މަރަދޫ ގެއަކަށް ބަޔަކު ވަދެ މާރާމާރީ ހިންގައި، ގެއަށް ބޮޑެތި ގެއްލުންތަކެއް ދީފި

ސ. މަރަދޫ ގެއަކަށް ގްރޫޕް ހަދައިގެން ބަޔަކު ވަދެ މާރާމާރީ ހިންގައި އެ ގެއަށް ބޮޑެތި ގެއްލުންތަކެއް ދީފި އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު މާރާމާރީ ހިންގައި ގެއްލުންދީފައި ވަނީ އެރަށު މަދޮށިގެ އަށެވެ. މި ގެއަކީ މުސްކުޅި ދެމަފިރިއަކު އެކަނި ދިރިއުޅެމުން އަންނަ ގެއެކެވެ. އެގެއަށް ދަންވަރު ދޭއް ޖަހާ އެހާކަށްހާ އިރު ވަދެ ގެއަށާއި ގޭގައި ހުރި ގިނަ ތަކެއްޗަށް ގެއްލުންދީފައި ވެ އެވެ.
އައްޑު އަތޮޅުގައި ތިބޭ އެކި މީޑިއާގެ ނޫސްވެރިން އިއްޔެ ހެނދުނު އެ ގެއަށް ދިޔައިރު ގޭގެ ކޮޓަރިތަކުގެ ބޮޑު ދޮރުތައް ހަލާކުކޮށްލައި ކުޑަ ދޮރުތަކުގައި ހުރި ބިއްލޫރިތައް ވެސް ތަޅާލައިފައިވާ މަންޒަރު ފެނިފައިވެ އެވެ. އަދި އެ ގޭ އަންހެން މީހާ ދިޔައީ ގޭތެރެ ސާފު ކުރުމުގެ މަސައްކަތް ވެސް ކުރަމުންނެވެ. ގޭގައި ހުރި ތަކެތި އެކި ތަންތަނަށް އުކާލައި ތަކެއްޗަށް ގެއްލުންދީފައިވެ އެވެ.
އެގޭގައި ދިރިއުޅެމުން އަންނަ އައިމިނަތު ހަސަން ރޮމުން ބުނި ގޮތުގައި އެ ގެއަށް ވަދެ މާރާމާރީ ހިންގައި ގެއްލުންދީފައި ވަނީ އެ މީހުން ނިދައިފައި ތިއްބަ އެވެ.
"އަޅުގަނޑުމެން ކޮޓަރީގައި ނިދައިފައި ތިއްބައި ގޭގެ މައިދޮރު ވެސް ހަލާކު ކޮށްލައިގެން ވަދެ ފެންލައިޓްތަކުން ގާއުކައި ގޭތެރެ އަށް ވަދެ ދެ ކޮޓަރިއެއްގެ ބޮޑު ދޮރު ވެސް ހަލާކުކޮށްލައި ކުޑަ ދޮރުގެ ބިއްލޫރިތައް ވެސް ވަނީ ތަޅާލައިފައި،" އޭނާ ބުންޏެވެ. "އަދި ކޮޓަރިތެރެ އަށް ވަދެ ފިރިމީހާގެ ފައިގައި ލަކުޑި ބުރިއަކުން ވެސް ޖަހައިފައި ވަނީ. އަޅުގަނޑުގެ ގައިގައި ވެސް ޖަހަން އުޅުމުން އަވަސް އަވަހަށް ގިފިލިތެރެ އަށް ނިކުމެ އެތަނުން ބޭރަށް ނުކުމެވެން ހުރި ތަނަކުން ނުކުމެގެން ދުވަމުން ގޮސް ރަށުގެ ބޮޑު މަގަށް ނުކުމެ އުޅެނިކޮށް ފުލުހުންގެ ޖިޕް ފެނިގެން އެ މީހުން މަޑު ކުރުވައިގެން އައީ. އޭރު އެ މީހުން ފިލައިގެން ހިނގައްޖެ. ގޭގައި ހުރި ހުރިހާ ހިފާ ގެންގުޅޭ ސާމާނެއް ވެސް ވަނީ ހަލާކުކޮށްލައިފައި. ކޮޓަރީގެ މޭޒުމަތީގައި ހުރި ވީސީއާރު ވެސް ވަނީ ހަލާކުކޮށްލައި."
އޭނާ ބުނީ މިކަން ކުރީ ސީދާ ކޮން ބަޔަކުކަން ނޭނގޭ ކަމަށާއި ދޭތެރެ ދޭތެރެއިން އެގެ އަށް މިފަދަ ގެއްލުންތައް ދިނުމަކީ ވަރަށް އާންމު ކަމެއް ކަމަށެވެ. މިކަމާ ގުޅިގެން ގޭގައި ދިރިއުޅެން ވަރަށް ބޮޑަށް ބިރުގެންފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.
"އަޅުގަނޑަކަށް ނޭނގޭ އެއީ ކޮން ބައެއް ކަމެއް. އެކަމަކު އެގްރޫޕްގައި ތިބޭނެ އަށެއްކަ މީހުން،" މަރަދުފޭދު އަށް އުފަން އައިމިނަތު ބުންޏެވެ. "މިކަން އަޅުގަނޑުމެންނަށް މިހާރު ވަނީ އާންމު އުނދަގުލަކަށްވެފައި. ވަރަށް ޖެހިލުންވޭ މިހާރު މިގޭގައި އުޅެން. އަޅުގަނޑުމެން ދެމަފިރިން އެކަނި މިގޭގައި އުޅެނީ. އަޅުގަނޑުމެން ދެ މީހުންގެ ކުދިންނެއް ނުތިބޭ. އެކަމަކު އަޅުގަނޑު އެހެން މީހަކާ އިނދެފައި ލިބުނު ހަ ކުދިން ތިބޭ. އެމީހުން ދިރިއުޅެނީ މަރަދޫފޭދޫގައި."
ގަން ޕޮލިސް ސްޓޭޝަނުން ބުނީ މިމައްސަލަ އާ ގުޅިގެން މިހާތަނަށް ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.
"މިމައްސަލައާ ގުޅިގެން މިހާތަނަށް އަޅުގަނޑުމެން ވަނީ ހަތަރު މީހަކު ހައްޔހަރުކޮށްފައި. އޭގެތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ދެ ކުދިން ވެސް ހިމެނޭ." ގަން ޕޮލިސް ސްޓޭޝަންގެ އިންޗާޖް ސަބް އިންސްޕެކްޓަރު އަހުމަދު މުހައްމަދު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ