ރާއްޖޭގެ ބަޖެޓުގައި ފައިސާ ނެތީ މިހާރު އެކަންޏެއް ނޫން: ނައިބު ރައީސް

ސަރުކާރު ބަޖެޓުގައި ފައިސާ ނެތީ މިހާރު އެކަނި ނޫން ކަމަށާއި މީގެ ކުރިން ވެސް އެފަދަ ހާލަތްތައް މެދުވެރިވެފައިވާ ކަމަށް ނައިބު ރައީސް މުހައްމަދު ވަހީދުއްދީން (ޑީން) މިއަދު ވިދާޅުވެއްޖެ އެވެ. ދިވެހި ރާއްޖޭގެ އަޑަށް އަންނަ ޑިސެމްބަރު 29 ގައި، 50 އަހަރު ފުރުމުގެ ރަން ޔޫބީލްގެ ހަރަކާތްތައް ފެށުމަށް ސިނެކޯ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ މާޒީ ހަނދާން ނެތުމަކީ ނިކަމެތި ސިފައެއް ކަމަށާއި އެކަމަކު ބައެއް މީހުންނަށް މާޒީ ހަނދާން ނުވާ ކަމަށެވެ. ހޯޕް ކިޔާ ބޯޓަކަށް ގޮސް އޭގައި ހުރި ބައެއް ސާމާނު ބައްލަވާގަންނަވަން މަސައްކަތްކުރެއްވި ދުވަސް އެމަނިކުފާނުގެ ހަނދާނުގައި ހުރި ކަމަށް ވިދާޅުވި އެވެ. އެ ބޯޓުގެ ތަފްސީލެއް ނައިބު ރައީސް ނުދެއްވަ އެވެ. "މިކަހަލަ ދުވަސް ދުވަސް މީގެ ކުރީގައި ވެސް އައިސްފައި އެބަހުރި،" ނައިބު ރައީސް ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމަށް މިއަދު ކުރިމަތިވެފައިވާ ގޮންޖެހުންތައް ކުރިއާ އަޅާބަލާއިރު ވަރަށް ބޮޑެވެ. ދިވެހިރާއްޖޭގެ އަޑުން އަބަދުވެސް މަސައްކަތް ކޮށްފައި ވަނީ ރައްޔިތުންނަށް ތެދު ހާމަކޮށްދިނުމަށް ކަން ފާހަގަކުރައްވައި ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި ވެސް އެކަން އެގޮތަށް ކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. ނައިބު ރައީސް ވިދާޅުވި ގޮތުގައި ދެ ފަރާތް ފެންނަ ގޮތަށް ވާހަކަ ދެއްކުމަކީ މިއަދު ކުރަން ޖެހިފައި އޮތް ކަމެކެވެ. ކިތަންމެ ދައްކަން ބޭނުން ނުވިއަސް ދެ ފަރާތުގެ ވާހަކަ ދައްކަން ޖެހޭ ކަމަށާއި ދެ ފަރާތް އެނގިގެން ނޫނީ ހިނގަންވީ މަގެއް ރައްޔިތުންނަށް ނޭނގޭނެ ކަމަށް ވެސް ވިދާޅުވި އެވެ. އަޑުގެ ޚަބަރާއި މައުލޫމާތާއި އެހެން ޕްރޮގްރާމްތައް ގެނެސްދޭއިރު ވެސް ހަމަހަމަކަމާއި ތެދުވެރިކަމާ އެކު ގެނެސްދޭނެ ކަމުގެ ޔަގީންކަން ދީފައިވާތީ އެގޮތަށް އަމަލުކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެ އަޑުގެ 50 އަހަރުގެ ހިދުމަތްތެރިންނަށް އެމަނިކުފާނު ޝުކުރުއަދާކުރެއްވި އެވެ. އަދި ދިވެހިރާއްޖޭގެ އަޑު މިހާރަށް ވުރެ ކުރިއެރުވުމަށް ވެދެއްވެން އޮތް އެހީތެރިކަމަކާއި އެއްބާރުލުމެއް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ