ސުޕާރީ ޕެކިން ބަދަލު ކުރީމަ އެ ބޭނުން ކުރެވޭނެ: ނަޝީދު

ރާއްޖެއަށް ސުޕާރީ އެތެރެކުރުން މަނާ ނުކުރާ ކަމަށާއި، ސުޕާރީގެ ޕެކިން ބަދަލުކޮށްގެން އެ ބޭނުން ކުރެވޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
ޕްލާސްޓިކު ޕެކެޓުގައި ބަންދު ކުރި ސުޕާރީ ޕެކެޓު އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެ އެތެރެކުރުން މަނާ ކުރުމާއި ގުޅިގެން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ސުޕާރީއަކީ ރާއްޖޭގައި ބޮޑު ޑިމާންޑެއް އޮންނަ އެއްޗެއް ކަމުން ސުޕާރީ ނުލިބޭނެތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ނުރުހުމުގެ ބަސްތައް ރައްދު ކުރަމުންނެވެ.
މިކަމާއި ގުޅިގެން ނަޝީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕްލާސްޓިކު މަދުކުރުމަށް ގެނެވުނު ގާނޫނީ ބަދަލުތައް ތަންފީޒު ކޮށްދެއްވީތީ ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މަރުހަބާ ދަންނަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ސުޕާރީ މަނާ ނުކުރާ ކަމަށާއި ޕެކިން ބަދަލުކޮށްގެން ސުޕާރީ ބޭނުން ކުރެވޭނެ ކަމަށެވެ.
ސުޕާރީގެ އިތުރުން އެއްފަހަރު ބޭނުންކޮށްފައި އެއްލާލާ ޕްލާސްޓިކު ހިމެނޭ އެހެން ބައެއް ބާވަތްތައްވެސް އަންނަ އަހަރުގެ ޖޫން މަހުން ފެށިގެން ރާއްޖެ އެތެރެކުރުން ވަނީ މަނާ ކޮށްފަ އެވެ. އެގޮތުން ޕްލާސްޓިކު ދަނޑިކޮޅު ލާފައި ހުންނަ ކަފަބުރާއި، ޕްލާސްޓީކު ފުޅީގައި ބަންދުކޮށްފައި ހުންނަ 50 މިލިލީޓަރަށްވުރެއް ކުދި ޝޭމްޕޫ އަދި ސައިބޯނި ފުޅިވެސް އޭގެ ތެރޭގައި ހިމެނެ އެވެ. މީގެ އިތުރުން ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ އެކި ވައްތަރުގެ ލުއި ބުއިންތައްވެސް ވަނީ މަނާކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ