ގާސިމާއި ޑީންގެ ރިސޯޓްތައް ބޮއިކަޓް ކުރަން ފްރެންޑްސް އޮފް މޯލްޑިވްސް އިން ނޯޓިސް ނެރެފި

ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ވަހީދުގެ ނާއިބެއްގެ ގޮތުގައި އައްޔަން ކުރެއްވުމަށް ނިންމަވާފައިވާ މުހަންމަދު ވަހީދުއްދީން (ޑީން) ގެ ބަނޑޮސް އައިލެންޑް ރިސޯޓާއި، ސަރުކާރަށް ތާއީދުކުރައްވާ ގާސިމް އިބްރާހީމްގެ ރިސޯޓްތައް ބޮއިކޮޓްކުރުމަށް ގޮވާލައި، ފްރެންޑްސް އޮފް މޯލްޑިވްސް އިން ޓްރެވެލް އެޑްވައިޒަރީ ނޯޓިސްއެއް ނެރެފި އެވެ. ފްރެންޑްސް އޮފް މޯލްޑިވްސްގެ ފައުންޑަރު ޑޭވިޑް ހާޑިންހަމް އަކީ، ކުރީގެ ރައީސް މުހަންމަދު ނަޝީދު އަދި އެމްޑީޕީއާ ފެށުނީއްސުރެ ގާތް ގުޅުމެއް އޮންނަ މީހެކެވެ. ނަޝީދު 2008 ގައި ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ހިންގެވި ހަރަކާތްތަކާ އެކު ވެސް، އޭރުގެ ރައީސް މައުމޫންގެ ސަރުކާރަށް ތާއީދުކުރާ ކަމަށް ބެލެވޭ ބައެއް ރިސޯޓްތައް ބޮއިކޮޓް ކުރުމަށް ގޮވާލައި މިފަދަ އެޑްވައިޒަރީއެއް، ހާޑިންހަމް އިސްވެ ހުރެގެން ވަނީ ނެރެފަ އެވެ. ނަޝީދުގެ ވެރިކަމުގެ ދުވަސްވަރު ހާޑިންހަމް ވަނީ ރާއްޖޭގެ ކޮންސެލްގެ މަގާމު ވެސް ފުރައިފަ އެވެ. އެހެން ނަމަވެސް ނަޝީދުގެ ވެރިކަން ވެއްޓުމާ އެކު އޭނާ ވަނީ އެ މަގާމުން އިސްތިއުފާ ދީފަ އެވެ. ނަޝީދުގެ ވެރިކަން މި މަހުގެ 7 ގައި ބަދަލުވެ، މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހު ނުތަނަސްވެފައިވާ މި ދަނޑިވަޅުގައި، ޓޫރިސްޓުން ނުދިއުމަށް އެދި ފްރެންޑްސް އޮފް މޯލްޑިވްސް އިން ޓްރެވެލް އެޑްވައިޒަރީ ނެރެފައި ވަނީ، ޑީންގެ ބަނޑޮސް އައިލެންޑް ރިސޯޓުގެ އިތުރުން ގާސިމްގެ ހަތަރު ރިސޯޓަކަށެވެ. އެއީ ސަން އައިލެންޑާއި ޕެރެޑެސް އައިލެންޑާއި ރޯޔަލް އައިލެންޑް އަދި ހޮލިޑޭ އައިލެންސް ރިސޯޓް އެންޑް ސްޕާ އެވެ. ފްރެންޑްސް އޮފް މޯލްޑިވްސްގެ ވެބްސައިޓުގައި ބުނެފައިވާ ގޮތުގައި، އަވަސް އިންތިހާބެއް ބޭއްވުމަށް ގޮވާލައި މިހާރު މުޒާހަރާތައް ބާއްވަމުން ގެންދަނީ މާލެ އާއި މީހުން ދިރިއުޅޭ ރަށްރަށުގަ އެވެ. އެހެން ނަމަވެސް ނަޝީދުގެ ވެރިކަން ބަދަލުކުރަން ބަޣާވާތް ގެނައުމުގެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ބުނާ ފަރާތްތަކުގެ ރިސޯޓްތަކުގައި މުޒާހަރާތަކާއި އެކި ބާވަތުގެ އިހުތިޖާތައް ކުރިއަށް ގެންދިއުމުގެ ފުރުސަތު އެބައޮތް ކަމަށް ވެސް އެ ލިޔުމުގައިވެ އެވެ. އެކަމަކު އޭގައި ބުނެފައި ވަނީ، އެ މުޒާހަރާތަކުގެ ސަބަބުން މާ ބޮޑު ނުރައްކަލެއް ނެތް ކަމަށެވެ. އަދި އެ ރިސޯޓްތަކުގައި އަމާން މާހައުލެއް ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ. ރާއްޖެ ވިޔަސް އަދި އެހެން ގައުމެއް ވިޔަސް އެގައުމެއްގެ ރައްޔިތުންނާ އިދިކޮޅަށް ހިންގާ ބޮޑެތި ޖަރީމާތަކަށް ނޭނގި ވެސް ޓޫރިސްޓުންނަށް އެހީތެރިވެދެވިދާނެ ކަމަށާއި މިފަދަ ކަންކަމަށް ސަމާލުވުމަށް އެނޯޓިސް ގައި އިލްތިމާސްކޮށްފައިވެ އެވެ. މީގެ އިތުރުން އިނގިރޭސިވިލާތުގެ ޓެލެގްރާފް ނޫހަށް ދިން އިންޓަވިއުއެއްގައި ހާޑިންހަމް ބުނެފައި ވަނީ، ހުރިހާ ރިސޯޓްތައް ބޮއިކޮޓްކުރުމުގެ މާ ބޮޑު ފައިދާއެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ނަޝީދުގެ ވެރިކަން ވައްޓާލުމުގެ ފަހަތުގައި ތިބި ރިސޯޓްތަކުގެ ވެރިންގެ ކަންތައްތައް ބަލަމުންދާ ކަމަށް އޭނާ ބުންޏެވެ. މި އިންޓަވިއުގައި، އެމްޑީޕީގެ ތަރުޖަމާން އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހާމިދު އަބްދުލް ޣަފޫރާ ހަވާލާދީ ބުނެފައި ވަނީ، ގާސިމާއި ޑީންގެ ރިސޯޓްތައް ބޮއިކޮޓް ކުރުމުގެ ކެމްޕޭނަށް ސީދާ ނަޝީދު ތާއީދުނުކުރެއްވި ނަމަވެސް އެކަމާ ވިސްނަމުންދާ ކަމަށެވެ. "ރައީސުލްޖުމްހޫރިއްޔާގެ ނާއިބަކަށް އައްޔަން ކުރައްވާފައި ވަނީ ރިސޯޓެއް ހިންގަވާ ބޭފުޅެއް. އެހެންކަމުން އެ ކެމްޕޭނަށް އަޅުގަނޑުމެން ތާއީދުކުރުމަކީ ހަމަ ކައިރީގައިވާ ކަމެއް،" ހާމިދު ވިދާޅުވެފައިވެ އެވެ. ހާޑިންހަމް އަކީ މައުމޫންގެ ސަރުކާރުގެ ދުވަސްވަރު، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެގެން ރާއްޖެ އިން ޑީޕޯޓް ކޮށްފައިވާ މީހެކެވެ. އޭނާ 2005 ގައި ރާއްޖެ އިން ޑީޕޯޓްކުރީ، މައުމޫން ޖެނީވާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، އޫއެންގެ ބައްދަލުވުމަކަށް ވަޑައިގަންނަވަނިކޮށް އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވައި އެމަނިކުފާނަށް ހަމަލަދޭން އުޅުނު ކަމަށް ޝައްކުކުރެވޭތީ ކަމަށް މައުމޫންގެ ސަރުކާރުން ބުނެފައިވެ އެވެ. ހާޑިންހަމް އަށް ރާއްޖެ އައުމުގެ ހުއްދަ ދިނީ ވެރިކަމާ ނަޝީދު ހަވާލުވެވަޑައިގަތުމާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ