އިސްލާމްދީނަކީ ރަހްމަތުގެ ދީން، ސުލްހަވެރިކަމުގެ ދީން: ރައީސް

އިސްލާމްދީނަކީ ރަހްމަތުގެ ދީން ކަމަށާއި ސުލްހަވެރިކަމުގެ ދީން ކަމުގައި ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. ރައީސް މިހެން ވިދާޅުވީ، ރަމަޟާން މަހުގެ ރޭތައް އިހްޔާކޮށް ދިރުވުމުގެ ޕްރޮގްރާމްގެ ދަށުން ރޭ ބޭއްވި ފުރަތަމަ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމްދީނަކީ ލޭ އޮހޮރުވުމަށް ގޮވާލާ ދީނެއް ނޫން ކަމަށާއި އިސްލާމްދީން ފެތުރިފައި ވަނީ ކަނޑީގެ ބާރުން ކަމަށް ދައްކާ ވާހަކަ އަކީ ކަނޑައެޅިގެން ދޮގު ވާހަކަތަކެއް ކަމުގައި ރައީސް ވިދާޅުވެ، ކީރިތި ގުރުއާނުން މިކަމުގެ ދަލީލުތައް ދެއްކެވި އެވެ. އަދި އިސްލާމްދީނުގައި ހަނގުރާމަ ޝަރުއު ކުރައްވާފައި ވަނީ ދިފާއީ ކަމެއްގެ ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ.
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ނަސާރާދީނުގެ ބައެއް މީހުން ދައްކާފައިވާ ކަމަށް ދާދި ފަހުން ހުޅަނގުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފަތުރާފައިވާ ވާހަކަތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ. މިއީ، އިސްލާމްދީނުގެ ތަސައްވުރު ކިލަނބު ކުރުމަށްޓަކައި ނުވަތަ ދީނުގެ ހަގީގަތްތައް އޮޅުވާލުމަށްޓަކައި އަދި އިސްލާމްދީނާއި ލޭ އޮހޮރުވުމާއި ހަރުކަށި އަމަލުތައް ހިންގުމާ ގުޅުވުމުގެ ގޮތުން ހަދައިގެން ދައްކާ ވާހަކަތަކެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސްގެ ވާހަކަފުޅުގައި، މި ވާހަކަތައް ޚަބަރު ފަތުރާ ވަސީލަތްތަކުގައި އުޅުނީ އ.ދ. މަޖިލީހުގެ 61 ވަނަ އާންމު ޖަލްސާ ހިނގަމުން ދިޔައިރު ކަމަށް ވާތީ، އެ ޖަލްސާގައި ރާއްޖޭގެ ފަރާތުން އެމަނިކުފާނު ދެއްކެވި ވާހަކަފުޅުގައި މި ވާހަކަތަކަށް އިޝާރާތް ކުރައްވައި އިސްލާމްދީނުގެ ހަގީގަތް އޮޅުން ފިލުއްވައިދެއްވުމަށް މަސައްކަތްޕުޅު ކުރެއްވި ކަމުގައި ވިދާޅުވި އެވެ. އަދި ރައީސް ދެއްކެވި ވާހަކަފުޅަކީ ދިވެހި ރައްޔިތުންގެ އަރިހުގައި މަގުބޫލު ވާހަކަ އަކަށްވި ކަމަށްޓަކައި ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވެ ދިވެހި ރައްޔިތުންނަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ