށް ދިޔަ މީހާގެ ކޮންޓެކްޓުންގެ ގޮތުގައި 50 މީހެއް ދެނެގަނެވިފައި ވާ ކަމަށް ވެސް އެ ރަށު ކައުންސިލުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ