ރާއްޖެޓީވީ ދެ މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާ ބާތިލްކޮށްފި، ފައިސާ ކުޑަކުދިންގެ ހިޔާއަށް

ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ބޭއިންސާފުން ކަމަށް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން ނިންމައިފި އެވެ.
ދެ މިލިއަން ރުފިޔާ އިން ރާއްޖެޓީވީ ޖޫރިމަނާ ކުރީ އެ ޓީވީން 16 މާޗް 2018 ވަނަ ދުވަހުގެރޭ 23:24 އިން 23:35 އަށް ބްރޯޑްކާސްޓް ކުރި މުޒާހަރާގެ ލައިވް ކަވަރޭޖް ޕްރޮގްރާމުގައި ގައުމުގެ އަމަންއަމާންކަން ނަގާލައި ކުރީގެ ރައީސް އަބްދުﷲ ޔާމިންގެ އަބުރު ގެއްލޭފަދަ ކޮންޓެންޓް ބްރޯޑްކާސްޓް ކޮށްފައިވާ ކަމަށް ބުނެއެވެ.
ރާއްޖެޓީވީގެ މެނޭޖިން ޑިރެކްޓަރު އަދި ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މިއަދު ވިދާޅުވީ ރާއްޖެޓީވީ ދެ މިލިއަން ރުފިޔާއިން ޖޫރިމަނާ ކޮށްފައިވަނީ ބޭއިންސާފުން ކަމަށް އެ މައްސަލަ ރިވިއު ކުރުމަށްފަހު މިއަދު ބްރޯޑްކޮމުން ނިންމާފައިވާ ކަމަށެވެ.
"ރާއްޖެޓީވީން މި ފައިސާ ބޭނުން ނުކުރާނެ. މި ދޭނީ އެހީ ބޭނުންވާ ކުޑަކުދިންގެ ހިޔާއަށް. ރާއްޖެޓީވީއަށް މުހިންމީ އިންސާފު. އެކަން ވެއްޖެ،" ސަލީމް ވިދާޅުވި އެވެ.
މިދިޔަ ސަރުކާރުގައި ރާއްޖެޓީވީ ވަނީ ހަތަރު ފަހަރެއްގެ މަތިން ޖޫރިމަނާ ކޮށްފަ އެވެ. ފުރަތަމަ ފަހަރު 200،000 ރުފިޔާ، ދެވަނަ ފަހަރު 500،000 ރުފިޔާ އަދި ތިން ވަނަ ފަހަރު އެއް މިލިއަން ރުފިޔާ އިން ޖޫރިމަނާކުރި އެވެ. އަދި ދެ މިލިއަން ރުފިޔާ އިން ކުރި ޖޫރިމަނާއާއެކު ޖުމްލަ 3.7 މިލިއަން ރުފިޔާ އިން އެ ޓީވީ ޖޫރިމަނާ ކުރި އެވެ.
ރާއްޖެޓީވީ ޖޫރިމަނާ ކުރުމުގެ އިތުރުން މިދިޔަ ސަރުކާރުގައި އެ ޓީވީގެ ބައެއް ނޫސްވެރިން އެކި ސަބަބުތަކާހުރެ ވަނީ ހައްޔަރުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ