ސުލްހައިގެ ވާހަކަތަކުގައި މާދަމާ ކުރިއަށް ދާނީ ހަމަނުޖެހުމަކީ ކޮބައިތޯ ބެލުން

ސުލްހައިގެ ވާހަކަތަކުގެ ނުރަސްމީ ބައްދަލުވުމުގެ ތެރޭގައި މާދަމާ ހެނދުނުގެ ދަންފަޅީގައި ކުރިއަށް ދާނީ އެޖެންޑާގެ ފުރަތަމަ އައިޓަމް ކަމަށްވާ \" މިހާރު ހިނގަމުންދާ ހަމަނުޖެހުންތައް ހައްލުކުރުން\"ގެ ތެރެއިން ހަމަނުޖެހުން މާނަ ކުރުން ކަމަށް ސީއެންއެމަށް މައުލޫމާތު ލިބިއްޖެ އެވެ.
ސުލްހައިގެ ވާހަކަތަކުގައި މިރޭ އޮތް ބައްދަލުވުމުގައި ކުރިއަށް ދިޔައީ މިހާރު ހިނގަމުންދާ ހަމަނުޖެހުން ހައްލު ކުރުމަށް ގޮތްތަކެއް ހޯދުން ކަމަށެވެ. އެގޮތުން ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން އެދެމުން ދިޔައީ އެމްޑީޕީން މިހާރު ހިންގަމުންދަނީ ހަމަނުޖެހުން ތަކެއް ކަމަށާއި އެއްވެސް ޝަރުތެއް ނެތި ހަމަނުޖެހުންތައް ހުއްޓާލުމަށެވެ. ނަމަވެސް އެމްޑީޕީން ވަނީ އެކަމާއި ދެކޮޅު ހަނދައި ބަޣާވާތަކުން ގެނައި ސަރުކާރެއް ކަމަށްވާތީ ސިޔާސީ ގޮތުން ރައްޔިތުންގެ އުދާސްތައް ބޭރު ކުރާނެ ކަމަށް ބުނެފައެވެ.
ބައްދަލުވުމުގެ ބައިވެރިއަކު ވިދާޅުވީ އެމްޑީޕީން ބާޣީއޭ ގޮވުމުން އެހެން ޕާޓީތަކުން އެކަމާއި ހިތްހަމަނުޖެހުން ފާޅު ކުރި ކަމަށެވެ. އަދި ސުލްހައިގެ ވާހަކަތަކުގައި ބާޣީއޭ ނުކިއުމަށް އެއްބަސް ވެވުނު ކަމަށެވެ.
"އެމްޑީޕީންވެސް ގޮތްދޫނުކުރޭ. އެހެން ނަމަވެސް ފާޑަކަށް އެއްބަސް ވެވުނު "ބާޣީ" މިބަސް ބޭނުން ނުކުރުމަށް" ބައްދަލުވުމުގެ މެމްބަރަކު ވިދާޅުވި އެވެ.
ސުލްހައިގެ ވާހަކަތަކުގެ ބައިވެރިއަކު ވިދާޅުވީ މާދަމާ ކުރިއަށްދާނީ ހަމަނުޖެހުން މާނަ ކުރުން ކަމުގަ އެވެ.
" އެމްޑީޕީން ބުނަނީ މިއީ ހަމަނުޖެހުމެއް ނޫނޭ. އެހެން ޕާޓީތަކުން މި ބުނަނީ އެއީ ހަމަނުޖެހުމޭ" މެމްބަރަކު ވިދާޅުވި އެވެ.
އެމްޑީޕީން ވާހަކަތަކުގައި ބައިވެރިވެ ވަޑާއިގެންނެވި ހާމިދު އަބުދުލް ޣަފޫރު ވިދާޅުވީ އެބޭފުޅުންގެ ސްޓޭންޑް ވަރަށް ސާފު ކަމަށާއި އެބޭފުޅުން ބޭނުން ކުރައްވަމުން ގެންދަވަނީ ގާނޫނު އަސާސީން ލިބިދޭ ހައްގެއް ކަމަށެވެ. އެހެން ކަމުން ބަޔަކު ބުނެގެން އެހައްގު ދޫކޮށްލެވެން ނޯންނާނެ ކަމަށެވެ.
" ވަރަށް ސިމްޕަލް. މިސާލަކަށް މިގައުމުގައި އޮތީ އެމްޑީޕީގެ ވެރިކަމެއް.އެހެން ވެއްޖެއްޔާ އެބޭފުޅުން ތިބޭނެތޯ؟ އަޅުގަނޑުމެން ހަނދަން ބޭނުން އެއްޗެއް ހަދަންދެން އެއްޗެކޭ ނުބުނެ. އަނެއް ކޮޅުން މިގައުމުގައި ހިނގާ މާރާމާރީ ތަކެއްގެ ވާހަކަ އެބޭފުޅުން ފާހަގައެއްވެސް ނުކުރައްވާ. ހަމަނުޖެހުން މި މާނަ ކުރަނީ ސިޔާސީ ހަމަނުޖެހުން ގޮތުގައި" ހާމިދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ