ސްކޮލަޝިޕްތަކަކާއެކު އެވިޑް ކޮލެޖުގެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ސްކޮލަޝިޕްގެ ފުރުސަތުތަކާއެކު އެވިޑް ކޮލެޖުން އަންނަ އަހަރު ފަށަން ހަމަޖައްސާފައިވާ ކޯސްތަކަށް ކުރިމަތިލާން އިއްޔެ ހުޅުވާލައިފި އެވެ.
ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލާފައިވަނީ ގަލޮޅު ޓާފް ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ކޯސްތަކަށް ހުޅުވާލުމަށް ފަހު މުވައްޒަފުންނާއި ދަރިވަރުންނާ ދެމެދު ވަނީ އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފަ އެވެ.
އެ ސްކޮލަޝިޕްތަކުގެ ތެރެއިން ކޮންމެ ޖެނުއަރީ އިންޓޭކަށް ހުޅުވާލާ "ނައިބު ރަޝާދު ސްކޮލަޝިޕް" ސްކީމްގެ ދަށުން، މާލޭގައި ކިޔަވާ ދަރިވަރުންނަށް 50 ފުރުސަތު ލިބޭނެ އެވެ. ސަތޭކަ ސްކޮލަޝިޕްގެ ފުރުސަތު ދޭން ނިންމާފައިވަނީ، އެވިޑް ކޮލެޖުގެ ޗެއާމަން މުޝްތާގު ރަޝާދުގެ އުފަން ރަށް، ގދ. ތިނަދޫގައި ކިޔަވާ ދަރިވަރުންނަށެވެ. އެ ސްކީމްގެ ދަށުން އައްޑުއަށް 50 ސްކޮލަޝިޕް ދޭއިރު އެ ހުރިހާ ފުރުސަތުތަކާއެކު އަންނަ ޖެނުއަރީ އިންޓޭކަށް 200 އަށް ވުރެ ގިނަ ސްކޮލަޝިޕް ދޭން ވަނީ ނިންމައިފަ އެވެ.
މާސްޓާސްގެ ޕްރޮގްރާމްތަކުން ކޯސް ފީގެ 100 ޕަސެންޓު ސްކޮލަޝިޕްގެ އެއް ފުރުސަތާއި 50 ޕަސެންޓުގެ ތިން ފުރުސަތު މާލެ އާއި އައްޑު އަށް ހަމަޖައްސާފައި ވެ އެވެ. ތިނަދޫ އަށް ހާއްސަކޮށް މާސްޓާސްގެ ހުރިހާ ޕްރޮގްރާމުން ކޯސްފީގެ 100 ޕަސެންޓު ލިބޭ ދެ ފުރުސަތާއި 50 ޕަސެންޓު ލިބޭ ފަސް ފުރުސަތު ލިބޭނެ އެވެ.
ޑިސެމްބަރު މަހުގެ ނިޔަލަށް އެ ކޯސްތަކަށް ކުރިމަތިލާން ހުޅުވާލުމަށް، ގަލޮޅު ޓާފް ދަނޑުގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: އެވިޑް ކޮލެޖު
މާލެއަށާއި އައްޑޫ އަދި ތިނަދޫއަށް ޑިޕްލޮމާ ޕްރޮގްރާމްތަކުން ކޯސް ފީގެ 50 ޕަސެންޓް ސްކޮލަޝިޕް ލިބޭ 20 ފުރުސަތު ހަމަޖެހިފައިވާއިރު މާލެ އާއި އައްޑު އަށް ސެޓްފިކެޓް ލެވެލް 4 އިން ފައުންޑޭޝަންގެ ކޯސް ފީ އެއްކޮށް ސްޕޮންސާކޮށްފައިވާ 10 ފުރުސަތު އަދި 50 ޕަސެންޓް ސްޕޮންސާކޮށްފައިވާ 20 ފުރުސަތު ދޭން ވަނީ ހަމަޖައްސައިފަ އެވެ.
ތިނަދު އަށް ހާއްސަކޮށް ފައުންޑޭޝަންގެ ސެޓްފިކެޓް ލެވެލް ހަތަަރެއްގެ ކޯސް ފީގެ 100 ޕަސެންޓް ސްޕޮންސާކޮށްފައިވާ 20 ފުރުސަތާއި 50 ޕަސެންޓް ސްޕޮންސާކޮށްފައިވާ 30 ފުރުސަތު ދޭނެ އެވެ. ޑިގްރީ އަދި މާސްޓާސް ޕްރޮގްރާމްތަކަށް ކުރިމަތިލާ ދަރިވަރުންގެ ތެރެއިން ޝަރުތު ހަމަނުވާ ދަރިވަރުން ފުރިހަމަކުރަންޖެހޭ ޔުނިވާސިޓީ ޕްރިޕަރޭޝަން ޕްރޮގްރާމް އަދި ޕްރީ-މާސްޓާސް ޕްރޮގްރާމް ވެސް އެ ސްކޮލަޝިޕްގެ ދަށުން ފުރިހަމަ ކުރެވޭނެކަމަށް އެވިޑުން ބުންޏެވެ.
ސެޓްފިކެޓް ލެވެލް ތިނެއްގެ ހުރިހާ ޕްރޮގްރާމަކަށް ކުރިމަތިލާ ދަރިވަރުންނަށް 50 ޕަސެންޓުގެ ސްކޮލަޝިޕް ލިބޭނެ އެވެ.
އެ ކޮލެޖުން މިފަހަރު އަލަށް ތައާރަފްކުރި ޕްރޮގްރާމްތަކުގެ ތެރޭގައި ހިމެނެނީ އަރަބި ލޭންގުއޭޖް ލެވެލް 1، 2 އަދި 3 އާއި ގުރުއާން ލެވެލް 1، 2 އަދި 3 އާއި ހޮސްޕިޓާލިޓީ މެނޭޖްމެންޓް ސެޓްފިކެޓް 3 އަދި ޑިޕްލޮމާ އިން ޓީޗިން އިސްލާމް އެވެ. އޭގެ އިތުރުން މާސްޓާސް އޮފް އެޑިއުކޭޝަން އިން އާލީ ޗައިލްޑްހުޑް އެޑިއުކޭޝަން ހިމެނެއެވެ.
އަންނަ އަހަރު ފަށާ ކޯސްތަކުގައި އެންމެ ބޮޑު އެއް އަމާޒަކީ އެވިޑުން ބުނިގޮތުގައި ވަޒީފާގައި ބުރަކޮށް އުޅެމުން ވެސް ކިޔެވޭނެ ލުއިފަސޭހަ ގޮތްތަކެއް ތަނަވަސްކޮށް ދިނުމެވެ. އަދި އެތަނުން ހިންގާ ހުރިހާ ކޯހަކީ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ދަރިވަރުންނަށް ފަސޭހައިން ކިޔެވޭގޮތަށް ހިންގާ ކޯސްތަކެއްކަމަށް ބުންޏެވެ.
ސްކޮލަޝިޕް ފުރުސަތުތަކުގެ އިތުރުން ސަރުކާރުން ގެންދާ ހިލޭ ޑިގްރީ ޕްރޮގްރާމުން ވެސް އެވިޑުން ކިޔެވޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ