ފަލަސްތީނާ މެދު ސަލާމަތީ މަޖިލީހުގައި މަޝްވަރާކުރީ ދެ މިނެޓް!

އދ.މަޖިލިސް (ސެޕްޓެމްބަރު 29) - އދ.ގެ ފުރިހަމަ މެންބަރަކަށް ވުމަށް ފަލަސްތީނުން ސަލާމަތީ މަޖިލީހަށް ހުށަހަޅާފައިވާ ހުށަހެޅުމާ މެދު އާންމުކޮށް ހުޅުވާލައިގެން އިއްޔެ ބޭއްވި ފުރަތަމަ ބައްދަލުވުން ހުރިހާ މެންބަރުންނާ އެކު އެންމެ ދެ މިނެޓެއްހާއިރު ކުރިއަށް ގެންދިއުމަށް ފަހު، ފަލަސްތީނުގެ މައްސަލަ ހާއްސަ ކޮމިޓީއަކަށް ފޮނުވައިފި އެވެ. ސަލާމަތީ މަޖިލީހުގެ 15 މެންބަރުން އިއްޔެ ނިންމާފައި ވަނީ ފަލަސްތީނުގެ ހުށަހެޅުމާ މެދު ގޮތެއް ނިންމުމަށް މެމްބަޝިޕާ ބެހޭ ހާއްސަ ކޮމިޓީއަކަށް ފޮނުވުމަށެވެ. "މި ކަމާ ބެހޭ ގޮތުން އިތުރު ހުށަހެޅުމެއް ނެތް ކަމަށްވާ ނަމަ، އާ މެންބަރުންގެ ކަންތައް ބަލަހައްޓާ ކޮމިޓީ އަށް ހުށަހެޅުން ފޮނުވަން މި ނިންމަނީ،" މި މަހު ސަލާމަތީ މަޖިލީހުގެ ރިއާސަތު ބަލަހައްޓަވާ، ލުބްނާންގެ ސަފީރު ނަވާފް ސަލާމް ވިދާޅުވި އެވެ. ސަލާމް މިހެން ވިދާޅުވުމާ އެކު މާ ގިނަ ވަގުތުތަކެއް ނުދެއްވައި ބައްދަލުވުން ނިންމަވާލެއްވީ އެވެ. އެ ކުޑަ ވަގުތުކޮޅުގެ ތެރޭގައި އިތުރު ހުށަހެޅުމެއް ނާދެ އެވެ. މެމްބަޝިޕް ކޮމިޓީ ވެސް އެކުލެވިގެން ވަނީ ސަލާމަތީ މަޖިލީހުގެ 15 މެންބަރުންގެ މައްޗަށެވެ. މި ކޮމިޓީ މާދަމާ ބައްދަލުކުރާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ. ފަލަސްތީނަކީ އދ.ގެ ފުރިހަމަ މެންބަރެއްގެ ގޮތުގައި ބަލައިގަތުމަށް އެދި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ހުށަހެޅުއްވީ ހުކުރުދުވަހު އެވެ. އެ ހުށަހެޅުމަށް ގިނަ ގައުމުތަކުން ތާއީދުކޮށް އައްބާސް އަށް ތަރުހީބު ދީފައި ވިޔަސް އެމެރިކާ އިން ބުނަމުން ދަނީ ސަލާމަތީ މަޖިލީހުގައި ފަލަސްތީނުގެ ހުށަހެޅުން ވީޓޯކުރާނެ ކަމަށެވެ. އަދި ފަލަސްތީނަށް މިނިވަން ދައުލަތެއް ލިބޭނީ އިޒްރޭލާއި ފަލަސްތީނުން ވާހަކަ ދައްކައިގެން ކަމަށާއި އެ ނޫން ގޮތަކުން ހަގީގީ ސުލްހައެއް ނުލިބޭނެ ކަމަށް ވެސް ދަނީ ބުނަމުންނެވެ. ސަލާމަތީ މަޖިލީހުގައި އިއްޔެ ނިންމި ގޮތުގެ ސަބަބުން އިޒްރޭލާއި ފަލަސްތީނާ ދެމެދު ވާހަކަ ދެއްކުމަށް ވަގުތު ލިބިގެން ދާނެ ކަމަށް ބައެއް ފަރާތަކުން ދެކެ އެވެ. ފަލަސްތީނާއި އިޒްރޭލުގެ މަންދޫބުން އިއްޔެ އދ.ގައި ވަނީ އެންމެ ފަހުން ދެ ފަރާތުގެ މެދުގައި ބޭއްވި ވާހަކަތައް ނާކާމިޔާބުގެ ހުއްޓާލަން ޖެހުމުގެ ޒިންމާ އެއްބަޔަކު އަނެއް ބައެއްގެ ބޮލުގައި އަޅުވައިފަ އެވެ. ފަލަސްތީނުން ބުނަމުން ދަނީ ޔަހޫދީންނަށް އިތުރު ގެތައް ބިނާކޮށްދިނުން އިޒްރޭލުން ހުއްޓާ ނުލާހާ ހިނދަކު ވާހަކަ ނުދައްކާނެ ކަމަށެވެ. އެންމެ ފަހުން އަންގާރަދުވަހު ވެސް އިޒްރޭލުން ވަނީ ޔަހޫދީންނަށް އިތުރު ގެތަކެއް ހަދަން އިއުލާނުކޮށްފަ އެވެ. --އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ