ޔާމީން ރަޝީދުގެ މަރު: 2 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވޭނެ

ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގަރ ސ. ފޭދޫ، ޗަބޭލީގޭ ޔާމީން ރަޝީދު މަރާލި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވާ މީހުންގެ ތެރެއިން ދެމީހެއްގެ މައްޗަށް ކުށް ސާބިތުވެ، މަރުގެ ހުކުމް އިއްވޭނެ ކަމަށް ކްރިމިނަލް ކޯޓުން ކަނޑައަޅައިފިއެވެ.
މިމައްސަލާގައި ދައުލަތުން ހަމީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފައެވެ. އެއީ، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދާއި މ. އިރަސްމިކުގޭ އަހުމަދު ޒިހާން އިސްމާއިލާއި ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާނާއި މ. ކުދެހިގޭ ހަސަން ޝިފާޒްގެ އިތުރުން މ. ތާއިފް އިސްމާއިލް ރަޝީދު އަދި މ. ކޮޅުފުށީ އީސްޓް، ހުސައިން ޒިޔާދެވެ.
މައްސަލައިގައި ހުކުމް އިއްވުމަށް މިއަދު ކުރިއަށްދިޔަ ޝަރީއަތުގެ އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޟީ ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ދައުވާ ސާބިތުކުރުމަށްޓަކައި އެމައްސަލާގައި ހިމެނޭ މުއްތަހަމުން ކުށުގައި އަމަލީގޮތުން ބައިވެރިވިކަން ސާބިތުވާންޖެހޭ ކަމަށެވެ.
އެ އެންމެންގެ މައްޗަށްވެސް އުފުލާފައިވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ.
އެގޮތުން، މައްސަލާގައި ހިމެނޭ ހަމީހުންގެ ތެރެއިން ކުށް ސާބިތުވީ ހައިޝަމްއާއި ޒިހާނުގެ މައްޗަށެވެ.
ހައިޝަމް އަދި ޒިހާނު އެއިރު ލައިގެން ތިބި އަންނައުނާއެކު ސިއްރު ހެކިވެރިޔަކު ތަފުސީލުކޮށް ސިފަކޮށްދީ އެ ދެމީހުން ޔާމީން ރަޝީދުގެ ގެއިން ނުކުންނަނިކޮށް ފެނުނު ކަމަށް ބުނެފައިވާ ކަމަށް ގާޟީ ވިދާޅުވިއެވެ.
މީގެއިތުރުން، ސިއްރު ހެކިވެރިޔާ ސިފަކޮށްދިން ގޮތާއި ސީސީޓީވީ ފުޓޭޖުން ފެންނަ މަންޒަރު އެެއްގޮތް ކަމަށާއި، އެއްކުރެވިފައިވާ ސީސީޓީވީ ފުޓޭޖުން ގެތެރެއަށް ދެމީހަކު ވަންނަ މަންޒަރާއި ޔާމީން ރަޝީދަށް ހަމަލާދޭ މަންޒަރު ފެންނަ ކަމަށް ޤާޟީ ވިދާޅުވިއެވެ.
އެހެންކަމުން ހުށަހަޅާފައިވާ ހުރިހާ ހެކިތަކުގެ މައްޗަށް ބިނާކޮށް ދައުލަތުން އުފުލާފައިވާ ދައުވާ އެ ދެމީހުންގެ މައްޗަށް ސާބިތުވާކަމަށް ޤާޟީ ވަނީ ކަނޑައަޅުއްވާފައެވެ.
އެއަށްފަހު ދެން އޮންނާނީ ޔާމީން ރަޝީދުގެ ވާރިސުންގެ ބަސް ނެގުމެވެ.
ވާރިސުންގެ ބަސް ނެގުމަށްފަހު މައްސަލައިގައި ކުށް ސާބިތުވާ ދެމީހުންގެ މައްޗަށް މަރުގެ ހުކުމް އިއްވުމާމެދު ގޮތެއް ނިންމޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ