އަޅުގަނޑުވާނީ ހުރިހާ ރައްޔިތުންގެ ރައީސަކަށް: ޔާމީން

ވެރިކަން ކުރައްވާނީ އެއްވެސް ތަފާތު ކުރުމެއްނެތި ކަމަށާއި އެ މަނިކުފާނު ވެވަޑައިގެންނަވާނީ ރައްޔިތުންގެ ރައީސަކަށް ކަމަށް މިއަދު ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ހޯއްދެވި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.
ޔާމީން މިހެން ވިދާޅުވީ މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ދެވަނަބުރު ކާމިޔާބު ކުރެއްވުމަށްފަހު ފުރަތަމަ ފަހަރަށް މީޑިއާ މެދުވެރިކޮށް އާންމުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.
އެ މަނިކުފާނު ވިދާޅުވީ ލީޑަރުންގެ ސިޔާސީ ވިސްނުން ބަދަލުވެގެން ދިއުމުން ނިކުންނާނީ ތާރީހީ ނިންމުމެއް ކަމަށެވެ. އަދި މި މަސައްކަތް ކުރީ ގައުމާއި އިސްލާމް ދީން ހިމާޔަތް ކުރުމަށް ކަމަށެވެ. އަދި މިއީ މާތްﷲ ގައުމަށް ދެއްވި މަތިވެރި ނިއުމަތެއް ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނަށް ދެއްވި ވޯޓަކީ އިއްތިހާދުވި ފަރާތްތަކާއެކު ދެއްވި ވޯޓެއްކަން ދުވަހަކު ވެސް ހަނދާން ނައްތާނުލައްވާނެ ކަމަށާއި އަދި މަސައްކަތް ކުރައްވާނީ މުޅި ގައުމަށް ކަމަށާއި އެއްވެސް ޕާޓީއެއްގެ މީހަކު ބާކީ ނުކުރައްވާނޭ ކަމަށެވެ.
ރައީސް ނަޝީދަށް ޝުކުރު އަދާކުރައްވާ ކަމަށާއި ގައުމަށް ހަމަޖެހުން އަންނަން ވެއްޖެ ކަމަށްވެސް ވިދާޅުވެއެވެ. އަދި ޔާމީންގެ ސަރުކާރުން ފާހާނާ ސާފުކުރަން ހަވާލުކުރިޔަސް ކުރައްވާނެ ކަމަށް ގާސިމް ވިދާޅުވުމުން، ގާސިމް ފަދަ އިހްލާސްތެރި ބޭފުޅަކު ފާހާނާ ސާފުކުރަން ނުޖެހޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން އިތުރަށް ވިދާޅުވީ ކުރިމަތިލާނީ ސިޔާސީ ގޮތުން ހިޔާލު ތަފާތުވާ މީހުންނާ ނޫން ކަމަށާއި ގައުމީ ބޮޑެތި މައްސަލަތަކާއި، އެމްޑީޕީއާ ކުރިމަތިލާކަން ނެތިން ކަމަށް ވިދާޅުވިއެވެ. އަދި އެ ބޭފުޅުންނާ އެކީ އެއް މޭޒު ދޮށުގައި ވާހަކަ ދައްކަން ކެރޭނެ ކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ