ރަނިންގ މޭޓަކަށް ޑރ. ވަހީދު އިހުތިޔާރުކުރީ ކޮންމެ ފަހަރަކު "ފިއްލަވާތީވެ": އެމްޑީޕީ

2008 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ރަނިންގ މޭޓަކަށް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ހަމަޖައްސާފައިވަނީ ޑރ. ވަހީދު ކޮންމެ ފަހަރަކު "ފިއްލަވާތީވެ" އެކަން ހުއްޓުމަށް ކަމަށް އެމްޑީޕީއިން ބުނެފިއެވެ.
މިއަދު އެމްޑީޕީއިން ކުރިއަށްގެންދާ ބޮޑު މުޒާހަރާ ސަރަހައްދުގައި ނޫސްވެރިންނަށް މައުލޫމާތުދެމުން އެމްޑީޕީގެ ސްޕޯކްސްޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އިމްތިޔާޒު ފަހުމީ (އިންތި) ވިދާޅުވީ ރިޔާސީ އިންތިހާބުގައި އެމްޑީޕީ ޓިކެޓުގައި ނައިބު ރައީސްގެ މަގާމު ޑރ. ވަހީދަށް ދެއްވާފައިވަނީ އެމްޑީޕީގައި ގާބިލު ލީޑަރުން ނެތުމުން ނޫން ކަމަށެވެ.
"ޑރ. ވަހީދު ކޮންމެ އިންތިހާބަކުން ބަލިވެ، ފިއްލަވާތީވެ، އެކަން ހުއްޓުވުމުގެ ގޮތުން، ރައީސް ނަޝީދުގެ ރަނިންގ މޭޓުކަން ޑރ. ވަހީދަށް ދިނީ ކަމަށް ގަބޫލުކުރެވެނީ" އިންތި ވިދާޅުވިއެވެ.
އެމްޑީޕީއިން މިހެން ބުނެފައިމިވަނީ، މިހާރު ރައީސް ވަހީދު އައްޑޫ ސިޓީއަށް ކުރަށްވަމުންގެންދަވާ ދަތުރުފުޅުގައި އެމަނިކުފާނަށް ރަނިންގ މޭޓުކަން ދެއްވީ އެމްޑީޕީގައި ލީޑަރުން ނެތުމުން ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
މިއަދުގެ ޕްރެސްގައި އިންތި އިތުރަށް ވިދާޅުވީ އައްޑޫ ސިޓީއަށް ރައީސް ވަހީދަށް އަރާވަޑައިގެންނެވުނު ހާލުން، ރައްޔިތުންގެ ތާއީދު އެމަނިކުފާނަށް އޮތް މިންވަރު ވަރަށް ރަނގަޅަށް ދޭހަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ